އައްޑޫ ތިންރަށެއްގެ ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް އެއްވެސް ފެންވަރެއްނެތި ނިންމައިލުމަށް އެންވައިރުމަންޓް މިނިސްޓަރ ތޯރިގު އިބްރާހީމާއި ފޭދޫ ދާއިރާގެ މަޖިލީސް މެންބަރު އިބްރާހިމް ދީދީ ބާރު އަޅަމުން މަޖުބޫރުކުރަމުންދާކަން އައްޑޫލައިވަށް އިތުބާރުހުރި ގޮތަކަށް ކަށަވަރުވެއްޖެއެވެ.
މަރަދޫއާއި މަރަދޫފޭދޫ އަދި ފޭދޫގައި ނަރުދަމާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެންވައިރުމަންޓް މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިމަސައްކަތަށް ބޭރުން ގެންނަންޖެހޭ ތަކެތި ލަސްވުމާއި އަދި އެނޫންވެސް ސަބަބުތައް ހުރެގެން މަސައްކަތް ނިންމާލެވެން އަންނަނީ އޮކްޓޫބަރު ހިސާބުގައި ކަމަށް އައްޑޫލައިވަށް މައުލޫމާތު ލިބިފައިވެއެވެ. ޕަމްޕިން ސްޓޭޝަންތަކަށް ކޮންމެހެންވެސް ބޭނުންވާ ޚާއްސަ ޔުނިޓުތައް އޯޑަރު ދީގެން ބޭރުން ގެންނަން ޖެހޭއިރު އެތަކެތި އެންމެ އަވަހަށްވެސް ލިބެން އަންނަނީ ސެޕްޓެމްބަރު މަހު ފަހުކޮޅުއެވެ.
އައްޑޫލައިވަށް އެނގިފައިވާގޮތުގައި ތޯރިގު އިބްރާހިމް މިހާރު އަމުރުކުރައްވާފައިވަނީ މަރަދޫ އާއި މަރަދޫފޭދޫ ދޫކޮށްލުމަށްފަހު ފޭދޫގައި މިނިޒާމު ކޮންމެގޮތެއް ހަދާފައިވެސް ސެޕްޓެމްބަރު ތޭވީހުގެ ކުރިން އިފްތިތާހު ކުރުމަށެވެ. އެކަން ކުރުމަށްޓަކައި ރާއްޖޭގައި ފައިބަރުން ނަގުލީ ފެންވަރެއްގައި ޔުނިޓުތަކެއް އުފައްދައިގެން ފޭދޫ ނަރުދަމާގެ މަސައްކަތް ނިންމައިލުމަށް އޭނާ ވަނީ އަންގަވައިފައެވެ. މިކަން މިގޮތަށް ކުރުމަށް ކޮންޓްރެކްޓަރަށް މަޖުބޫރުކޮށްގެން އައްޑޫއަށް ޓީމެއް ފޮނުވައިގެން ފޭދޫގައި މިހާރު ހަރަކާތްތެރިވަމުންދާކަމަށް އެނގިފައިވެއެވެ.
ތޯރިގު އަންގަވާ ގޮތަށް މިކަން ކުރުމަކީ ރަށެއްގައި ނަރުދަމާ ގާއިމު ކުރުމުގެ މަގްސަދާއި ޚިލާފަށް ވަރަށް ފެންވަރުދެެރަކޮށް ބައެއްގެ ލޮލުގައި އަނދުން އެޅުވުމަކަށްވާތީ މިކަމާގުޅުންހުރި ބައެއް މީހުން ވަރަށް ނުރުހިފައިވާކަމަށް މައުލޫމާތު ލިބެއެވެ. ޒާތްޒާތުގެ ސޮލިއުޝަންތައް ދައްކަން ނޫޅެ މިނިސްޓްރީން ބޭނުންވާގޮތަށް އިންތިޚާބުގެ ކުރިން ފޭދޫގައި މިކަން ކުރަންވާނެޔޭ ތޯރިގު ވަނީ އަންގަވައިފައެވެ.
މައުލޫމާތު ލިބޭގޮތުގައި ބޭރުން ޔުނިޓުތައް ނުގެނެސް ފައިބަރާއި ރޯނުން ނަގުލީ ޔުނިޓުތައް ހަދައިގެން ފޭދޫގައި މިކަން ނިންމައިލަން ތޯރިގު އަންގަވަނީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމް ދީދީގެ އެދުމަކަށެވެ. އިންތިޚާބުގެ ކުރިން މިމަގުން ފޭދޫ ރައްޔިތުންގެ ލޮލުގައި އަނދުނެއް އަޅުވައިލެވުނީމާ އެރަށުން ރައީސް ޔާމީނަށް ވޯޓު ލިބޭނޭ ކަމަށް އިބްރާހިމް ދީދީ އުއްމީދު ކުރައްވައެވެ. ތޯރިގު ވެސް ގަބޫލު ކުރައްވަނީ އެގޮތަށެވެ. މަރަދޫ އާއި މަރަދޫފޭދޫ ތަމްސީލުކުރައްވަނީ އެމްޑީޕީގެ ބޭފުޅުންކަމަށްވެފައި އެދެރަށް ދޫކޮށްލާފައި ފޭދޫގައި މިތަމްސީލު ކުޅެވިއްޖެނަމަ ފޭދޫ ރައްޔިތުންގެ ކުރިމަތީގައި އިބްރާހިމް ދީދީގެ މަގުބޫލުކަން މައްޗަށްދާނެ ކަމަށްވެސް އޭނާ ގަބޫލުކުރައްވައެވެ.
ރަށްރަށުގައި ނަރުދަމާ ނިޒާމު ގާއިމުކުރަނީ އާއްމުންގެ ފަސޭހަޔާއި ޚިދުމަތަށް އަމާޒުކުރެވިގެން ކަމަށްވާއިރު އިންތިޚާބާއި ދިމާކޮށް އައްޑޫ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި މޮޔަހެއްދުމަށް މިފަހަރު ކުރަމުންމިދާ ކަންކަން ދެނެތިބި ޕީީޕީއެމްގެ ސަޕޯޓަރުންވެސް ތިބީ ވަރަށް ނުރުހިގެން ކަމަށް އައްޑޫލައިވަށް އެނގިފައިވެއެވެ.