Last Updated: November 25, 05:48
Monday, November 25, 2024

(މެއި 6، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

"ތެދެއް. މީނާ މީ އަދި އަލަށް ބޭރަށް ނިކުމެގެން އުޅޭ މީހެެއް. އެހެންވީމަ އަދި ބިރު ވެސް ގަންނާނެ." ހިތި ގޮތަކަށް ވިއާމާ ބުނެލި އެވެ.

ސާހިލް ވެސް ހިމޭންކަމާ އެކު އެ ކޮޓަރި ކައިރިން ދުރަށް ދިޔަ އެވެ. އަދި ވިއާމާ ވެސް ބަދިގެއަށް ދާ ނަމުގައި ސާރާ ކައިރިން ހުއްދަ ހޯދައިގެން އެތަނުން ދިޔަ އެވެ.

ސާހިލް އެނދުގައި އޮށޯވެލި އެވެ. އަދި ވިސްނަން ފެށި އެވެ. މަލްހާގެ އަޑާ މަގޭ ސާރާގެ އަޑާ ހާދަ ވައްތަރު ގޮތެއް ހުރެ އެވެ. އަދި އަހަރެންނަށް އޭނާ އާ އެހާ ގާތް ގޮތެއް ބެހެއްޓެން އުޅެނީ ކީއްވެ ހެއްޔެވެ؟ ސާހިލް ވިސްނާ ވިސްނާ ބޮލުގައި ރިއްސަން ފެށި އެވެ.
ސާރާގެ ހާލަކީ ވެސް މިއީ އެވެ. އެނދުގައި އޮށޯވެލައިގެން އޮވެ ވިސްނަން ފެށި އެވެ. ސާހިލް އާ މެދު އަހަރެންނަށް އެހާ ގާތް ގޮތެއް ބެހެއްޓެން އުޅެނީ ކީއްވެ ހެއްޔެވެ؟ އޭނާ އާ އެކު ވަގުތުތައް ހޭދަ ކުރަން ހިތް އެދެނީ ކީއްވެ ބާވަ އެވެ؟. ވިސްނަން އޮތްވައި އޭނާ އަށް ވެސް ލޯ މަރާލެވުނު ގަޑިއެއް ވެސް ނޭނގެއެވެ. ހޭލެވުނީ ވިއާމާ އައިސް ގޮވީމަ އެވެ.

"މަލް މިރޭ ނުކައި ނިދަނީތަ؟ ތިހެން ހެދީމާ ކުށްވެރި ވާނީ މަ. މަލް މަންމަ ބުނާނީ މި ރަށަށް ގެނެސް ފުރަތަމަ ދުވަހު ވެސް އޭނާގެ ދަރިފުޅަށް ކާން ވެސް ނުދިނީ ކަމަށް. އެ ބަދުނާމު ވާކަށް ބޭނުމެއް ނޫން. އަވަހަށް ތެދުވެ ތައްޔާރުވޭ. ކަމަނާގެ އިންތިޒާރުގައި ނުކެވިފައި ބައެއް މީހުން ކާމޭޒް ކައިރީ އެބަތިތި." ވިއާމާގެ ވާހަކަ އަށް ސާރާ ހިނިތުންވެލި އެވެ.

"ތައުބާ…ތައުބާ…ވިއާމާ ހީވަނީ ތަޅުވާލާ ގޮތުން މުސްކުޅިއެއްގެ ތަސްބީހަ ފަތްޗެއްހެން. މަ ތައްޔާރުވެގެން މި އަންނަނީ. ދޭ. އަހަރެންނަށް ކާ ގެއަށްދާ މަގު އެނގޭ." ސާރާ ވެސް ހިނިތުންވެލާފައި ވިއާމާ އަށް ޖަވާބު ދިނެވެ. ވިއާމާ ވެސް އިތުރު އެއްޗެކޭ ނުބުނެ ހިނިތުންވެލި އެވެ. އަދި އެތަނުން ދިޔަ އެވެ. ކާ ގެއާ ދިމާއަށެވެ.

ސާރާ ވަރަށް އަވަހަށް ތައްޔާރުވެލި އެވެ. އަދި ބޭރަށް ނިކުންނަން ދޮރު ހުޅުވާލާފައި ކުއްލިއަކަށް ނިކުތެވެ. އެވަގުތު އޭނާ ލައިގަތީ ދޮރު ކައިރި އަށް އައިސް ހުއްޓުނު ސާހިލް ގެ ގައިގަ އެވެ.

"ހޫނ…ހާދަ މީރު ވަސް އެބަ ދުވައޭ…އަހަރެންހީ ކުރީ މި ގޭގައި އަނދިރީ އަހަރެން އެކަނި ކަމަށް. އެކަމަކު ފެންނަ ކޮންމެ ފަހަރަކު މި ގޮތަށް ލައިގަންނަން ވެއްްޖެއްޔާ މާ ރަނގަޅެއް ނުވާނެ." ސާހިލް ލާނެއް ރާގަކަށް ބުނެލި އެވެ.

"އަޅުގަނޑަށް މާފުކުރޭ… މާ އަވަސް އަރައިގަނެވުނީ." ސާރާ ލަދުވެތިކަމާ އެކު އިސް ޖަހާލަމުން ބުނެލިއެވެ.

"އަހަރެން މިއައީ ކަމަނާ ލަސްވާތީ…ތައްޔާރުވެއްޖިއްޔާ އަވަހަށް ހިންގަވާ." ސާހިލް އަނެއްކާ ވެސް ބުނެލި އެވެ.

ހިމޭންކަމާ އެކު ސާރާ ހިނގައިގަތެވެ. ސާހިލް ވެސް ދެން އިތުރު ވާހަކައެއް ނުދައްކަ އެވެ. ކާގެއަށް ދިޔަ އިރު އެހެން މީހުން އެ ދެ މީހުންގެ އިންތިޒާރުގައި ތިއްބެވެ.

ސާހިލް އާއި ސާރާާ އެކުގައި ފެނުނީމާ ވިއާމާ މޫނު ދިޔައީ ކުލަ ބަދަލުވެގެންނެވެ. އަދި ހަނގުރާމައަކުން ބަލިވި މީހެއްހެން ފުން ނޭވާއެއްލި އެވެ. އަދި އިސް ދަށަށް ޖަހާލި އެވެ. ވިއާމާ އަށް ވީ ހުރިހާ ގޮތެއް އެއްވެސް ފޮރުވުމުއެއް ނެތި ވިއާމާގެ މަންމަ އަށް ފެނުނެވެ.
އެންމެ ފުރަތަމަ ސާރާ ފެނުމާއެކު ވެސް އޭނާގެ ހިތް ތެޅުނެވެ. ސަބަބަކީ މަލްހާގެ ރީތިކަން އޭނާ ސިއްސުވާލީ އެވެ. ސާރާ އާއި ސާހިލް ހީވަނީ އެއް ކޯންޏެއްގައި ފަރިވެފައިވާ ދެ މާހެންނެވެ.

ހިމޭންކަމާ އެކު ހުރިހާ އެންމެން ކާން ފެށިއެވެ. މިހި މޭންކަން ފޫދުއްވާލީ ވިއާމާ ގެ ބައްޕަ އެވެ.

"ދަރިފުޅާ މަލްހާ…މި ރަށުގައި ހިތްހަމަ ޖެހޭތަ؟"

"ލައްބަ ބޭބޭ…އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ." ސާރާ ލަދުވެތި އަދާއަކާ އެކު ޖަވާބު ދިނެވެ.

ވިއާމާ ވިސްނާލި އެވެ. މަލްހާގެ ގައިގައި މި ހުންނަނީ ކޮން ކަހަލަ އަދާއެއް ހެއްޔެވެ؟ އޭނާގެ ސިފަ އާ އެއްވަރަށް އަޙްލާގް ވެސް ރީއްޗެވެ. ހަގީގަތުގައި ވެސް އޭނާ އާ ގުޅެނީ ސާހިލް އާ އެވެ. އެ ދެ މީހުން އެކުގައި ތިބޭ އިރު ހީވަނީ ސާދަވިލޭރޭގެ ދެ ހަނދު ހެންނެވެ. އެހާ ވެސް ގުޅެ އެވެ. ސާރާގެ ހީލުމުގައި ވެސް އަދާއެއް ހުރެ އެވެ. ޖާދުއެއްވެ އެވެ. އެ ވަގުތު ސާރާ ހީލި އަޑަށް ވިއާމާ ސިހިގެން ދިޔަ ބާރުގައި އަތުގައި އޮތް އޫ ބިން މައަޗަށް ވެއްޓުނެވެ. ވިއާމާ އަށް ވަމުން ދިޔަ ހުރިހާ ގޮތެއް ވިއާމާގެ މަންމަ ދިޔައީ ވަރަށް ކައިރިން ބަލަމުންނެވެ.

"އަނހަ…ދަރިފުޅާ ކިހިނެއްތިވީ؟" ވިއާމާ ބައްޕަ އެނބުރިލާފައި ސާހިލް ކައިރީ އިށީނދެގެން އިން އޭނާގެ ދަރިފުޅު ކައިރިން ސުވާލު ކުރި އެވެ.

ވިއާމާ އާންމު ގޮތެއްގައި އިށީންނަނީ ސާހިލް ގެ ކައިރީގަ އެވެ. އޭނާގެ މަންމަ ގެ ކުރި މައްޗަށް ވާ ގޮތަށެވެ. އެހެންވެ އޭނާގެ މަންމަ އަށް އޭނާ އަށް ވާ ހުރިހާ ގޮތެއް ވަރަށް ސާފުކޮށް ފެނެ އެވެ.

"ބައްޕާ…އަޅުގަނޑު މާ ބޮޑަށް ވަރުބަލިވެފައި ހުރީ." ވިއާމާ ހިމޭންކަމާ އެކު ބުނެލި އެވެ. ކެއުމަށް ފަހު ސާރާ އާއި ވިއާމާ ތަށިތަށް ނެގުމުގައި މަންމަ އަށް އެހީތެރިވެ ދިނެވެ. އަދި އޭގެ ފަހުގައި އޭނާ ސާރާ ގޮވައިގެން އޭނާ ދިޔައީ ބަގީޗާއަށެވެ. އެ ދެމީހުންގެ ފިޔަވަޅު ހުއްޓުނީ ސާހިލްގެ ޖާދުވީ އަޑުންނެވެ.

"މި ރެއަކީ ހަނދުވަރު ކައިރީ ވައުދުތައްވެ އަހުދުތަށް ވާ ލޯބިވެރިންނަށް މުހިންމު ރެއެކެވެ.
އެހެނަސް ނިކަމެތި އަހަރެންނަށް އޮތީ ކަރުނަ އޮހޮރުވުން ނޫން ކޮން ގޮތެއް ހެއްޔެވެ؟
އަހަރެންގެ މި ހިތާމަ މީހަަކަށް ފާޅު ކުރެވޭކަށް ވެސް ނެތެވެ. އެއީ އަހަރެންގެ ނިކަމެތި ކަމެވެ.
ކަލާ އަހަރެންނަށް ކުރީގައި ލިބުނެވެ. އެހެނަސް ކަލާ އަހަރެންގެ އަތުން ބީވެ ދިޔައީ އެވެ."

އެވަގުތު އިހްތިޔާރަކާ ނުލާ ސާރާ އަށް އެ ލަވައިގައި ބައިވެރި ވެވުނެވެ. ސަބަބަކީ ސާހިލްގެ ލަަވަ ފޮތުން ކުރީގައި ސާރާ ވަނީ އެ ލަވަ ދަސްކޮށްފަ އެވެ. ވިއާމާ ހައިރާންވެފައި ބަލަން ހުއްޓެވެ.

"ކަލާ ކައިރިން ވަކިވުމަށް ފަހު އަހަރެންނަކަށް ހަމަޖެހުމެއް ނުލިބުނެވެ.
ކަލާގެ ހަނދާންތަށް އަހަރެންގެ ވަށައިގެން ތަވާފު ކުރި އެވެ.
އަހަރެންގެ ވަފާތެރިކަން މިކަމަށް ހެކިވާނެ އެވެ.
އަހަރެންގެ ދުއާގެ ކޮންމެ ކަޑިއެއްގައި ކަލާގެ ނަން ހިމަނަމެވެ."

(ނުނިމޭ)