Last Updated: November 24, 11:53
Sunday, November 24, 2024
ޚަބަރު

އޮފީސް މެދުވެރިކޮށް ރި-ރަޖިސްޓްރީވުމަކީ ނުފޫޒު!

ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާން އެދޭ ފަރާތްތަކުން ރީރަޖިސްޓާރ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލުމާއި އެކު ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުން އެ މަސައްކަތް ފެށިއެވެ. އޮފީސް ނުވަތަ ކުންފުނި މެދުވެރިކޮށް ނޫނީ ރީރަޖިސްޓަރ ނުކުރުމަށް އެނގިއެވެ. ވަކިވަރަކަށް ރީރަޖިސްޓްރޭޝަން ފޯމު ފުރައިގެން ލަކީޑްރޯތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިއެވެ.

މިހުރިހާ ކަމެއް ހިނގައި ދިޔައީ ރައްޔިތުންގެ ލޯ މަތީގައެވެ. ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބެވި ވެރިންގެ ނުފޫޒުން ރީރަޖިސްޓްރޭޝަން ފޯމުތައް ފުރުވަން ފެށުމުން ގިނަ ބައެއްގެ ނުރުހުން އެކަމަށް އަމާޒުވިއެވެ. ބިރާއި ނުފޫޒަށް ދީލައި ނުލާނެ ކަން އެނގިގެން ދިޔައީ، އޮފީސްތަކުން ބައެއް މުވައްޒަފުން ފާޅުގައި އެކަމާއި ދެކޮޅު ހެދުމުންނެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ ރީރަޖިސްޓްރޭޝަން ފޯމުތައް ފުރުމަށް ފަހު އެ އޮފީސްތަކުން އެ ފޯމުތައް ގެންދިޔައީ ޕީޕީއެމްގެ ކެމްޕެއިން އޮފީހަށެވެ. އެކަން ފަޅާއެރުމުން ޕީޕީއެމްގެ ފަރާތުން ވަކި އެއްޗެއް ހާމައެއް ނުކުރިއެވެ. އެހެން ނަމަވެސް އޮފީސްތަކާއި ކުންފުނިތައް މެދުވެރިކޮށް ރީރަޖިސްޓަރ ކުރި ބައެއް މީހުން އަދިވެސް ރަޖިސްޓަރ އެއް ނުވެއެވެ.

ގިނަ ބަޔަކަށް ވޯޓު ލުމުގެ ހައްގު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށް ރީރަޖިސްޓްރޭޝަން ފޯމުތައް ފުރުމާޢި ބެހޭގޮތުން ރައީސް ޔާމީން ވަނީ ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، "ސަރުކާރުގެ މުވައްޒަފުން (އޮފީސް މެދުވެރިކޮށް) ރީ ރަޖިސްޓްރީވާން އެންގުމަކީ ނާޖާއިޒު ނުފޫޒެއް ފޯރުވުން ނޫން" ކަމަށެވެ.

ތެދު ވާހަކައެކެވެ. ރީރަޖިސްޓަރ ކުރުމަށް އެންގުމާއި ވޯޓު ލާން ހިތްވަރުދިނުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް ރީރަޖިސްޓަރ ކުރުމުގައި ވަކިގޮތަކަށް އަމަލުކުރަން މަޖުބޫރުކުރުވުމާއި އެގޮތަށް މަސައްކަތް ނުކުރާ މުވައްޒަފުން ވަޒީރުންގެ ކޮޓަރިކޮޅަށް ގެންގޮސް ބިރުދައްކާ ހިސާބަށް ދިޔުމުން އެއަށް ނުފޫޒު ފޯރުވުމޭ ނުކިޔޭނެ އެއްގޮތެއް ވެސް ނޯންނާނެއެވެ.

މުވައްޒަފުންގެ ނުރުހުމުގައި ނުވަތަ މަޖުބޫރުކޮށްގެން ރީރަޖިސްޓަރ ކުރުވައި އެފޯމުތައް ހިފައިގެން ގޮސް ޕާޓީ އޮފީހުގައި ބަހައްޓައިގެން އިލެކްޝަންސް އަށް ހުށަހެޅުން ލަސްކުރުމަކީ ވޯޓަށް ނުފޫޒު ފޯރުވުން ނޫން ކަމަކަށް ނުވާނެއެވެ.