އޮކްޓޯބަރު މަހު ބްރެޒިލްގައި ބާއްވާ ރިޔާސީ އިންތިޚާބަށް، 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ނަން އެގައުމުގެ މަސައްކަތްތެރިންގެ ޕާޓީގެ ފަރާތުން ހުށަހަޅައިފިއެވެ.
މަސައްކަތްތެރިންގެ ޕާޓީގެ ފަރާތުން ލޫލާ ޑަ ސިލްވާގެ ނަން ހުށަހެޅިއިރު، މިއަހަރުގެ އެޕްރީލް މަހުން ފެށިގެން އޭނާ ހުންނެވީ ޖަލުގައި ބަންދުކޮށްފައެވެ.
ކޮރަޕްޝަނުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ލޫލާ ޑަ ސިލްވާ ޖަލަށް ލާފައިވީ ނަމަވެސް، ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ބްރެޒިލްގައި އަދިވެސް އެންމެ މަޤްބޫލް ލީޑަރަކީ ލޫލާ ޑަ ސިލްވާއެވެ.
ލޫލާ ޑަ ސިލްވާ ވަނީ މީގެ ކުރިން އޭނާގެ ޕާޓީގެ މެންބަރުންގެ ކިބައިން އެހެން ބޭފުޅަކު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނެރުމަށް އެދިވަޑައިގެންފައެވެ.
އެހެން ނަމަވެސް އެކަމަށް ޕާޓީގެ އިސްވެރިން ވަނީ ދެކޮޅު ހަދައިފަ އެވެ. މަސައްކަތްތެރިންގެ ޕާޓީގެ ރައީސް ގްލެއިސީ ހޮފްމަން ވިދާޅުވެފައިވަނީ ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖައްސަން ބޭނުން ވަނީ ލޫލާ ކަމަށެވެ.
""ރައްޔިތުން ބޭނުން ވަނީ ލޫލާ މިނިވަންވާން. ލޫލާއަކީ ގައުމުގެ ރައީސް އަށް ވާން. ޕްލޭން ބީއެއް މިކަމުގައި ނެތް." ގްލެއިސީ ބުނެފައިވެއެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ގެންދަވާ ލޫލާ ޑަ ސިލްވާގެ ނަން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ހުށަހެޅި ނަމަވެސް، އެ ނިންމުން ބްރެޒިލްގެ އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނާނެ ކަމެއް އަދި ނޭނގެއެވެ.
ލޫލާ ޑަ ސިލްވާގެ ޤާނޫނީ ޓީމުގެ ފަރާތުން ގެންދަނީ އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފްގައި ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ބްރެޒިލްގެ ގާނޫނުތައް ހުރިގޮތަށް ބަލާއިރު ލޫލާ ޑަ ސިލްވާ އަށް އިސްތިއުނާފް މަރްހަލާގައި ކާމިޔާބު ނުވެއްޖެ ނަމަ އިންތިހާބުގައި ވާދަނުކުރެވޭނެއެވެ.
ލޫލާ ޑަ ސިލްވާގެ ސަޕޯޓަރުން ބުނާ ގޮތުގައި އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވަނީ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތް ހެދުމަށެވެ.
ބްރެޒިލްގެ ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓުން ރަޖިސްޓްރީކުރަން ޖެހޭ ފަހު ތާރީޚަކީ އޮގަސްޓް 15 އެވެ.