Last Updated: November 25, 05:48
Monday, November 25, 2024

(މެއި 7، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

މި ރެއަކީ ހަނދުވަރު ކައިރީ ވައުދުތައްވެ އަހްދުތައް ވާ ލޯބިވެރިންނަށް މުހިންމު ރެއެކެވެ."
ސާރާ ނިމޭ އިރަށް ސާހިލް ލަވައިގެ އަނެއް ބައި ފެށްޓި އެވެ.

"އަހަރެންގެ ރޭ ދުވާތަކުގައި ވަނީ ކަލާގެ ނަމެވެ.
ދުވާލު ވެސް އަހަރެންނަށް ހޭލާ ހުރެގެން ކަލާގެ ހުވަފެންތައް ފެނެ އެވެ.
ކަލާޔާ ނުލާ އަހަރެންގެ ހުވަފެންތަކުގައި އެއްވެސް މުހިންމު ކަމެއް ނެތެވެ.
އަހަރެންގެ ލޯބީގައި ވަނީ ރަން އަކުރުން ތިޔަ ނަން ފެވިފަ އެވެ.
މިރެއަކީ ހަނދުވަރު ކައިރީ ވައުދުތައްވެ އަހްދުތައް ވާ ލޯބިވެރިންނަށް މުހިންމު ރެއެކެވެ.
އެހެނަސް ނިކަމެތި އަހަރެންނަށް އޮތީ ކަރުނަ އިހޮރުވުން ނޫން ކޮން ގޮތެއް ހެއްޔެވެ؟"

ވިއާމާ ދެލޮލުން ކަރުނަ ބާލަމުން އަތްތިލަބަޑި ޖެއްސެވެ.

"މަލްހާ…އަޑު ތިހާ ރިތި ކަމެއް މަ ނުދެނަހުރިން ކުރިއަކުން." ސާހިލް އެ މީހުންނާ ކައިރިވެލަމުން ބުނެލި އެވެ. ސާރާ ލަދުވެތި ކަމާއެކު އިސްޖަހާލި އެވެ. އެ ތިން މީހުން އެކަކު އަނެކެއްގެ ހިޔާލަށް ގެއްލުނެވެ.
އަދި ރަނގަޅު ރޭގަނޑަކަށް އެދެމުން އެވަގުތަށް ވަކިވެލި އެވެ. ސާރާ އާއި ސާހިލް ބޭނުން ވީ ވާހަކަ ދައްކަން އަދިވެސް ތިބޭށެވެ. އެހެނަސް އެ ދެ މީހުންނަށް ވެސް އެހެން ހަދާކަށް ނުކެރުނެވެ. ހިމޭންކަމާ އެކު ރޭގަނޑުގެ ސަލާން ކުރުމަށް ފަހު ވަކިވީ އެވެ. ހެނދުނު ބައްދަލު ވުމުގެ އުއްމީދުގަ އެވެ.

މުރާދު ކަނޑުގެ ސަތަހައަށް ބަލަން އިނެވެ. މިއަދު އޭނާ އަދީލު އާ އެކު ބޭރަށް ނިކުތީ އެވެ.
"މުރާދު…ތި ގޮތަށް ހިތާމައިން މޯޅިވެފައި ނުހުރޭ. ވެދިޔަ ކަންތައް ފާއިތުވެ ދިޔައީ. މުރާދު އަށް ބިނާ ކުރެވިދާނެ މުސްތަގުބަލެއް އެބައޮތް." އަދީލު މުރާދު އަށް ނަސީހަތް ތެރިވަމުން ދިޔަ އެވެ. މުރާދުގެ ލޮލުން އޭރު ވެސް ކަރުނަ އޮހެރެމުން ދިޔަ އެވެ.

"އަދީލް…ކަލޭމެންް އަހަރެންނަށް އޮޅުވާލީ…ނާހީ ނިޔާވި ވާހަކަ ވެސް ނުބުނީ." ގިސްލުމަކާ އެކު މުރާދު ވާހަކަ ދައްކަމުން ދިޔަ އެވެ.

"ނޫން…ނުބުނީކީ ނޫން. އެ ހާދިސާ ހިނގި ދުވަހު އަހަރެން ވެސް އެތަނުގައި ހުރިން. ނާހީ ނިޔާވި ޙަބަރު މުރާދު އަށް ނުދޭށޭ ބުނުއްވީ ޙުދު ޑޮކްޓަރު. އެއީ މުރާދުގެ ސަލާމަތަށްޓަކައި." އަދީލު މުރާދު އަށް ތަފްސީލުކޮށް ދިނެވެ. އެހެނަސް މުރާދު ގަބޫލު ނުކުރެވޭ ފަދަ ބެލުމަކުން އަދީލު އާ ދިމާއަށް ބަލާލި އެވެ.

"އަދީލް…އަހަރެންނަށް ނާހީ އަހަރެންގެ ކައިރީ ހުންނަ ކަމުގެ އިހްސާސްވޭ. އެހެން ކަމަކަށް އަހަރެން ވިސްނުން ދާ ގޮތެއް ނުވޭ. އަދީލް…އަހަރެންނަށް އެހީވެދީ." މުރާދު މިހެން ބުނަމުން ރޮމުން ދިޔަ އެވެ.

"އާނ…މުރާދު…ކަލޭ ނާހީ ދެކެ ވަރަށް ލޯބިވީކަން ގައިމު. އެހެންވެ އޭނާ ނިޔާވިކަން ކަލޭގެ ސިކުނޑި ގަބޫލު ނުކުރަނީ. ނޫނީ ގަބޫލު ކުރަން ބޭނުން ނުވަނީ. އެހެނަސް މިއީ ހިތި ހަގީގަތެއް. މިއަދު ނާހީ އަހަރެމެންނާ އެކު ނުވޭ." އަދީލު ތަފާތު ގޮތްގޮތަށް ވާހަކަ ދެއްކި އެވެ. މުރާދު އަށް ވިސްނައި ދޭން އުޅުނެވެ. އަދި އިރު އޮއްސުމާ އެކު ދެ އެކުވެރިން ގެއަށް ދިޔަ އެވެ.

"ދަރިފުޅާ…" ހުސްނާ މުރާދު ގެއަށް ވަންނަ އިރަށް ބޭރުގައި ހުރެފައި ގޮވާލި އެވެ.
އެހެނަސް މުރާދު ޖަވާބެއް ނުދިނެވެ. އެކަމަކު ކުޑަކޮށް މަޑުކޮށްލުމަށް ފަހު މަންމަ އާ ދިމާއަށް ބަލާލި އެވެ. އަދި ހަމަ އެހާ އަވަހަށް އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި އެނދުގައި އިށީނދެ ނާހިދާގެ ފޮޓޯ ނަގައި އެޔާ މުހާތަބުކޮށް ހިތުން ވާހަކަ ދެއްކި އެވެ. އޭގެ ފަހުގައި އެނދުގައި ރަނގަޅަށް ދިގުދެމިލި އެވެ.

ކަރީމު އާއި ހުސްނާ މިކަމާ ކަރުނަ އަޅާ ހިތާމަކުރަމުން ދިޔަ އެވެ.

ވިއާމާ އޭނާގެ މަންމަ އާ އެކު ސައި ހެދުމުގައި އެހީތެރި ވި އެވެ. މިއަދު އޭނާ ބޭނުންވީ ސާހިލް ކައިރީގައި މަލްހާ އިށީންނަ ގޮތަށް ހެނދުނުގެ ސައި ތައްޔާރު ކުރާށެވެ. ރޭގެ ހާދިސާއިން ވެސް ވިއާމާ ހުރީ ވަރަށް ދެރަވެފަ އެވެ. ނިދަން ކޮޓަރި އަށް ވަދެ ވެސް ސާރާ އާއި ވިއާމާ މާ ގިނާ ވާހަކައެއްނު ދައްކައެވެ. ސައި ތައްޔާރު ކުރުމަށް ފަހު ވިއާމާ ސާރާ ބަލާ ދިޔަ އެވެ. އެކަމަކު ސާރާ ކޮޓަރިއަކު ނެތެވެ.

އެވަގުތު ސާހިލް ހުރީ ބޭރުގަ އެވެ. ހެނދުނުގެ ފުރަތަމަ އަވިން ހަށިގަނޑު ތާޒާކޮށްލާށެވެ.

"މަލް…ތިތާ ކީއްކުރަނީ؟" ބެލްކަނީގައި މަލްހާ އެކަނި ވިލާތަކަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ ފެނިގެން ވިއާމާ އަހާލި އެވެ.

ސާހިލް ވެސް އެ ވަގުތު އެތަނާ އަރާހަ މަކޮށްލި އެވެ. މިކަމާ ސާރާ ލަދު ވެސް ގަތެވެ.

(ނުނިމޭ)