ވީނުވީއެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ހޯދަން ވަޒީރުންގެ މަޖިލީހުގެ ފެންވަރުގައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓުވާލީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.
ރިޟްވާން ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައާއި ގުޅޭގޮތުން ގިނަ ބަޔަކު ގެންދިޔައީ އަދީބުގެ އަތެއް ވާނެ ކަމަށް ބުނަމުންނެވެ. އެހެން ނަމަވެސް މިއަދު ވަކީލުން މެދުވެރިކުރައްވައި ނެރުއްވި ބަޔާނެއްގައި އަދީބު ވިދާޅުވީ، ރިޟްވާން ގެއްލުވާލުމާއި އޭނާ އާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
އަދީބު ވިދާޅުވެފައިވާ ގޮތުގައި ރިޟްވާން ހޯދުމުގެ މަސައްކަތުގައި ކެބިނެޓު މިނިސްޓަރުންގެ ލެވެލްއިން ކުރެވުނު މަސައްކަތް ރައީސް ޔާމީން ވަނީ "އޯވަ ރޫލް" ކުރައްވާފައެވެ. އަދި އެކަން އެގޮތަށް ހިނގިކަމުގެ މައުލޫމާތު ވަޒީރުންގެ މަޖިލީހުގައި ތިއްބެވި ހުރިހާ ވަޒީރުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް އަދީބު ވިދާޅުވިއެވެ.
އަދީބުގެ ބަޔާނުގައި ވަނީ ރިޟްވާން ގެއްލުނު މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، އިންސާފު ހޯދައި ދީފައި ނުވާތީ އެކަމުގެ ޒިންމާ ސަރުކާރުން އުފުލަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
އަދީބުވަނީ ރިޟްވާން ގެއްލުނު މައްސަލައިގައި ރައީސާއި ވަޒީރުންނާއި ބައްދަލު ކުރަން އާއިލާއިން އެދެމުން ދަނިކޮށް އާއިލާއާއި ބައްދަލު ކުރެއްވީ އޭނާ ކަމަށާއި، ހައްޔަރުކޮށް ޖަލަށްލި ފަހުން ވެސް އާއިލާއިން ބޭނުންވި ބައެއް ސުވާލުތަކަށް ވަކީލުން މެދުވެރިކޮށް ޖަވާބު ދެއްވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.