ވައިގެ މަގުން އައްޑު އަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު 1،00،000ރ. އިން ޖޫރިމަނާކޮށް ޢުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފި އެވެ.
މި މައްސަލައިގާ ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނީ ކ.މާލެ، ހ.ގުރާތުންގެ އިބްރާހީމް ޢާޒިމްގެ މައްޗަށެވެ.
އިބްރާހީމް ޢާޒިމްގެ މައްޗަށް މިއަދު ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނީ 2012 ސެޕްޓެމްބަރު 18 ވަނަދު ވަހުގެ ވަގުތެއްގައި ވައި ގެމަގުން އައްޑު އަށް މީހަކު މަސްތުވާތަކެތި ގެންދަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޕޮލިސް އިންޓެލިޖެންސާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ހުޅުލޭ ޑޮމެސްޓިކް ޓާމިނަލް ކައިރީން އިބްރާހީމް ޢާޒިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ހުޅުލޭ ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރުމަށް ފަހު އިބްރާހީމް ޢާޒިމްގެ ހަށިގަނޑު ބަލައި ފާސް ކުރި އިރު އިބްރާހީމް ޢާޒިމްގެ ވާތް ފަރާތުން ފައިގެ ފަލަ މަސްގަނޑުގައި އިންސިއުލޭޝަން ޓޭޕު އޮޅާފައި ހުރި އެއްޗެއް ނަގައި އިބްރާހީމް ޢާޒިމްގެ ހާޒިރުގައި އެތަކެތި ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ޖޫސް ޕެޓީ ކޮތަޅަކާއި ފަތްޖަހާފައި އޮތް ކަރުދާސްގަނޑެއް ފެނިފައިވާ މައްސަލަ އާ ގުޅިގެންނެވެ.
އެހެންވެ ޢާޒިމްގެ އިޢުތިރާފުންނާއި ހެކީންގެ ހެކިބަހުންނާއި ގުޅިފައިވާ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ޤާނޫނު ނަމްބަރު 2011/17 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 103 ވަނަ މާއްދާގެ (ހ) ގެ ދަށުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން، ކ.މާލެ، ހ.ގުރާތުންގެ އިބްރާހީމް ޢާޒިމް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 103 ވަނަ މާއްދާގެ (ނ) ގެ ދަށުން އިބްރާހީމް ޢާޒިމް ޢުމުރަށް ޖަލަށްލުމާ އެކު -/100،000ރ. އިން ޖޫރިމަނާކޮށް، އެ ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަސް ތެރޭގައި ކްރިމިނަލް ކޯޓަށް ދެއްކުމަށް އަންގައި އިބްރާހީމް ޢާޒިމްގެ މައްޗަށް ޙުކުމްކޮށްފައިވެ އެވެ.
މި މައްސަލަ ތަޙުޤީޤު ކުރުމަށް ފަހު ޕްރޮސެކިޔުޓަ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވާފައި ވަނީ 2012 ނޮވެމްބަރު 29 ވަނަ ދުވަހު އެވެ.