އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނަށް ތައްޔާރުވުމުގެ ކުރީން ކުޅުނު އެކުވެރިކަމުގެ މެޗުތަކުން ލިވަޕޫލް އަދި އާސެނަލް މޮޅުވެއްޖެއެވެ.
ޔާގަން ކްލޮޕްގެ އިރުޝާދުގެދަށުން ކުޅޭ ލިވަޕޫލް ވަނީ ވަރަށް ފަސޭހަކަމާއިއެކު އިޓަލީގެ ނަޕޯލީ އަތުން 5-0 އިން މޮޅުވެފައެވެ.
ސްކޮޓްލެންޑްގެ ޑަބްލިންގައި ކުޅުނު މިމެޗުގެ ފަސްވަނަ މިނެޓުގައި ލިވަޕޫލަށް ލީޑްނަގައިދިނީ ޖޭމްސް މިލްނާ އެވެ. އޭގެ ހަތަރު މިނެޓުފަހުން އެޓީމަށް ކުޅޭ ހޮލެންޑްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ. މިއީ އެޓީމުގެ މިލްނާ ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން ލިވަޕޫލް ކުރީގައޮވެގެންނެވެ.
ދެވަނަ ހާފަށް ލިވަޕޫލުން ވަނީ ރޮބާޓޯ ފިރްމީނޯގެ ބަދަލުގައި ޒެރްދާން ޝަކީރީ ކުޅެން ނެރެފައެވެ. އެހެންނަމަވެސް، މިހާފުގެ ކުރީކޮޅު ލިވަޕޫލްގެ ފުރަތަމަ ދެލަނޑުޖެހުމުގައި އެންމެ ބޮޑު ހިއްސާއެއްވި މިލްނާގެ ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ވަނީ ބަދަލުކޮށްފައެވެ.
މެޗުގެ 58 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ވަނީ ނަޕޯލީގެ ޕެނަލްޓީއޭރިޔާތެރޭގައި ހުހަށްހުރެ ގޯލްގެ މަތީކަނަށް އަމާޒުކޮށްލައިގެން ވަރަށް ރީތި ގޯލެއް ކާމިޔާބުކޮށް ލިވަޕޫލްގެ ލީޑް ފުޅާކޮށްދީފައެވެ.
އޭގެފަހުން، މެޗުގެ 73 ވަނަ މިނެޓުގައި އިނގިރޭސި ފޯވާޑް ޑެނިއަލް ސްޓަރިޖް ވަނީ ލިވަޕޫލްގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.
މެޗުނިމެން 13 މިނެޓަށްވެފައިވަނިކޮށް ލިވަޕޫލްގެ ފަހުލަނޑު ކާމިޔާބުކޮށްދިނީ ސްޕެއިނުގެ ފުލްބެކް އަލްބާޓޯ މޮރޭނޯ އެވެ.
ޕްރީ ސީޒަންގައި ލިވަޕޫލް ކުޅޭ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ޓޮރީނޯ އާ ދެކޮޅަށެވެ.
އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ރޭ ކުޅެވުނު އަނެއް މެޗުގައި ސްވިޑްންގެ ސްޓޮކްހޯލްމްގެ ފްރެންޑްސް އެރީނާ ސްޓޭޑިއަމްގައި އިޓަލީގެ ލާޒިއޯ އާ ދެކޮޅަށް ކުޅެ އާސެނަލް ވަނީ 2-0 އިން މޮޅުވެފައެވެ. މިމެޗުގައި އެޓީމުގެ ލަނޑުތައްޖަހައިދިނީ ޒުވާން ކުޅުންތެރިޔާ ރީސް ނެލްސަންގެ އިތުރުން ގެބޯންގެ ހުނަރުވެރި ފޯވާޑް ޕިއޭރް އެމެރިކް އޮބަމަޔަން އެވެ.
އާސެނަލް މިމެޗަށް ނިކުމެފައިވަނީ ޢާއްމުކޮށް އެޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނޭ ގިނަ ކުޅުންތެރިންނާއިނުލައެވެ. އެހެންނަމަވެސް، އެޓީމަށް އަލަށް ގެނައި ދެކުޅުންތެރިން ކަމަށްވާ ލޫކަސް ޓޮރެއިރާ އާއި ސްޓެފަން ލީޗްސްޓެއިނާ އަށް ވަނީ ފުރަތަމަ އެގާރައިން ފުރުޞަތުދީފައެވެ. މިމެޗުގައި އާސެނަލްގެ ކެޕްޓަންކަން ކުރީ ސްވިޒަލެންޑްގެ މިޑްފީލްޑަރު ގްރެނިޓް ޒާކާ އެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 18 ވަނަ މިނެޓުގައި ޖަހައިދިނީ ނެލްސަން އެވެ. މިއީ އެޓީމުގެ އަލެކްސް އިވޯބީ ފޮނުވާލި ހަމަލާއެއް ގޯލްގެ އަރިމަތީދަނޑީގައި ޖެހިފައިނިކުތްވަގުތު ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅު އާސެނަލްގެ ކޯޗް އުނާއި އެމެރީ ވަނީ އެޓީމުގެ މެސުތު އޮޒިލް އާއި އޮބަމަޔަން އަދި މިކިތާރްޔަން ކުޅެން ނެރެފައެވެ. މީގެއިތުރުން، ޕްރީ ސީޒަންގައި އެޓީމު ކުޅުނު މެޗުތަކުގައި މޮޅު ކުޅުމެއް ދެއްކި ޒުވާން ކުޅުންތެރިޔާ މަޓިއޯ ގެންޑޫޒީ ވަނީ ކުޅެން ނިކުމެފައެވެ.
އޭގެނަތީޖާއެއްގެގޮތުން، އާސެނަލުން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކުރީ އޮބަމަޔަން އެވެ.
ޕްރިމިއާ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި މިމަަހުގެ 10 ވަނަ ދުވަހުގެ ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ލެސްޓާ ސިޓީ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު އާސެނަލް ކުޅޭ ފުރަތަމަ މެޗުގައި މިމަހުގެ 12 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާ ދެކޮޅަށެވެ.