Last Updated: November 24, 12:53
Sunday, November 24, 2024
ޚަބަރު

ވޯޓްލާ ދުވަސް ބަންދު ދުވަހަކަށް ހަދަން ކޯޓަށް

މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްކަމުގައި ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.

ރިޔާސީ އިންތިޚާބް ބާއްވާ ދުވަސް ކަމުގައިވާ، 23 ސެޕްޓެމްބަރ 2018 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކުރީގެ ބަަންޑާރަ ނާއިބް އަލްއުސްތާޒު ހުސްނުއްސުއޫދެވެ.

ސުއޫދު ހުށަހަޅުއްވާފައިވާ މައްސަލާގައި އެދިފައިވަނީ، އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ނުވުމުގެ ސަބަބުން، އެ ދުވަހު ވޯޓްލުމުގައި ދިވެހި ރައްޔިތުންނަށް ދިމާވާނެ އުނދަގޫތަކާއި ތަކުލީފްތަކާއި ތުރާ ފިލުވުމުގެ ގޮތުން އެދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އަމުރުކޮށްދެއްވުމަށެވެ.

ރިޔާސީ އިންތިޚާބު ބާއްވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްކަމުގައި ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި މައްސަލައިގައި ސުއޫދު ވިދާޅުވެފައިވަނީ، މީގެ ކުރިން ރާއްޖޭގައި ބޭއްވުނު ގިނަ އިންތިޚާބުތަކުގައި ވޯޓް ނެގުން ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހު ކަމަށެވެ.

އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނާ ގޮތުގައި ޒަމާނުއްސުރެ ހަފްތާ ބަންދުގައި ބާއްވަމުންއައި ރިޔާސީ އިންތިޚާބުގެ ވޯޓްލާ ދުވަސް މިފަހަރު އާދިއްތަ ދުވަހަށް ބަދަލުކުރީ ވޯޓްލާން ނިކުންނަ މީހުންގެ އަދަދު މަދުކުރުމުގެ ވިސްނުމުގައިކަމަށެވެ.