Last Updated: November 24, 09:48
Sunday, November 24, 2024
ޚަބަރު

ރާއްޖެ ކުރިއަރާފައި ވާތީ ހެލިކޮޕްޓަރުތަކުގެ ބޭނުމެއް ނެތް: ދިވެހި ސަފީރު

21 އެޕްރީލް 2018. ހިތަދޫގައި މޫދަށް ގޮސް އުޅެނިކޮށް ގެއްލުނު ދެ ކުދިން ހޯދުމުގެ މަސައްކަތުގައި ހެލިކަޕްޓަރު ހަރަކާތްތެރިވަނީ

ރާއްޖޭގެ ވަސީލަތްތައް މިހާރު ކުރިއަރާފައި ވާ މިންވަރަށް ބަލާއިރު އިތުރަށް އިންޑިޔާގެ ހެލިކޮޕްޓަރުތަކުގެ ބޭނުމެއް ނެތް ކަމަށް ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި، އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އާންމު ގޮތެއްގައި ބޭނުންކުރީ ބަލި މީހުން އުފުލަން ކަމަށެވެ. އެހެން ނަމަވެސް އެކަން އަމިއްލައަށް ކުރެވޭ ވަރަށް ރާއްޖޭގެ ވަސީލަތްތައް މިހާރު ކުރިއަރާފައި ވާތީ އެ ހެލިކޮޕްޓަރުތަކުގެ ބޭނުމެއް މިހާރު ނެތް ކަމަށް އަހްމަދު މުހައްމަދު ވިދާޅުވިއެވެ.

"އެއީ [ދެ ހެލިކޮޕްޓަރަކީ] މީގެ ކުރިން ވަރަށް ބޭނުންތެރި އެއްޗަކަށްވި. އެކަމަކު މިހާރު ވަސީލަތްތައް ކުރިއަރާފައި ވާތީ، ބަލިމީހުން އުފުލުމަކީ މިހާރު އަމިއްލައަށް ކުރެވޭނެ ވަރުގެ ކަމެއް،" ރޮއިޓާސް އަށް ދިން ބަސްދީގަތުމެއްގައި އަހުމަދު ވިދާޅުވި އެވެ.

އިންޑިޔާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ސަފީރު މިހެން ވިދާޅުވިއިރު މީގެ ކުރިން ޑިފެންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހެލިކޮޕްޓަރުތައް އަނބުރާ ފޮނުވާލަނީ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ނުހިފޭތީ ކަމަށެވެ.

އިންޑިއާ އިން ދިވެހި އަސްކަރިއްޔާ އަށް ފުރަތަމަ ހެލިކޮޕްޓަރެއް ދިނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން އިތުރު ހެލިކޮޕްޓަރެއް ވެސް އިންޑިޔާއިން ހަދިޔާކޮށްފައިވާއިރު، އެއް ހެލިކޮޕްޓަރު ގަން އެއާޕޯޓުގައި އޮޕަރޭޓް ކުރާއިރު ދެވަނަ ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައެވެ.