ބަޔާން މިއުނިކަށް ކުޅޭ ޖަރުމަނުގެ ޑިފެންޑަރު ޖެރޯމް ބޯޓެން ގެނައުމަށް މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތް ފަށައިފިކަމަށް އެންމެ ފަހުގެ މީޑިއާ ރިޕޯޓްތަކުގައިވެއެވެ.
އުމުރުން 29 އަހަރުގެ ބޯޓެން ގެނައުމުގެ މަސައްކަތް ޔުނައިޓެޑުން ފަށާފައިވަނީ އެކްލަބުން ކުރީން ގެންނަން މަސައްކަތްކުރި ލެސްޓަރ ސިޓީގެ ޑިފެންޑަރު ހެރީ މެގުއަޔާގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާގެ ޓޮބީ އަލްޑަވިރެލްޑް ލިބުމުގައި ކުރިއެރުމެއް ލިބިފައިނުވާތީވެކަމަށްވެއެވެ.
އެލިއާންޒް އެރީނާގައި ބަޔާން އާއި ދެކޮޅަށް ޔުނައިޓެޑް ނިކުތުމުގެ ކުރީން ބޯޓެން އާއި ބެހޭގޮތުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އާއި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ބުނީ އެކްލަބުގެ ސީއީއޯ އަށް އޭނާ ގެންނަން ބޭނުންވާ ކުޅުންތެރިން އެނގޭނެ ކަމަށާއި އަދިވެސް އިތުރު ކުޅުންތެރިން ހޯދުމަށް އެކްލަބުން މަސައްކަތްކުރަމުންދާ ކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި އަދި ކުޅުންތެރިން ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ.
ފަހުގެ މީޑިއާ ރިޕޯޓްތަކުގައިވާގޮތުގައި އިނގިރޭސިވިލާތުގެ ޓްރާންސްފާ ބާޒާރު އަންނަ ބުރާސްފަތި ދުވަހު ބަންދުވުމުގެކުރީން ޔުނައިޓެޑުން އިތުރު ޑިފެންޑަރެއް ގެންނާނެކަމަށް ބެލެވޭކަމަށެވެ. އެގޮތުން އެޓީމުން މިހާރުވެސް ބެލްޖިއަމްގެ އަލްޑަވިރެލްޑް ހޯދުމަށް މަސައްކަތްކުރާކަމަށާއި މިދެކުޅުންތެރިންގެ ތެރެއިން ގެންދާނީ އެންމެ ކުޅުންތެރިއެއްކަމަށްވެއެވެ. މީގެއިތުރުން، ބައެއް ޚަބަރުތަކުގައިވާގޮތުން ލެސްޓަރ ސިޓީގެ ޑިފެންޑަރު ހެރީ މެގުއަޔާ ގެންދިއުމަށް ޔުނައިޓެޑުން ރެކޯޑް ބިޑެއް ކުރާނެކަމަށްވެއެވެ.
ނިމިދިޔަ ސީޒަނުގައިވެސް ޔުނައިޓެޑުން ވަނީ ރޮމެލޫ ލުކާކޫ އަދި ޕައުލް ޕޮގްބާ ގެންދިއުމަށް މަސައްކަތްކުރިއިރު އަލްވާރޯ މޮރާޓާގެ އިތުރުން ބްލައިސް މަޓުއިޑީ އާ ވެސް ދިޔައީ ވާހަކަ ދައްކަމުންނެވެ. ހަމައެގޮތަށް، އެޓީމުން ވަނީ މައިކަލް ކީންގެ ބަދަލުގައި ވިކްޓަ ލިންޑެލޯފް ގެނެސްފައެވެ.
މީގެއިތުރުން، އެޓީމުން ވަނީ ޗެލްސީގެ ނިމެންޔާ މަޓިޗް އާއި އެކު މެއިމަހުގައި އަނގަބަހުން އެއްބަސްވުމަކަށް އައިނަމަވެސް އޭރު އެކްލަބުން ގެންނަން އެންމެ ބޭނުންވި ޑިފެންސިވް މިޑްފީލްޑަރު ޓޮޓެންހަމްގެ އެރިކް ޑަޔާ ލިބޭތޯ ކުރިމަސައްކަތް ކާމިޔާބުނުވުމުން ރަސްމީކޮށް މަޓިޗްގެ ސޮއި ހޯދައިފައިވަނީ ޖުލައިމަހުގެ 31 ވަނަ ދުވަހުއެވެ.
ޔުނައިޓެޑުން ގެންދިއުމަށް މަސައްކަތްކުރާ ޓޮޓެންހަމްގެ ޑިފެންޑަރު އަލްޑަވިރެލްޑް އެކްލަބުން ވިއްކަން ބޭނުންވިނަމަވެސް، އޭނާ ހޯދުމުގައި ޔުނައިޓެޑަށް ދަތިތައް ކުރިމަތިވެފައިވަނީ ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލޭވީ އާއި ވާހަކަދެއްކުމުގައި މީގެކުރީން ދިމާވެފައިވާ އުނދަގޫތަކުގެ ސަބަބުންނެވެ.