އިނގިރޭސި ކްލަބު ޗެލްސީ ދޫކޮށް ސްޕެއިނުގެ ރެއާލް މެޑްރިޑަށް ބަދަލުވާން ބޭނުންވާކަމަށް ބެލްޖިއަމްގެ ގޯލްކީޕަރު ތިބޯ ކޯޓުއާ އެކްލަބުގެ އައު ކޯޗު މައުރީޒިއޯ ސާރީ ގާތުގައި ބުނެފައިވާކަމަށް އިތުބާރުހުރި ހުރި ފަރާތަކުން އީއެސްޕީއެން އަށް މަޢުލޫމާތުދީފައިވާކަމަށްވެއެވެ.
މިއަދުގެ ވަގުތެއްގައި ޗެލްސީގެ ޕްރީ ސީޒަން ތަމްރީންތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކޯޓުއާ އެކްލަބު ދޫކޮށްލުމަށްފަހު ރެއާލަށް ބަދަލުވާން ބޭނުންވާކަމަށް ކޯޗް މައުރީޒިއޯ ސާރީ ގާތުގައި ބުނެފައިވާކަމަށްވެއެވެ.
ކޯޓުއާ އެކްލަބު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިމިވަނީ، އިއްޔެ ކުޅެވުނު އެފްއޭ ކޮމިއުނިޓީ ޝީލްޑްގައި މެންޗެސްޓަރ ސިޓީ އަތުން 2-0 އިން ޗެލްސީ ބަލިވި މެޗަށްފަހު އެޓީމުގެ ކޯޗު ސާރީ އޭނާގެ ގޯލްކީޕަރު ކޯޓުއާ އެކްލަބު ދޫކޮށްލާން ބޭނުންވާނަމަ ވިއްކާލާނެކަމަށް ބުނެފައިވަނިކޮށެވެ.
މީގެކުރިން، ރެއާލުން އެތައްފަހަރެއްގެމަތީން ކޯޓުއާ ގެންދިއުމަށް ޝައުގުވެރިކަން ފާޅުކޮށް ބިޑްކޮށްފައިވާކަމަށް އެކި މީޑިއާ ޚަބަރުތަކުގައިވާއިރު ދާދިފަހުން ކޯޓުއާގެ އޭޖެންޓްވެސް ވަނީ ރެއާލުން އޭނާ ގެންދިއުމަށް މިހާރުވެސް ބިޑުކުރަން ތައްޔާރަށްއޮތްކަމަށް ބުނެފައެވެ.
މި ޓްރާންސްފާ ބާޒާރުގައި އެންމެ ގިނައިން ދެކެވުނު އެއްވާހަކައަކީ ސްޕެއިނުގެ މެޑްރިޑްގައި ދިރިއުޅޭ އާއިލާއާއިއެކު ގިނަވަގުތު ހޭދަކުރުމަށްޓަކައި ޗެލްސީގެ ކީޕަރު ކޯޓުއާ އެކްލަބު ދޫކޮށް ރެއާލަށް ބަދަލުވާން ބޭނުންވާ ވާހަކައެވެ.
ޗެލްސީގެ ލޯން އެއްބަސްވުމެއްދަށުން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ކޯޓުއާ ކުޅުނު ދުވަސްވަރު އޭނާ ލޯބީގެ ގޮތުން ގުޅުނު މާތާ ޑޮމިންގޭޒާއި ދެމީހުންނަށް ކުއްޖަކު ލިބިފައިވެއެވެ. މިދިޔަ އަހަރު ކޯޓުއާ އާއި މާތާ ވަކިވުމަށްފަހު އަލުން އެ ދެމީހުން ގުޅިފައިވާތީވެ ކޯޓުއާ އަލުން މެޑްރިޑަށް ދިިރިއުޅުން ބަދަލުކުރަން ބޭނުންވާކަމަށް މީޑިއާ ރިޕޯޓްތަކުގައިވެއެވެ.
ޗެލްސީ އިން މިހާތަނަށް ކޯޓުއާ ވިއްކާލަން ދެކޮޅުހަދާފައިވަނީ މިހަފްތާގެ ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރީން އޭނާގެ ބަދަލުގައި އެޓީމަށް ރަނގަޅު ގޯލްކީޕަރެއް ލިބޭނެކަމަށް ލަފާނުކުރެވޭތީވެއެވެ.
އުމުރުން 26 އަހަރުގެ ކޯޓުއާ ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އެންމެ އަހަރެއް އޮތުމުން އެކަށީގެންވާ ރަނގަޅު އަގެއް ލިބިއްޖެނަމަ އެކްލަބުން އޭނާ ވިއްކާލާނެކަމަށް ބެލެވެއެވެ.
ބައެއް މީޑިއާ ރިޕޯޓްތަކުގައިވާގޮތުން ކޯޓުއާ ވިއްކާލުމަށްފަހު ޗެލްސީ އަށް ގެންދާނެކަމަށް ބެލެވެނީ ދާދިފަހުން އިޓަލީގެ އޭސީ މިލާނަށް ބަދަލުވި ސްޕެއިނުގެ ތަޖުރިބާކާރު ގޯލްކީޕަރު ޕެޕޭ ރެއިނާ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ.
"އަހަރެންގެ އޮތް ހަމައެކަނި އެދުމަކީ މިލާންގައި މަޑުކުރުން. އަހަރެންގެ އެހެން ވިސްނުމެއްނެތް." ބާސެލޯނާ އަތުން މިލާން މޮޅުވި މެޗަށްފަހު ވާހަކަދައްކަމުން ރެއިނާ ބުންޏެވެ.