އާމިނަގެ ދަރިޔާ އިއްޔެ މެންދުރު މާބާރަކަށް ހިނގާފައި ދަނިކޮށް ފެނިގެން އަހައިފީމެވެ. ބެއްޔާ ކޮންތާކަށް ހެއްޔެވެ. މީނާ ބުންޏެވެ. މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލުވާނު އެއްވެސް ޝައްކެއްނެތި މަރުވެއްޖެޔޭ ދާދި ދެންމެޔަކު ހާކިމާ އިއުލާން ކުރައްވައިފިއެވެ. އެހެންވީމާ އިސްލާމަކަށްވީތީ މިދަނީ ކަށުނަމާދަށެވެ.
މިހުރިހާ ދުވަހު ރިލްވާނަށް ވީގޮތެއް ނޭނގިފައި ތިއްބާ މަރު ޔަގީންވީމާ ދެން އަވަސްވެގަންނަންވާނީ ކަށުނަމާދަކަށް ނޫންހެއްޔެވެ. އަހުރެން ބުނެފީމެވެ. ބަލަ ހާކިމާ ތިޔަ ޚަބަރު އިއުލާން ކުރެއްވިތާ ދެގަޑިއެއްހާއިރު ފަހުން އަދި އެހެން ވާހަކައެއް ވިދާޅުވެއްޖެއެވެ. އެވާހަކަ ބެއްޔާ އަޑެއް ނާހަމު ދޮތައެވެ.
އަސްތާ އެއީ އަނެއްކާ ކޮންވާހަކައެއްހޭ ބެއްޔާ ސުވާލުކުރީމާ ބުނެފީމެވެ. ހާކިމާ ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ ރިލުވާން އަދި މަރެއް ނުވެއެވެ. އޭނާ އަދި ފެންނާނެއެވެ. ހާކިމާ އެހެން ވިދާޅުވީމާ ދެން ކަށުނަމާދު ކުރާކަށް ނުޖެހޭނެއެވެ. ބެއްޔާ ދެން ގެޔަށް ދާށެވެ. މިއަޑު އިވުނީމާ މީނާ ނުރުހިފައި ހުރެގެން ބުންޏެވެ. އަޖައިބުހީވެއެވެ. ތިޔަ ހާކިމާ ޑޮކްޓަރަށް ދައްކާކަށް ނުވޭހެއްޔެވެ. ދެފަހަރު އެއްގޮތަކަށް ވާހަކަ ދެއްކެނީއެއް ނޫނެވެ.
ޝައްކެއްނެތި މަރުވީޔޭ ބުނެފައި ދެން ބުނިކަމަށް ތިޔަވަނީ އިރާދަކުރެއްވިއްޔާ އަދި މަރެއް ނުވެޔޭއެވެ. ދެން މިތަނުން އަފުރެމެން ގަބޫލުކޮށްފައި ނުކުރާންވީ ކޮން ވާހަކައެއް ބާވައެވެ. ރައްޔިތުން ދެން ތިބެންވީ ދެފުށަށް ހެލިހެލި ވާނުވާގައެވެ. ގައުމު އޮންނަންވީ ވާނުވާގައެވެ. އަހަރެންގެ ބަފާ އަލިމަނިކާ މީގެ 85 އަހަރުކުރީން މަރުވެއްޖެ ކަމަށް މިހިރީ ނިންމައިގެންނެވެ. އޭނާ އިރާދަކުރެއްވިއްޔާ އަދި މަރެއްނުވެޔޭ ފެންނާނެއޭވެސް ތިޔަ ހާކިމާ ވިދާޅުނުވާނެކަމެއް ނޭނގެއެވެ.
އެކަމާދޭތެރޭވެސް މިހާރު ޝައްކެވެ. ދަރިޔާ ނުރުހުނު މިންވަރު ފެނިގެން މީނާ މައިތިރިކުރުމުގެ ނިޔަތުގައި އަހުރެން ބުނެފީމެވެ. ބަލަ ބެއްޔާއެވެ. ރިލުވާނު މަރުވެއްޖެޔޭ ހާކިމާ ވިދާޅުނުވާކަމަށް ހާކިމާގެ ތަރުޖަމާނަކަށް ހުންނަވާ މިލަދުންމަޑުލު ބޭކަލަކުވެސް އެންގެވިއެވެ. ނުބައިކޮށް މީހުން ތަރުޖަމާކުރީމާ ދެން ހާކިމާގެ އިސްތަށިފުޅުގައި އިލްޒާމު އަޅުވާކަށް ނުވާނެއެވެ. މިއަޑު އިވިގެން އިހުނަށްވުރެވެސް ރުޅިއަރައި ފުފިގެން ހުރެ މީނާ ބުންޏެވެ.
ތިޔަ ތަރުޖަމާނަކީ ދިވެހިބަހުންވެސް އަދި އެހެންބަހަކުންވެސް އެއްޗެއް ތަރުޖަމާކުރެވޭނޭ މީހެއް ނޫނެވެ. ދިހަބާރަ ކުށް ނެތި ދިވެހިބަހުން ޖުމްލައެެއް ފުރިހަމަކުރެވޭނެ މީހެއްވެސް ނޫނެވެ. އެކަން އޭނާ ލިޔެފައި ހުރި އެއްޗިއްސާއި ބުނެފައި ހުރި ވާހަކަތަކުން މަށަށް ޔަގީނެވެ. ހާކިމާ ވިދާޅުވި އެއްޗެއް ވިދާޅުވީ ދިވެހިބަހުންނެވެ. ވިހިތިރީސްފަހަރު އަޑު އަހައިފީމެވެ. އެހެންވީމާ އޮޅުވާލަން އުޅޭނެ ކަމެއްނެތެވެ. ތިޔަ ތަރުޖަމާނު ކައިރީގައި އެހެންކަމެއް ކުރާން ބުނާށެވެ.
އަހަރެން ބުނެފީމެވެ. ވީކަމެއް ވެއްޖެއެވެ. ރުޅިމަޑުކޮށްފައި ބެއްޔާ ދެން ގެޔަށްދާށެވެ. ތިޔަހެން އުޅޭން ހަދައިގެން އުމުރުން ދުވަސްވީ މީހުންނަށް ހާކިމާ އެދެއްވާ ފައިސާކޮޅުވެސް ބެއްޔާއަށް ނުލިބޭތަން އަތުވެދާނެއެވެ. އެއީ އަދި މާދެރަގޮތެއް ނޫންހެއްޔެވެ. މީނާ ބުންޏެވެ. އެއީ ހާކިމާގެ އަންބޮނޑިން ނެރެގެން ބަހާ ފައިސާއެއް ދޮތައެވެ. އޭނާ އެބަހަނީ ކޮންތާކުން ހޯދި ފައިސާއެއް ބާވައެވެ. ބަލަގަ އަހަރެމެންނަށް އެބަހަނީ ދައުލަތުގެ ފައިސާއެވެ.
ވައުދަކީ ދައުލަތުގެ ވައުދެކެވެ. މިކުރަނީ ހުވައެވެ. ތިޔަ ހާކިމާގެ ފުށުން ލޯލާރިއެއްވެސް ބޭނުމެއް ނޫނެވެ. މިއީދެން ކިހާދެރަވެއްޖެ ކަމެއް ބާވައެވެ.
ތިޔަ ފައިސާކޮޅުވެސް ނުދީ ފަރުޖެއްސޭނޭ ގޮތެއް ހާކިމާ އެހެރަދަނީ ހޯދަމުންނެވެ. އިއްޔެ ކޮންމެވެސް ރަށެއްގައި ވާހަކަދައްކަމުން ބުނެފިއެވެ. އުމުރުން ފަސްދޮޅަސް ފަސްއަހަރުން މަތީގެ މީހުންގެ ބަދަލުގައި ހަތްދިހަފަސް އަހަރަށް ފަންގިފިލާ މައްޗަށް ޖައްސައިލާން އެބަވިސްނަމެވެ. އެހެން އެވިސްނަނީ މިހާރު ދޭންޖެހޭ މީހުންގެ ތެރެއިން ހަތްދިހަ އިންސައްތަ މީހުން ކަޓުވައިލުމުގެ ނިޔަތުގައެވެ.
ތިޔަކަހަލަ މީހުންނާއި ކަންކަމަށް ކިޔާނޭ ދިވެހި ނަންނަން މަގޭ ކައިރިން ދަރިވަރުވި ނޫސްލިޔާ ސޮރުކުރެން އަހައިލާށެވެ. ފަތަށް ބަރުނުކުރާންވެގެން ދެން ވާހަކަހުއްޓާލާފައި ގެޔަށް މިދަނީއެވެ. ތިޔަ ހާކިމާއާއި ހާކިމާގެ ފަރާތަށް ތިބި އެންމެނަށް ބޮޑު ސަލާމުން ސަލާމެވެ.