ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރޭ އަމިއްލަ ދަނޑުގައި ކުޅެ ލެސްޓަރ ސިޓީ އަތުން މެންޗެސްޓަރ ޔުނައިޓެޑުން އުނދަގޫ މޮޅެއް ހޯދައިފިއެވެ. ޔުނައިޓެޑުން މިމެޗު ކާމިޔާބުކުރީ 2-1 އިން ނެވެ.
މިމެޗުގައި ޔުނައިޓެޑަށް ލަނޑުތައް ޖަހައިދިނީ ޕައުލް ޕޮގްބާ އާއި ލޫކް ޝޯ އެވެ. ލެސްޓަރގެ ހަމައެކަނި ލަނޑުޖަހައިދިނީ ޖެމީ ވާޑީ އެވެ.
މެންޗެސްޓަރގެ އޯލްޑް ޓްރެފޯޑްގައި ކުޅެވުނު މިމެޗުގައި ކުރިން ލީޑްނެގީ ވެސް ޔުނައިޓެޑުންނެވެ. މެޗު ފެށިގެން ތިންވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑު ޖަހައިދިނީ ފްރާންސާއި އެކު ވޯލްޑްކަޕް ކާމިޔާބުކުރި ރޭގެ މެޗުގައި ޔުނައިޓެޑްގެ ކެޕްޓަންކަން ކުރި ޕޮގްބާ އެވެ. މިއީ ލެސްޓަރގެ ޕެނަލްޓީއޭރިޔާތެރެއިން އެޓީމުގެ ޑެނިއަލް އަމާޓޭ ބޯޅައިގައި އަތްލުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ.
ޔުނައިޓެޑްގެ ލަނޑަށްފަހު ލެސްޓަރ އިން ވަނީ ގޯލެއް ކާމިޔާބުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާފުގައި ޔުނައިޓެޑުން ބޮޑަށް ކުޅުނީ ޑިފެންސަށް ވިސްނައިގެންނެވެ.
މިހާފުގައި ލެސްޓަރ އަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުޞަތު ލިބުނީ ޖޭމްސް މެޑިސަން އަށެވެ. ޕޯޗުގަލްގެ ރިކާޑޯ ޕެރެއިރާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ މެޑިސަން، ޔުނައިޓެޑްގެ ޕެނަލްޓީއޭރިޔާތެރޭގައި ހުރެ ފޮނުވާލުމުުން ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ ވަނީ މަތަކޮށްފައެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ޔުނައިޓެޑް ކުރީގައޮވެގެންނެވެ.
ދެވަނަ ހާފުގައި ވަކި ހިސާބަކުން ލެސްޓަރ އިން ވަނީ އެޓީމުގެ އިނގިރޭސި ފޯވާޑް ޖެމީ ވާޑީ ކުޅެން ނެރެފައެވެ. އޭގެފަހުން، އޭނާ ވަނީ ޔުނައިޓެޑްގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކޮށްފައެވެ.
މެޗުގެ 75 މިނެޓުގައި ލެސްޓަރ އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ވާޑީ ނަގައިދިން ހުރަހަކުން އެޓީމުގެ ޑެމާރައި ގްރޭ އަށް ލިބުނު ބޯޅަ މާ ރަނގަޅަށް ފޮނުވާލެވޭގޮތްނުވުމުން ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ ވަނީ ފަސޭހަކަމާއިއެކު ދިފާއުކޮށްފައެވެ.
އޭގެ ތިން މިނެޓުފަހުން، ޔުނައިޓެޑްގެ ލީޑް ފުޅާކުރުމަށް ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. އެޓީމުގެ އަލެކްސިސް ސަންޗޭޒް ހުސްކޮށްލާފައި ދިން ބޯޅައެއް ލުކާކޫ އަށް ލިބުމުން އޭނާ އަށް މާ ރަނގަޅަށް ފޮނުވާލެވޭގޮތްނުވުމުން ލެސްޓަރގެ ގޯލްކީޕަރު ކެސްޕާ ޝޫމެއިކަލް ވަނީ ކުރިއަށް ނިކުމެ އެބޯޅަ ކޯނަރަކަށް ބޭރުކޮށްލާފައެވެ.
އެހެންނަމަވެސް، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތްމިނެޓަށްވެފައިވަނިކޮށް ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އިނގިރޭސި ފުލްބެކް ލޫކް ޝޯ އެވެ. މިއީ އެޓީމުގެ ހުއާން މަޓާ ނަގައިދިން ހުރަހަކުން ޕެނަލްޓީއޭރިޔާތެރެއިން ލިބުނު ބޯޅަ ލެސްޓަރގެ ޕެރެއިރާ ކައިރިން ނައްޓާލުމަށްފަހު ގޯލްގެތެރެއަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ އަނިޔާގައި ކެރިއަރުގެ ބޮޑުބައި ހޭދަކޮށްފައިވާ ޝޯ، ޔުނައިޓެޑަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވެގެން ރެފްރީ ދެއްކީ އިތުރުވަގުތުގެ ހަތަރުމިނެޓުގެތެރެއިން ފުރަތަމަ މިނެޓުގައި ލެސްޓަރގެ ފޯވާޑް ވާޑީއަށް ވަނީ ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުޞަތެއްލިބިގެންގޮސްފައެވެ. އެޓީމުގެ ޕެރެއިރާ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ އޭނާ އެއްފަހަރުން ފޮނުވާލަން މަސައްކަތްކުރުމުން މާ ރަނގަޅަށް ފަޔަށް އަރާގޮތެއްނުވިއެވެ. ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ.
އޭގެ މިނެޓެއްފަހުން، އިނގިރޭސި ފޯވާޑް ޖެމީ ވާޑީ ވަނީ ލެސްޓަރ އަށް ސުން ކަނޑުވާލައިދީފައެވެ. މިއީ އެޓީމުގެ ޕެރެއިރާ ޔުނައިޓެޑްގެ ޕެނަލްޓީއޭރިޔާބޭރުގައި ހުރެ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑީގައިޖެހިފައި ނިކުތް ވަގުތު ހުހަށްހުރި ވާޑީއަށް ލިބުމުން އޭނާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.