ކެމަރޫންގެ ޤައުމީޓީމުގެ ކުރީގެ ކެޕްޓަން ސެމުއެލް އެޓޫ ގަތަރު ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ.
ގަތަރު އެއްވަނަ ޑިވިޝަނުގެ ކްލަބުގެ ރަސްމީ އެކައުންޓުން ކުރި ޓުވީޓެއްގައި އޭނާ އެކްލަބާއި ގުޅުނުކަން ކަށަވަރުކޮށްދީފައިވާއިރު މިއަދުގެ ވަގުތެއްގައި ރަސްމީކޮށް އެކަން އިއުލާން ކުރާނެކަމަށްވެސް ބުނެފައިވެއެވެ.
އުމުރުން 37 އަހަރުގެ އެޓޫ ގަތަރަށް ބަދަލުވެފައިމިވަނީ މީގެ އެއްމަސްދުވަސްކުރީން އޭނާ ކުރީން ކުޅުނު ތުރުކީގެ ކްލަބު ކޮންޔަސްޕޯ އާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމަށް ދެފަރާތުން އެއްބަސްވުމަށްފަހުގައެވެ.
އެޓޫގެ އިތުރުން ގަތަރު ލީގުގައި މިހާރު ކުޅޭ ކުޅުންތެރީންގެ ތެރޭގައި ސްޕެއިން އަދި ބާސެލޯނާގެ ކުރީގެ މިޑްފީލްޑަރު ޒާވީގެ އިތުރުން ނެދަލެންޑްސްގެ މިޑްފީލްޑަރު ވެސްލީ ސްނައިޑާ ހިމެނެއެވެ.
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހަތަރު ފަހަރު ހޯދާފައިވާ އެޓޫ ވަނީ ޒަވީ އާއި އެކު ސްޕެއިނުގެ ބާސެލޯނާއަށް ކުޅެފައެވެ. އަދި އޭގެފަހުން އޭނާ ވަނީ ސްނައިޑާ އާއި އެކު އިޓަލީގެ އިންޓަ މިލާނަށްވެސް ކުޅެފައެވެ. އޭނާ ވަނީ މިދެކްލަބާއިއެކު ޔޫއެފާ ޗެމްޕިއަންސް ލީގު ތަށި ވެސް ކާމިޔާބުކޮށްފައެވެ.
މީގެއިތުރުން، އޭނާ ވަނީ އިނގިރޭސި ކްލަބު ޗެލްސީ އާއި އެވަޓަން އަދި ރަޝިޔާގެ ލީގުގެ ކްލަބެއްކަމަށްވާ އަންޒީ މަކަޝްކަލާ އަށް ވެސް ކުޅެފައެވެ.