އިނގިރޭސިވިލާތުގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅެވުނު އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި ޗެލްސީ ބަލިކޮށް މެންޗެސްޓަރ ސިޓީ އިން އާ ސީޒަނުގެ ފުރަތަމަ މުބާރާތް ކާމިޔާބުކޮށްފިއެވެ.
ސިޓީއިން މިމެޗު 2-0 އިން ކާމިޔާބުކުރިއިރު އެޓީމުގެ ދެލަނޑުވެސް ޖަހައިދިނީ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އެވެ.
ޗެލްސީ އަދި ސިޓީ އިން މިމެޗަށް ނިކުތީ ނިމިދިޔަ ވޯލްޑްކަޕްގައި ކުޅުނު ބައެއް ކުޅުންތެރިންނާއި ނުލައެވެ. އެގޮތުން ޗެލްސީގެ އެޑެން ހަޒާޑާއި އެންގޯލޯ ކާންޓޭ އަދި ގޯލްކީޕަރު ތިބޯ ކޯޓުއާ ފެނިގެންގޮސްފައިނުވާއިރު ސިޓީގެ ކެވިން ޑިބްރައިނާ އާއި ޑޭވިޑް ސިލްވާ ވެސް މިމެޗުގައި ނުކުޅެއެވެ.
އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ލަނޑު 13 ވަނަ މިނެޓުގައި ސިޓީ އަށް ޖަހައިދިނީ ފިލް ފޯޑެން ދިން ބޯޅައަކުން ސާޖިއޯ އަގުއޭރޯ އެވެ. މިއީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ސިޓީއަށް ކުޅުނު 293 މެޗުގައި ކާމިޔާބުކުރި 200 ވަނަ ލަނޑެވެ. މިއީ އެކްލަބުގެ ތާރީޚުގައިވެސް އެއްކުޅުންތެރިއަކު މިއަދަދަށް ގޯލްޖެހި ފުރަތަމަ ފަހަރެވެ.
މިހާފުގައި ޗެލްސީ އިން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތައް ފޮނުވާލައިފައިވަނީ ސިޓީ އިންނެވެ.
މިހާފުގެ 35 ވަނަ މިނެޓުގައި ޗެލްސީގެ ކެލުމް ހަޑްސަން އޮޑޯއީ އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ސިޓީގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ އަށް ސަލާމަތްކުރެވުނީ ދެފަހަރަށް މަސައްކަތްކޮށްގެންނެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން މެންޗެސްޓަރ ސިޓީ ކުރީގައޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ސިޓީގެ އަގުއޭރޯ އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ.
އޭގެ ފަހުން ފިލް ފޯޑެން އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ޗެލްސީގެ ގޯލްކީޕަރު ވިލީ ކަބަޔޭރޯ ވަނީ ސަލާމަތްކޮށްފައެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ސިޓީގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބާނާޑޯ ސިލްވާ ދިން ބޯޅައަކުން އަގުއޭރޯ އެވެ.
ސިޓީގެ ލަނޑަށްފަހު އެޓީމުގެ ރިޔާދު މާރޭޒް އާއި ގެބްރިއެލް ޖެސޫސްގެ އިތުރުން ބްރާހިމް ޑިއާޒް އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
މީގެއިތުރުން ހެޓްރިކް ހެދުމަށް ސިޓީގެ އަގުއޭރޯ އަށް ލިބުނު ފުރުޞަތުތައްވެސް ފާހަގަކޮށްލެވެއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެމިނެޓަށްވެފައިވަނިކޮށް ޗެލްސީގެ ޓެމީ އެބްރަހަމް އަށް ވަނީ ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުޞަތެއް ލިބިފައެވެ.
އެޓީމުގެ ރޮސް ބާކްލީ ނަގައިދިން ހުރަހަކުން ޕެނަލްޓީއޭރިޔާތެރެއަށް އައި ބޯޅަ އޭނާ އަށް ލިބުމުގެކުރީން ސިޓީގެ ކީޕަރު ބްރާވޯ ވަނީ ދިފާއުކޮށްފައެވެ. އޭގެފަހުން، ޗެލްސީގެ ވިކްޓަ މޮސެސް އަށް ދެވަނަ ފަހަރަށް އެ ބޯޅަ ފޮނުވާލަން ލިބުމުން ރަނގަޅަށް ފޮނުވާނުލެވެނީސް ސިޓީގެ ކުޅުންތެރިން ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.
މިމެޗު ސިޓީއިން ކާމިޔާބުކުރިއިރު މިއީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޕްރިމިއާ ލީގު ޗެމްޕިއަންކަން ހޯދި ޓީމު ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އޭގެކުރިން، ކުޅުނު ހަތަރު ފަހަރުވެސް ޝީލްޑް ހޯދާފައިވަނީ އެފްއޭ ކަޕްގެ ޗެމްޕިއަނުންނެވެ.