Last Updated: November 27, 13:36
Wednesday, November 27, 2024
ކުޅިވަރު

ޗެލްސީ އާއި ޓޮޓެންހަމް މޮޅަކުން ލީގު ފަށައިފި

ޗެލްސީގެ ފުރަތަމަ ލަނޑުޖެހުމަށްފަހު އެޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާލީގު.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ލަންޑަނުގެ ދެކްލަބުކަމަށްވާ ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށްފިއެވެ.

އާ ކޯޗު މައުރީޒިއޯ ސާރީގެ އިރުޝާދުގެ ދަށުން ނިކުތް ޗެލްސީ ވަނީ ހަޑަސްފީލްޑް ޓައުން 3-0 އިން ބަލިކޮށް ޕޮއިންޓް ތާވަލްގެ ކުރިއަށް ޖެހިލާފައެވެ. މިމެޗުގައި ޗެލްސީ އަށް ލަނޑުތައް ޖަހައިދިނީ އެންގޯލޯ ކާންޓޭ އާއި ޖޯޖީނިއޯ އަދި ޕެޑްރޯ ރޮޑްރިގޭޒް އެވެ.

ހަޑަސްފީލްޑް ޓައުންގެ ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީއަށް ލީޑް ނަގައިދިނީ 34 ވަނަ މިނެޓުގައި ކާންޓޭ އެވެ. މިއީ އެޓީމުގެ ވިލިއަން ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ޕެނަލްޓީއޭރިޔާތެރޭގައި ހުހަށްހުރި ކާންޓޭ ވަރަށް ހަމަޖެހިލައިގެން ހުރެ ގޯލްގެތެރެއަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ޗެލްސީގެ މާކޮސް އަލޮންސޯ އަށް ހަޑަސްފީލްޑްގެ ކުޅުންތެރިއަކު އެޓީމުގެ ޕެނަލްޓީއޭރިޔާތެރޭގައި ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް ޗެލްސީގެ ލީޑް ފުޅާކޮށްދިނީ ޖޯޖީނިއޯ އެވެ.

ޗެލްސީގެ ފަހު ލަނޑު ޖަހައިދިނީ މެޗުގެ 80 ވަނަ މިނެޓުގައި ޕެޑްރޯ އެވެ. މިއީ ދެވަނަ ހާފުގައި ކުޅެން ނިކުތް އެޑެން ހަޒާޑް ދިން ރީތި ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ޓޮޓެންހަމް މޮޅުވި ލަނޑުޖެހުމަށްފަހު ޑެލޭ އަލީ (ކ) އާއި ހެރީ ކޭން (މ) އަދި އެރިކް ޑަޔާ (ވ) އުފާ ފާޅުކުރަނީ. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓޮޓެންހަމް ހޮޓްސްޕާ ވަނީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެފައެވެ.

މިމެޗުގައި ޓޮޓެންހަމް އިން ކާމިޔާބުކުރި ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 8 ވަނަ މިނެޓުގައި ބެލްޖިއަމްގެ ޑިފެންޑަރު ޔާން ވާޓޮންގެން އެވެ. ވާޓޮންގެން ފޮނުވާލި ބޯޅަ ގޯލްގެ ރޮނގު ހުރަސް ކުރިކަން ޔަޤީންކުރުމަށް ރެފްރީ ވަނީ ގޯލް ލައިން ޓެކްނޮލޮޖީގެ އެހީ ހޯދާފައެވެ.

އޭގެ ތިން މިނެޓުފަހުން ނިއުކާސަލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ސްޕެއިނުގެ ފޯވާޑް ޖޮސެލޫ އެވެ. މިއީ އެޓީމުގެ މެޓް ރިޗީ ނަގައިދިން ރީތި ހުރަހަކުން ލިބުނު ބޯޅަ އޭނާ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ޓޮޓެންހަމް އަށް އަލުން ލީޑް ނަގައިދިނީ 18 ވަނަ މިނެޓުގައި ޑެލޭ އަލީ އެވެ. މިއީ އެޓީމުގެ ފުލްބެކް ސާޖް އޯރިއޭ ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ އަލީ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގައި ނިއުކާސަލްގެ މުހައްމަދު ޑިއާމޭ އާއި ސޮލޮމަން ރޮންޑޮން އަށް ވަނީ ލަނޑުޖަހާނެ ވަރަށް ރަނގަޅު ދެ ފުރުޞަތުލިބި ކާމިޔާބުކުރެވޭގޮތްނުވެފައެވެ. އެގޮތުން މި ދެކުޅުންތެރިން ފޮނުވާލި ހަމަލާވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ކާޑިފް ސިޓީ އަތުން ބޯންމައުތު 2-0 އިން މޮޅުވިއިރު ރަށުން ބޭރުގައި ފުލަމް އަތުން ކްރިސްޓަލް ޕެލަސް މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ. ބްރައިޓަން ހޯވް އެލްބިއަން އަތުން ވަޓްފޯޑް މޮޅުވީ ވެސް 2-0 އިން ނެވެ. ރޭ ކުޅެވުނު ފަހު މެޗުގައި މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބޮޑު ޚަރަދުތަކެއްކުރި ވުލްވަހެމްޕްޓަން ވޮންޑަރާސް އާއި އެވަޓަން ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު އެވަޓަންގެ ދެލަނޑުވެސް ޖަހައިދިނީ ރިޗާލިސަން އެވެ.