Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ހަފްތާއެއްގެ މުއްދަތަށް ހައިކޯޓު ދެކުނު ގޮތްޕަށް ފަނޑިޔާރުން ވަޑައިގަންނަވަނީ

ހައި ކޯޓް ދެކުނު ގޮފި--

އައްޑޫ ސިޓީ، ހުޅުދޫގައި ގާއިމްކޮށްފައިވާ ހައިކޯޓު ދެކުނު ގޮފީގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބާއްވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެ ގޮތްޕަށް ފަނޑިޔާރުން ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑިޖޭއޭ)އިން ބުނެފައިވާ ގޮތުގައި ދެކުނު ގޮތްޕަށް 3 ފަނޑިޔާރަކު ވަޑައިގަންނަވަނީ ހަފްތާއެއްގެ މުއްދަތަށެވެ.

ހައި ކޯޓު ދެކުނު ގޮފީގައި ތިއްބެވި ތިން ފަނޑިޔާރުން ތިން މަސް ދުވަހަށް މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރައްވާ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖެއްސީ 2017 ވަނަ އަހަރުގެ އޯގަސްޓް މަހުއެވެ. އެ މުއްދަތު ހަމަވުމަށް ފަހު ވެސް އެބޭފުޅުން ތިއްބެވީ މާލޭގައެވެ.

ހައިކޯޓު ދެކުނު ގޮފީގައި އެންމެ ފަހުން ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާފައި ވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެހެންކަމުން އެ ގޮފީގައި އަޑުއެހުމެއް ނުބާއްވާތާ، މިހާރު ވަނީ 1 އަހަރާއި 5 މަހަށް ވުރެ ގިނަ ދުވަސް ވެފައެވެ.

ރާއްޖޭގެ ދެކުނާއި އުތުރުގައި ހައިކޯޓުގެ ދެ ގޮފި އުފައްދައި އެންމެ ފުރަތަމަ ނިންމީ ދާއިމީކޮށް ގޮފިތަކުގައި ފަނޑިޔާރުން ތިބޭގޮތަށެވެ.

އެހެން ނަމަވެސް އެ ނިންމުން ބަދަލުކޮށް ސުޕްރީމްކޯޓުން ވަނީ ފަނޑިޔާރުންގެ ޓީމުތައް ވަޑައިގެން ޝަރީއަތްތައް ކުރިޔަށް ގެންދާގޮތަށް ނިންމާފައެވެ.

މިއީ އެ ބަދަލު ގެނައި ފަހުން ފަނޑިޔާރުން ދެކުނު ގޮތްޕަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ހައިކޯޓް ދެކުނު ގޮފީގެ ޓައިމްލައިން:

ފެބްރުއަރީ 2015: ހަސުޕްރީމް ކޯޓުގެ ސަރކިއުލަރ އަކުން ހައިކޯޓުގެ ދެކުނު ގޮފި އުފެއްދި. އެ ސަރކިއުލާގައި ބުނެފައިވާ ގޮތުން ދެކުނުގައި ގާއިމްކުރާ ހައިކޯޓުގެ ގޮތްޕަށް ނިސްބަތްވަނީ، ގއ. (ހުވަދުއަތޮޅު އުތުރުބުރި)، ގދ. (ހުވަދުއަތޮޅު ދެކުނުބުރި)، ފުވައްމުލައް، އަދި އައްޑޫ.

21 ޖެނުއަރީ 2015: ހައި ކޯޓު ދެކުނު ގޮތްޕަށް ފަނޑިޔާރުން ކަނޑައެޅި. އޭރު އެކޯޓަށް އައްޔަންކުރި ފަނޑިޔާރުންނަކީ،ފަނޑިޔާރު އަލްއުސްތާޛް ޝުޢައިބު ޙުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛް އައްބާސް ޝަރީފް.

އޮކްޓޯބަރ 2015: ހައި ކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުން އައްޑޫއަށް ވަޑައިގަތުމުގެ ކުރިން، ފަނޑިޔާރު އަލްއުސްތާޛް އައްބާސް ޝަރީފް ރިޓަޔަރކުރެއްވި.

ޑިސެމްބަރ 2015: ހައި ކޯޓު ދެކުނު ގޮފީގެ ފަނޑިޔާރުން އައްޑޫއަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުއެވެ. އަދި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ހައި ކޯޓު ދެކުނު ގޮފީގެ އިސްފަނޑިޔާރަކަށް އަލްއުސްތާޛް އަބްދުލް ޣަނީ ހަމަޖެއްސެވިއެވެ. ސުޕްރީމް ކޯޓުގެ ސަރކިއުލާ އަކާއި އެއްގޮތަށް 16 ޑިސެމްބަރު 2015ގައި ހައި ކޯޓު ދެކުނު ގޮފީގެ ޝަރީޢަތްތައް ފެށިއެވެ.

މެއި 2016: ހައި ކޯޓުގެ މަސައްކަތްތައް ފަށައިގަނެ ގާތްގަނޑަކަށް 6 މަސް ދުވަސް ވާން ކައިރިވެފައި ވަނިކޮށް ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. ޑރ. އަޒްމިރަލްދާ އިސްތިއުފާ ދެއްވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ (23 މެއި 2016) ހައިކޯޓުގެ ފަނޑިޔާރު ޝުޖާޢު އުޘްމާން އައްޔަން ކުރައްވާފައެވެ.

މާޗް 2017: ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރު ކަމުގެ މަގާމުގައި ޝުޖާއު އުޘްމާން ހުންނަވާތާ އަހަރެއް ވާން ކައިރިވެފައި ވަނިކޮށް ކުއްލިގޮތަކަށް ފުލުހުންގެ ފުލް ސެކިއުރިޓީގައި ވަނީ މާލެ ގެންގޮސްފައެވެ. ޝުޖާއު އުޘްމާން މާލެ ވަޑައިގެންނެވީ އެބޭފުޅާ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރުތަކެއް ލިބިވަޑައިގަތުމުން ކަމަށް ބުނެއެވެ.

އޯގަސްޓް 2017: ހައި ކޯޓުގެ ދެކުނު ގޮފީގައި ތިއްބެވި ތިން ފަނޑިޔާރުން ތިން މަސް ދުވަހަށް މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރައްވާ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖެއްސިއެވެ. (ސުޕްރީމް ކޯޓުން ކަނޑައެޅި 3 މަސް ދުވަހުގެ މުއްދަތު ހަމަވިޔަސް، އަދިވެސް އެ 3 ފަނޑިޔާރުން ތިއްބެވީ މާލޭގައި.)

އޯގަސްޓް 2018: ހަފްތާއެއްގެ މުއްދަތަށް ހައި ކޯޓުގެ ދެކުނު ގޮތްޕަށް 3 ފަނޑިޔާރަކު ފޮނުވަން ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން ނިންމި.