އިދިކޮޅު ސިޔާސީ ކެންޑިޑޭޓުގެ މެނިފެސްޓޯގައި ރާއްޖޭގައި އޮންނާނީ ސައްތައިން ސައްތަ އިސްލާމްދީންކަމަށް ލިޔެފައި ނޯންނާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ތ. ތިމަރަފުށީ ރައްޔިތުންނާއި މުޙާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އިދިކޮޅު ކެންޑިޑޭޓު އިބޫ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތައްކަމަށްވާ އަދާލަތު ޕާޓީ އާއި ޖުމްހުރީ ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އަދާލަތު ޕާޓީން ރާއްޖޭގައި ސައްތައިން ސައްތަ އިސްލާމީ ގައުމެެއްގެ ގޮތުގައި ބާއްވަން ވަކާލާތު ކުރައްވާ އިރު މިއަދު އެބޭފުޅުން ބައިއަތު ހިފައިގެން ތިބި ކެންޑިޑޭޓުގެ މެނިފެސްޓޯ ބަލަން ޖެހޭ ކަމަށެވެ. އަދި ޖުމްހުރީ ޕާޓީއަކީ ވެސް ރާއްޖޭގައި އިސްލާމް ދީން ނޫން ދީނެއް އޮތުމަށް ނޭދޭ ޕާޓީއަކަށްވާ އިރު މެނިފެސްޓޯގައި އޮތް އެއްޗެއް ބަލަން ޖެހޭ ކަމަށެވެ.
މަރަށް މަރު ހިފުމާއި، ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވަނީ އެމަނިކުފާން ކަމަށާއި، އެކަން އެގޮތަށް އިއްތުހާދެއްގެ ވެރިކަމެއްގައި ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ތިމަރަފުށީ ރައްޔިތުންނާއި މުހާޠަބު ކުރައްވައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު މުޅިން އަމާޒުކޮށްފައިވަނީ މަރަށް މަރު ހިފުމާއި އިސްލާމް ދީން ނޫން ދީނެއް ރާއްޖެއިން ގެނެވިޔަ ނުދޭނެކަމުގެ މައްޗަށެވެ.