މިމަހުގެ 18 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސްޕެނިޝް ލަލީގާ އަށް ތައްޔާރުވަމުންދާ ބާސެލޯނާގެ އައު ކެޕްޓަންކަން އާޖެންޓީނާގެ ލިއޮނަލް މެސީ އަށް ދީފިއެވެ.
އާޖެންޓީނާގެ ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ މެސީ އަށް ބާސެލޯނާގެ ކެޕްޓަންކަން ދިނީ ކުރިން އެމަޤާމު އަދާކުރި އަންދްރެއަސް އިނިއެސްޓާ 22 އަހަރަށްފަހު އެކްލަބު ދޫކޮށް މިދިޔަ މެއި މަހު ޗައިނާގެ ކްލަބު ވިސެލް ކޯބީ އަށް ބަދަލުވުމާއި ގުޅިގެންނެވެ.
މެސީގެ ފަހަތުން ވައިސް ކެޕްޓަނެއްގެ ރޯލް އަދާކުރާނީ ސްޕެއިނުގެ މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް އެވެ. އެއަށްފަހު ޖެރަޑް ޕީކޭގެ އިތުރުން ސާޖީ ރޮބާޓޯ ވަނީ ތިންވަނަ އަދި ހަތަރުވަނަ ކެޕްޓަނަކަށް ހަމަޖައްސާފައެވެ.
މީގެއިތުރުން، މިހަތަރު ކުޅުންތެރިންނަކީ ބާސެލޯނާގެ ލާ މާސިއާ އެކަޑަމީން ތަމްރީނުވެފައިވާ ކުޅުންތެރިންކަންވެސް ފާހަގަކޮށްލެވެއެވެ.
އުމުރުން 31 އަހަރުގެ މެސީ ވަނީ 2001 ވަނަ އަހަރު ބާސެލޯނާއަށް ބަދަލުވެ ގިނަ މެޗުތަކެއް ކުޅެ އެކްލަބުގެ ތާރީޚުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަޤާމް ވެސް ހޯދާފައެވެ.