ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއިން ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި އާސެނަލް އަތުން ފަސޭހަ މޮޅެއް ހޯދައިފިއެވެ. ސިޓީއިން މިމެޗު ކާމިޔާބުކުރީ 2-0 އިންނެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފެއްދީވެސް ސިޓީއިންނެވެ.
އޭގެނަތީޖާއެއްގެގޮތުން، މެޗުގެ 14 ވަނަ މިނެޓުގައި ލީޑް ނެގީވެސް ސިޓީއިންނެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ބެންޖަމިން މެންޑީ ދިން ބޯޅައަކުން އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިންނެވެ. އާސެނަލްގެ ކުޅުންތެރިން ކައިރިން ވަރަށް ފަސޭހަކަމާއި އެކު ދެމިގަތުމަށްފަހު ސްޓާލިން ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަން އިރު އާސެނަލްގެ ގޯލްކީޕަރު ޕީޓަ ޗެކް ހުރީ ހަރަކާތްކުރަންވެސް ނޭނގިފައެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުން އެދެވޭ ކުޅުމެއް ފެނިފައިނުވާއިރު މިހާފުގައި އެޓީމުގެ ފުލްބެކް ހެކްޓަ ބެލަރިން އަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއްލިބިފައެވެ. އެހެންނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން ވަނީ މަތަކޮށްފައެވެ.
އޭގެފަހުން، އެޓީމުގެ ފޯވާޑް ޕިއޭރް އެމެރިކް އޮބަމަޔަން އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
މިމެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ވާތުބެކަށް ކުޅުނު ޒުވާން ކުޅުންތެރިޔާ އައިންސްލީ މެއިޓްލަން ނައިލްސް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ ސްވިޒަލެންޑްގެ ތަޖުރިބާކާރު ފުލްބެކް ސްޓެފަން ލީޗްސްޓެއިނާ އެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ސިޓީ ކުރީގަ އޮވެގެންނެވެ.
ދެވަނަ ހާފުގައި އާސެނަލްގެ ކޯޗު އުނާއި އެމެރީ ވަނީ އާރޮން ރަމްސީގެ ބަދަލުގައި ފްރާންސްގެ ފޯވާޑް އަލެކްސަންޑަ ލަކަޒޭ ކުޅެން ނެރެފައެވެ.
މިހާފުގައި އާސެނަލްގެ ފަރާތުން ފެނުނު ފުރަތަމަ ނުރައްކާތެރި ހަމަލާ ފެނިގެންދިޔައީ ލަކަޒޭގެ ފަރާތުންނެވެ.
މެޗުގެ 56 ވަނަ މިނެޓުގައި އޮބަމަޔަން ދިން ބޯޅަ ލަކަޒޭ ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
ސިޓީ އަށް ލީޑު ފުޅާކޮށްދޭން މެޗުގެ 63 ވަނަ މިނިޓްގައި އެޓީމަށް ކުޅޭ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އާސެނަލްގެ ޒުވާން މިޑްފީލްޑަރު މަޓިއޯ ގެންޑޫޒީ މެދު ރޮނގާއި ހަމައިން ދިފާއުކުރަން މަސައްކަތްކުރި ބޯޅައެއް ލިބުނީ މުޅިން ހުހަށް ހުރި އަގުއޭރޯ އަށެވެ. އާސެނަލް ހާފުތެރެއިން އަގުއޭރޯ ހިފައިގެން ދިޔަ ބޯޅަ އެޓީމުގެ ޕެނަލްޓީއޭރިޔާތެރެއަށް ވަދެ ފޮނުވާލުމުން ކީޕަރު ޗެކް ވަނީ މަތަކޮށްފައެވެ.
ނަމަވެސް، އޭގެ މިނެޓެއްފަހުން ސިޓީގެ ދެވަނަ ލަނޑު ޖަހައިދިނީ ބާނާޑޯ ސިލްވާ އެވެ. ފްރާންސްގެ ފުލްބެކް މެންޑީ ދިން ބޯޅައަކުން ސިލްވާ މިލަނޑު ކާމިޔާބުކުރިއިރު އާސެނަލްގެ ޑިފެންސްލައިނަށް ހުއްޓުވަން ކުރެވުނު އެއްވެސް ކަމެއް ނެތެވެ. އެޓީމުގެ ޕެނަލްޓީއޭރިޔާތެރޭގައި ވަރަށް ހަމަޖެހިލައިގެން ހުރެ އޭނާ ވަނީ ގޯލްގެ ކަނަށް އަމާޒުކޮށްލާފައެވެ.
އާސެނަލްގެ ކޯޗުކަމާއި ސްޕެއިނުގެ އުނާއި އެމެރީ ހަވާލުވެ ޕްރިމިއާ ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވިއިރު އަންނަ ހަފްތާގައި އާސެނަލް ނިކުންނާނީ ވާދަވެރި ޗެލްސީ އާ ދެކޮޅަށެވެ. މިމެޗު ކުޅެވޭނީ ސްޓެމްފަޑް ބްރިޖުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ފުރަތަމަ ހަފްތާގެ ކުޅުން ނިމުނުއިރު ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި އުޅެނީ ފައިދާ ގޯލްގެ ތަފާތުން ލިވަޕޫލެވެ. ދެވަނައިގައި ޗެލްސީ އޮތްއިރު ސިޓީއާއި އެއްވަރަށް ފައިދާ ގޯލް ލިބިގެން ކްރިސްޓަލް ޕެލަސް އާއި ވަޓްފޯޑްގެ އިތުރުން ބޯންމައުތު އޮތީ ތިންވަނައިގައެވެ.