ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅޭ ކްރޮއޭޝިއާގެ ހުނަރުވެރި މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަކީ ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް އެކްލަބުގެ ރައީސް ފްލޮރެންޓިނޯ ޕެރޭޒް ބުނެފައިވާކަމަށް ބައެއް މީޑިއާ ޚަބަރުތަކުގައިވެއެވެ.
ޕެރޭޒް މިހެން ބުނެފައިމިވަނީ އިޓަލީގެ އިންޓަ މިލާނުން މޮޑްރިޗް ގެންދިއުމަށް މަސައްކަތްކުރާކަމަށް އިޓަލީގެ ބައެއް ނޫސްތަކުން ހާމަކޮށްފައިވަނިކޮށެވެ.
ނިމިދިޔަ ވޯލްޑްކަޕްގައި ކްރޮއޭޝިއާގެ ކެޕްޓަންކަން ކުރި މޮޑްރިޗް ވަނީ އެމުބާރާތުގެ ދެވަނަ އެޓީމަށް ހޯދައިދިނުމުގެ އިތުރުން މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ. މީގެއިތުރުން، އޭނާ ވަނީ މިދިޔަ ސީޒަނުގައި ރެއާލުން ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރުވެސް މޮޅު ކުޅުމެއް ދައްކާފައެވެ. މިފަހަރުގެ ފީފާގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާނެކަމަށް ގިނަ ބަޔަކު ޤަބޫލުކުރާ މޮޑްރިޗް ރެއާލްއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން އަދި ބާކީ ދެއަހަރު އެބައޮތެވެ.
މޮޑްރިޗް ވަނީ ރެއާލް އާ އެކު ހޭދަކުރީ ހަ ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށް ޔޫއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑްކަޕް ތިން ފަހަރު ހޯދައި ސްޕެނިޝް ސުޕަ ކަޕް ދެފަހަރު އަދި ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އެއްފަހަރު ހޯދާފައެވެ. އޭނާ ވަނީ އެކްލަބަށް 250 އަށް ވުރެ ގިނަ މެޗު ކުޅެ 13 ގޯލް ކާމިޔާބުކޮށް އިތުރު 40 ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.
ރެއާލްގެ ރައީސް ޕެރޭޒް ބުނީ މޮޑްރިޗް ގެންދިއުމަށްޓަކައި އޭނާގެ އެއްބަސްވުމުގައިވާގޮތުން 750 މިލިއަން ޔޫރޯގެ ރިލީޒް ކްލޯޒް ދައްކަންޖެހޭނެކަމަށެވެ.
"މޮޑްރިޗް ގެންދެވޭނެ އެންމެ ގޮތެއް އޮތީ. އެއީ އޭނާގެ ރިލީޒް ކްލޯޒް ކަމަށްވާ 750 މިލިއަން ޔޫރޯ ދައްކައިގެން." ޕެރޭޒް ބުންޏެވެ.
އިންޓަ މިލާނުން މޮޑްރިޗް ގެންދިއުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިމިވަނީ އެކްލަބުން ކުރިން ގެންދިއުމަށް މަސައްކަތްކުރި ބަޔާން މިޔުނިކަށް ކުޅޭ ޗިލީގެ މިޑްފީލްޑަރު އަތުރޯ ވިޑާލް އެންމެފަހު ވަގުތު ބާސެލޯނާ އަށް ބަދަލުވާން ނިންމުމުންނެވެ.