Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ކެމްޕެއިން ސާމާން އޮޅުވާލައި ދަނީ ވައްކަން ކުރަމުން: ރޮޒޭ

އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްފައިވާ ބައެއް ކެމްޕެއިން މެޓީރިއަލް ބަދަލުކޮށް ޕީޕީއެމް މަޖްލިސް މެމްބަރުން ބޭނުންކުރާތީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދު ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރޮޒޭ ކަންބޮޑުވުން ފާޅުކޮށްފައިވަނީ ރައީސް ޔާމީނަށް ވޯޓު ނުދޭނެކަމަށް ބުނެ އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ތާއިދު ކުރައްވާ ޒުވާނުންތަކެއް ހަދާފައިވާ ވީޑިއޯއެއް އެޑިޓްކޮށް އިބޫ އާއި ދެކޮޅަށް ތައްޔާރުކޮށް އެވީޑިއޯ މަޖްލިސްގެ ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ޓްވީޓު ކުރެެއްވުމާއި ގުޅިގެންނެވެ.

ރޮޒޭ ވިދާޅުވީ ފިކުރީ މުދަލުން ވައްކަން ކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި، ބަޔަކު ހަދާފައިވާ ވީޑިއޯއެއް ބަދަލުކޮށް، އޮޅުވާލައި ބޭނުން ކުރުމަކީ ވައްކަމެއް ކަމަށެވެ.

ރޮޒޭ ވަނީ މި ވީޑިއޯގައި ތިބި ކުދިން މި މައްސަލަ ޕޮލިހަށް ހުށަހެޅުމަށް ގޮވާލާފައެވެ. އަދި މިއަދު މި މައްސަލަ ނުބެލުނަސް 23 ސެޕްޓެމްބަރގެ ފަހުން ބެލޭނެކަމަށް ރޮޒޭ ވިދާޅުވިއެވެ.

ފަހަކަށް އައިސް ނޫސްތަކުގެ ސޯޝަލް މީޑިއާގައި ބޭނުން ކުރާ ފޮޓޯއަށް ބަދަލު ގެނެސް އަސްލު އޮޅޭ ގޮތަށް ދަނީ ބައެއް ކެންޑިޑޭޓުންނާއި ދެކޮޅަށް އެންޓި ކެމްޕެއިން ކުރަމުންނެވެ.