އަންނަ ހުކުރު ދުވަހުގެ ރޭ ފެށުމަށް ހަމަޖެހިފައިވާ ސްޕެނިޝް ލަލީގާގެ މެޗުތައް ދެކުނު އޭޝިއާ ސަރަހައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ކޭބަލް ޓީވީ މެދުވެރިކޮށް ނުބެލޭނެއެވެ. ދެން ބެލޭނީ ފޭސްބުކުން އެކަންޏެވެ.
ސޯޝަލް ނެޓްވޯކިން ސައިޓް، ފޭސްބުކް ވަނީ ސްޕެނިޝް ލީގުގެ މެޗުތައް ކުރިއަށް އޮތް ތިން ސީޒަނުގައި ދެކުނު އޭޝިއާ ސަރަހައްދަށް ދެއްކުމުގެ އެކްސްކްލޫސިވް ރައިޓްސް ގަނެފައެވެ. މީގެކުރީން، މި ސަރަހައްދަށް ސްޕެނިޝް ލީގުގެ މެޗުތައް ދައްކާފައިވަނީ ސޮނީ ޕިކްޗާސް ނެޓްވޯކް އިން ނެވެ.
ރާއްޖޭގައި ކޭބަލް ޓީވީގެ ހިދުމަތްދޭ މައި ކުންފުނި ކަމުގައިވާ މީޑިއާނެޓްގެ ޗެނަލްތަކުން ސްޕެނިޝް ލީގުގެ މެޗުތައް ނުފެނުނު ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގު އަދި އިޓާލިއަން ސެރިއޭގެ މެޗުތައް ފެންނާނެއެވެ.
ފޭސްބުކަށް އެ ހައްގު ދިނުމާ އެކު އެ ޕްލެޓްފޯމުން ނޫން ގޮތަކަށް މި ސަރަހައްދަށް އެ ލީގުގެ މެޗުތައް ދެން ފެންނާނެ އެހެން ގޮތެއް ނޯންނާނެއެވެ. އެކަމަކު އުފާވެރި ހަބަރަކީ ލީގުގެ ހުރިހާ މެޗެއް ވެސް ފޭސްބުކުން ސްޓްރީމްކުރާކަމެވެ. ކޭބަލް ޓީވީން ނަމަ ފެންނާނީ ހަމައެކަނި ވަރުގަދަ މެޗުތަކެވެ. ސްޕެނިޝް ލީގާއި ފޭސްބުކުން ހަދާފައިވާ އެއްބަސްވުމުގައިވާ ގޮތުން ސީޒަނުގައި ކުޅޭ 380 މެޗުގެ އިތުރުން ޕްރީ މެޗު ޝޯ އާއި ޕޯސްޓް މެޗު ޝޯގެ އިތުރުން އުސްއަލިތަކާއި އިންޓަވިއުތައް ވެސް ގެނެސްދޭނެއެވެ. ސްޕެނިޝް ލީގުގެ ރަސްމީ ޕޭޖުންނާއި ވަކިވަކި ކްލަބްތަކުގެ ޕޭޖުން މެޗުތައް ސްޓްރީމްކުރެވޭނެ އެވެ.
ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ ބޮޑު ސޯޝަލް މީޑިއާ ޕްލެޓްފޯމަށް ލަލީގާގެ ރައިޓްސް ދިން އަގެއް ސްޕެނިޝް ލީގުން ހާމައެއް ނުކުރެ އެވެ. އެކަމަކު ރިޕޯޓްތައް ބުނާ ގޮތުގައި އެ އަގު 105.5 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) އަށް އަރާނެ ކަމަށްވެއެވެ. ރޮއިޓާސް އިން މައުލޫމާތުދޭގޮތުގައި، މީގެކުރީން ސޮނީ އަށް ދީފައި އޮތީ 32 މިލިއަން ޑޮލަރު (493 މިލިއަން ރުފިޔާ) އަށް ކަމަށްވެ އެވެ.
އިންޑިއާ އާއި ރާއްޖޭގެ އިތުރުން ފޭސްބުކަށް ރައިޓްސް ލިބެނީ އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ނޭޕާލް، ސްރީ ލަންކާ އަދި ޕާކިސްތާނުގައި ދެއްކުމަށެވެ. މި ސަރަހައްދުގައި 348 މިލިއަން މީހުން ފޭސްބުކް ބޭނުންކުރާއިރު އޭގެ ތެރެއިން 270 މިލިއަން މީހުން ނިސްބަތްވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮތް އިންޑިއާ އަށެވެ.
ކްރިކެޓަކީ އިންޑިޔާގެ އެންމެ މަޤުބޫލް ކުޅިވަރު ނަމަވެސް މިހާރު ފުޓްބޯޅައިގެ މަގްބޫލުކަން އެޤައުމުގައި ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ ޔޫރަޕްގެ ކުރީގެ މަޝްހޫރު ކުޅުންތެރިން ހިމަނައިގެން އެޤައުމުގައި ފަހަކަށް އައިސް ކުޅެމުންދާ އިންޑިއަން ސުޕަ ލީގެވެ.
ފޭސްބުކް އަދި އެހެނިހެން ޓެކް ކުންފުނިތަކުން އަންނަނީ އެކިއެކި ލީގުތައް ދެއްކުމުގެ ރައިޓްސް ގަންނަމުންނެވެ. އެގޮތުން، ފޭސްބުކުން މިހާރުވެސް އެމެރިކާގެ މޭޖާ ލީގު ބޭސްބޯލް މެޗުތައް ސްޓްރީމް ކުރާއިރު އެމޭޒަންއިން ވެސް ވަނީ އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގެ 20 މެޗުގެ އެކްސްކުލޫސިވް ރައިޓްސް ގަނެފައެވެ. މީގެއިތުރުން، ސްޕެނިޝް ލީގާއި އިޓާލިއަން ލީގުގެ މެޗުތަކެއް އިނގިރޭސި ވިލާތުގައި ސްޓްރީމްކުރުމަށް އިލެވަން ސްޕޯޓްސްއާ އެކު އެއްބަސްވުމެއް ހަދާފައިވެއެވެ.