ޖަލުގައި ބަންދުކޮށްފައި ތިބި ސިޔާސީ ލީޑަރުންގެ ފޮޓޯ ހިމެނޭ ޕޯސްޓަރު އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭނުންކުރާތީ އެކަން ހުއްޓާލުމަށް އަންގައި ފުލުހުން ނެރުނު ބަޔާނާއި އެކު ބޮޑެތި ފާޑުކިޔުންތައް ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.
ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ފެށީ ފުލުހުން އެފަދައިން އަމަލުކުރަން ނިންމީ ކޮން ގާނޫނެއްގެ ދަށުންތޯއެވެ. އަދި އެއީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫންކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ނުރުހުން ފާޅުކުރަން ފާށާފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އަންހެން މެންބަރުންގެ ތެރެއިން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ، ފުލުހުންގެ ބަޔާނަށް ރައްދު ދެއްވީ ތަފާތު ގޮތަކަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯ ޖެހި ޓީޝާޓެއް ތުރުކުރައްވައިގެން ހުންނަވައިގެން ނަގާފައިވާ ފޮޓޯއަކުންނެވެ.
ފުލުހުންގެ ބަޔާނަށް އީވާ މިފަދަ ގޮތަކަށް ރައްދު ދެއްވި އިރު، ފުލުހުންގެ އިންޒާރުތަކަށް ބޯލެނބުމެއް ނެތި މިއަދު ވެސް މާލެ އާއި އަތޮޅު ތެރޭގައި އިދިކޮޅު ހަތަރު ލީޑަރުންގެ ފޮޓޯ ޖެހި ޕޯސްޓަރުތައް ދަނީ ހަރުކުރަމުންނެވެ. އެހެން ނަމަވެސް އެކަމާއި މެދު ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.