އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ގަތުމަށް ސްޕެއިނުގެ ބާސެލޯނާއިން ލިބުނު ހުށަހެޅުމަށް މެންޗެސްޓަރ ޔުނައިޓެޑުން ފުރަގަސްދީފިއެވެ.
އެންމެފަހުގެ މީޑިއާ ރިޕޯޓްތަކުގައިވާ ގޮތުގައި ޕޮގްބާ ހޯދުމަށް ބާސެލޯނާއިން ހުށަހަޅާފައިވަނީ 45 މިލިއަން ޕައުންޑް އާއި އެ ޓީމުގެ ކޮލަމްބިއާ ޑިފެންޑަރު ޔެރީ މީނާ އަދި ޕޯޗުގަލް މިޑްފީލްޑަރު އަންދްރޭ ގޯމޭސް އެވެ.
މީގެކުރީން ލިބުނު މީޑިއާ ރިޕޯޓްތަކުގައިވާގޮތުގައި ބާސާގެ ހުށަހެޅުން ޤަބޫލުކޮށް ޕޮގްބާ ވިއްކާލުމުގެ އެންމެހާ ކަންތައްތައް ފުރިހަމަ ކުރުމުގެ ގޮތުން އޭނާގެ އޭޖެންޓް މިނޯ ރިއޯލާ ވަނީ މެންޗެސްޓަރ އަށް ވެސް ގޮސްފައެވެ.
އެހެންނަމަވެސް، ފްރާންސް އާއެކު ވޯލްޑްކަޕް ކާމިޔާބުކުރުމަށްފަހު ޗުއްޓީއިން އެނބުރިއައިސް ދާދިފަހުން އެޓީމުގެ ޕްރީ ސީޒަން ތަމްރީންތަކުގައި ބައިވެރިވި ޕޮގްބާ ވިއްކުމުގެ އެއްވެސް ވިސްނުމެއް ޔުނައިޓެޑުން ނުގެންގުޅޭ ކަމަށްވެއެވެ.
މީގެއިތުރުން، ޔުނައިޓެޑުން މިހާރުވެސް އިތުރު ކުޅުންތެރިން ހޯދުމަށް ކުރާ މަސައްކަތުގައި ކުރިއެރުމެއް ލިބިފައިނުވާތީވެ އިނގިރޭސިވިލާތުގެ ޓްރާންސްފާ ބާޒާރު ބަންދުވާން މިހައި ވަގުތުކުޑަތަންވެފައިވަނިކޮށް އެކްލަބުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ވިއްކާލުމަކީ ފޫނުބެއްދޭނެވަރުގެ ގެއްލުންތައް ދިމާވާނެކަމެކެވެ.
ޔުނައިޓެޑުން މީގެ ދެ އަހަރު ކުރިން ޔުވެންޓަސް އިން ޕޮގްބާ ގަތީ އޭރުގެ ރެކޯޑެއްކަމަށްވާ 93 މިލިއަން ޕައުންޑްގެ ފީއަކަށެވެ. އެހެންނަމަވެސް، އެކްލަބަށް ބަދަލުވެ ޕޮގްބާ އަށް މިހާތަނަށް ރަނގަޅު ކުޅުމެއް ދެއްކިފައިނުވަނީ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އަށް އޭނާގެ ބޭނުން އެންމެ އެދެވޭގޮތަށް ނުހިފޭތީކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. މީގެއިތުރުން، ޔުނައިޓެޑުގެ ކޯޗު މޮރީނިއޯ އާއި ޕޮގްބާއާ ދެމެދު މައްސަލަތަކެއް އުޅޭ ކަމުގެ ވާހަކަތައް މީޑިއާގައި ދަނީ ތަކުރާރުކޮށް ދެކެވެމުންނެވެ.