ރައީސް އަބްދުﷲ ޔާމީން އަދަބު ލުއިކޮށްދެއްވަން ހަމަޖެއްސެވި ބައެއް ގައިދީން ގޭ ބަންދަށް ބަދަލުކުރަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފަށައިފި އެވެ.
ކަރެކްޝަނުން ގައިދީންތައް ގޭބަންދަށް ބަދަލުކުރަން ފަށާފައި މިވަނީ، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ރޭގެ ވަގުތެއްގައި، ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރެއް ނެރުއްވާފައި ވަނިކޮށެވެ. އަމިއްލަފުޅު ފޭސްބުކް އެކައުންޓް މެދުވެރިކޮށް އާދަމް ޝަރީފް ވަނީ، ހަމަނުޖެހުން ނަގާލަން ބަޔަކު މަސައްކަތް ކުރާކަމުގެ މައުލޫމާތު ލިބިފައިވާތީ، ސިފައިން އެލާޓަށް ނެރެފައިވާކަން ހާމަކޮށްފައެވެ.
ޖަލުތަކުގައި ހުކުމް ތަންފީޒުކުރަމުންދާ ގައިދީންތަކެއްގެ އަދަބު ލުއިކޮށްދިނުމަށް ރައީސް ޔާމީން ނިންމެވީ މިއަހަރުގެ މިނިވަން ދުވަހުއެވެ. އެކަން ހާމަކޮށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަދަބު ލުއިކޮށްދެއްވަން ނިންމަވާފައި ވަނީ މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޝަރުތު ހަމަވާ މީހުންނަށް އެކަނި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ގައިދީން މިހާރު ވެސް ގޭބަންދަށް ބަދަލުކޮށްފައި ވާއިރު، އެމަސައްކަތް ކުރިއަށް ގެންދަނީ އެކަމަށް ހާއްސަ ކޮމެޓީއަކުން އިންޓަވިއުކޮށް ޝަރުތުތަކެއް ކަނޑައެޅުމަށް ފަހު އެވެ.
އަދަބު ލުއިކޮށްދޭ ގައިދީންގެ ތެރޭގައި، މީހުން މެރުމާއި އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތަކާއި ޓެރަރިޒަމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ގަދަކަމުން ބަދު އަޚްލާގީ އަމަލު ހިންގުމާއި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގައި ތިބި މީހުން ނުހިމެނޭނެ ކަމަށް ރައީސް އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ރާއްޖޭގެ އަމަންކަން ނަގާލަން ބަޔަކު އުޅޭކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެފައި ވަނިކޮށް ގައިދީން ގޭ ބަންދަށް ބަދަލުކުރަމުންދާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.