ސްޕެނިޝް ސުޕަ ކަޕް ފައިނަލްގައި ސެވިއްޔާ ބަލިކުރުމަށްފަހު ބާސެލޯނާ އިން އެމުބާރާތުގެ ތަށި އުފުލާލައިފިއެވެ.
ރޭ ކުޅުނު މެޗުން ބާސާއިން ސެވިއްޔާގެ މައްޗަށް ކުރިހޯދީ 1-2 ގެ ނަތީޖާއިންނެވެ.
މޮރޮކޯގެ ޓެންޖިއާގެ އިބްނު ބަތޫތާ ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗުގައި، ކުރިން ލީޑްނެގީ ސެވިއްޔާއިންނެވެ. މެޗުގެ 9 ވަނަ މިނެޓުގައި ލުއިސް މުރިއެލްގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރަބިއާއެވެ. މިއީ އޮފްސައިޑް ގޯލެއްކަމަށް ފުރަތަމަ ނިންމުމަށްފަހު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ ގޯލެއްކަމަށް ނިންމާފައެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ބާސެލޯނާއަށް ނަތީޖާ ހަމަހަމަކޮށްދިނީ ދާދިފަހުން ސްޕެއިނުގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލި އިތުބާރު ޑިފެންޑަރު ޖެރާޑް ޕީކޭ އެވެ. މިއީ ލިއޮނަލް މެސީ ފޮނުވާލި ހިލޭޖެހުމަކުން ޕެނަލްޓީއޭރިޔާތެރެއަށް ހުރަސްވީ ބޯޅައެއް ގޯލްގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ހުސްކޮށްހުރި ޕީކޭ އަށް ލިބުމުން އޭނާ ގޯލްގެތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން 17 ވަނަ މިނެޓުގައި ސެވިއްޔާގެ ފްރޭންކޯ ވަޒްކޭޒް އަށް ވަނީ އެޓީމަށް އަލުން ލީޑްނަގައިދިނުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބި ބޭނުންހިފޭގޮތްނުވެފައެވެ. އާޖެންޓީނާގެ މިޑްފީލްޑަރު އެވާ ބަނޭގާ ނަގައިދިން ކޯނަރަކުން ލިބުނު ބޯޅަ ވަޒްކޭޒް ބޮލުން ފޮނުވާލުމުން ދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ.
މިމެޗުގައި ބާސެލޯނާއަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިނީ 78 ވަނަ މިނެޓުގައި ފްރާންސްގެ އޮސްމާން ޑެމްބެލޭ އެވެ. ސެވިއްޔާގެ ޕެނަލްޓީއޭރިޔާބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ ގޮސް ގޯލްގެތެރެއަށް ވަނީ ހުރަސްދަނޑީގައި ޖެހިފައެވެ.
އޭގެފަހުން، މެޗުގެ ފަހު ވަގުތުކޮޅުގައި ސެވިއްޔާގެ ފޯވާޑް ވިސާމް ބެން ޔެޑާ އަށް ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ރަނގަޅު ފުރުޞަތެއްލިބިފައެވެ. ސެވިއްޔާގެ އަލެއިކްސް ވިޑާލް އަށް ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރޭ ޓަ ސްޓެގެން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ބެން ޔެޑާ ފޮނުވާލުމުން ބާސާގެ ކީޕަރު ޓަ ސްޓެގެން ވަނީ މަތަކޮށްފައެވެ.
މިއީ ބާސެލޯނާއިން ސްޕެނިޝް ސުޕަކަޕް ކާމިޔާބުކުރި 13 ވަނަ ފަހަރެވެ. މީގެއިތުރުން، މިއީ ވޭތުވެދިޔަ ނުވަ އަހަރު ތެރޭގައި ބާސެލޯނާއިން މި މުބާރާތް ކާމިޔާބުކުރި ހަ ވަނަ ފަހަރެވެ. އަދި މިއީ ބާސެލޯނާގެ މިހާރުގެ ކެޕްޓަން ލިއޮނަލް މެސީ އެކްލަބާއިއެކު ކާމިޔާބުކުރި 33 ވަނަ ތައްޓެވެ.