Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

ވޯޓް ފޮށިތައް ރަށްތަކަށް ފޮނުވައި ނިންމާލައިފި

ރިޔާސީ އިންތިޚާބުގައި ވޯޓުލާ ދުވަހު ބޭނުންކުރާ ވޯޓު ފޮށިތަކާ ވޯޓިން ބޫތުތައް އަތޮޅު ތެރޭގެ ރަށްތަކަށް ފޮނުވައި ނިމިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނު(އީސީ) އިން ބުނެފިއެވެ.

އީސީގެ ތަރުޖަމާނު އަހްމަދު އަކްރަމް އާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރަށްތަކަށް ފޮނުވަންޖެހޭ ވޯޓިން ބޫތުތަކާއި ފޮށިތައް އެ ރަށްރަށަށް ފޮނުވައި ނިމިފައިވާ ކަމަށެވެ.

ރަށްތަކަށް ފޮނުވަން ޖެހޭ ވޯޓު ފޮށިތަކާއި ވޯޓިން ބޫތުތައް ފޮނުވައި ނިމުނު ނަމަވެސް، ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓާ ގައުމުތަކާއި ވޯޓު ފޮށި ބަހައްޓަ ރިސޯޓުތަކަށް ވޯޓު ފޮށި އަދި ވޯޓިން ބޫތުތައް ފޮނުވަން ނުފަށައެވެ.

އިލެކްޝަންސް އިން ބުނެފައިވަނީ އެ ތަންތަނަށް ވޯޓު ފޮށި ފޮނުވާނީ ރީ-ރަޖިސްޓްރޭޝަންގެ ކަންތައް ނިމުމުން ކަމަށެވެ.

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 263،000 މީހުންނަށް ލިބެއެވެ. އިންތިޚާބުގައި 491 ވޮޓު ފޮށި ބަހައްޓަން ނިންމާފައިވެއެވެ.