ދިވެހި ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި ދެމެހެެއްޓުމާއި އެކު ސައްހަ އިސްލާމީ އަގީދާއެއްގެ މަތީ މުޖްތަމައު ބިނާ ކުރައްވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިބޫގެ ދީނީ ސިޔާސަތު ހާމަ ނުކުރައްވާކަމަށް ވިދާޅުވެ ފާޑު ކިޔާފައިވަނިކޮށް ރޭ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވަނީ އިއްތިހާދުގެ ސަރުކާރެއްގެ ދީނީ ސިޔާސަތުތައް ހާމަ ކުރައްވާފައެވެ.
"އަޅުގަނޑުމެންގެ ދީނީ ސިޔާސަތަކަށް ވާނީ ދިވެހިރާއްޖޭގައި ސައްތައިންސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން. އެގޮތުން ސައްޙަ އިސްލާމީ އަޤީދާއެއްގެ މަތީގައި މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތް ކުރާނަން. އެއީ އެކަން ވާން ޖެހޭނެ ގޮތަކީ. ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތެއް ނުދެވޭނެ. އެއީ ރައްޔިތުން ޤަބޫލު ވެސް ކުރައްވާނެ ކަމެއް ނޫން. އަދި އަޅުގަނޑުމެން އެއްވެސް މީހަކު ވެސް ޤަބޫލުކުރާނެ ކަމެއް ނޫން،"
އިބޫ ވިދާޅުވީ އިއްތިހާދުގެ ސަރުކާރުގައި އެކުލަވާލާ ދީނީ ސިޔާސަތަކީ ރާއްޖޭގައި މިހާތަނަށް ރިޔާސީ ކެންޑިޑޭޓަކު ނުނެރޭވަރުގެ ދީނީ ސިޔާސަތުތަކެއް ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެކަމަށާއި ދިވެހިން އިސްލާމް ދީނުގެ މަތިވެރިކަމުގައި ދެމިތިބޭތާ 800 އެތައް އަހަރެއް ވެފައިވާ ކަމަށާއި އިއްތިހާދުގެ ސިޔާސަތަކީ ސައްހަ އިސްލާމީ އަގީދާގެ މަތީގައި މުޖްތަމައު ބިނާ ކުރުން ކަމަށެވެ.
އިބޫ ވިދާޅުވީ ދީނީ ސިޔަސަތު ކަނޑައަޅާނީ ކުރީގެ ރައީސް މައުމޫން އާއި ކޯލިޝަންގެ އެއްބައިވެރިއެއްކަމަށްވާ އަދާލަތުޕާޓީގެ އިލްމުވެރިންގެ މަޝްވަރާގެ މަތިންކަމަށެވެ.
އިއްތިުހާދެއްގެ ސަރުކާރުން އެންމެ އިސްކަމެއްދޭނީ ރާއްޖޭގެ މުޖްތަމައަށް ހެޔޮ ބަދަލު ގެނެސް ދިވެހިން ދީނީ ވަގުދަތު ގާއިމް ކުރުން ކަމަށެވެ.