Last Updated: November 27, 13:36
Wednesday, November 27, 2024
ކުޅިވަރު

ޑި ބްރައިނާ އަށް އަނިޔާވެ ދެމަސްދުވަހު ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެ

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު މެންޗެސްޓަރ ސިޓީއަށް ކުޅޭ ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑި ބްރައިނާ އަށް އަނިޔާވެއްޖެއެވެ.

ޑި ބްރައިނާގެ ކަނާތުގެ ކަކުލު ހުޅަށް އަނިޔާވެފައިވަނީ، ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުން ދަނިކޮށެވެ. މި އަނިޔާގެ ސަބަބުން ލީގުގައި އަންނަ އާދީއްތަ ދުވަހު ހަޑަސްފީލްޑް ޓައުން އާ ދެކޮޅަށް ސިޓީއިން ކުޅޭ މެޗުގައި ޑި ބްރައިނާ އަށް ނުކުޅެވޭނެއެވެ.

އެކްލަބުން ނެރުނު ބަޔާނުގައި ވަނީ ބުދަ ދުވަހު ސިޓީގެ ތަމްރީނުތަކުގައި ބައިވެރިވެއުޅުމުގެތެރޭގައި ލިބުނު އަނިޔާގެ ތަފްސީލް ބެލުމަށް އިތުރު ޓެސްޓްތައް ހަދަމުން އަންނަ ކަމަށާއި އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ މުއްދަތެއް އަދި ނޭނގޭ ކަމަށެވެ.

އެކަމަކު ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ދެ މަހާއި ހަތަރު މަހާއި ދެމެދުގެ މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ އެވެ. މާނައަކީ މަދުވެގެން 10 ވަރަކަށް މެޗު ގެއްލުމެވެ.

ބެލެވޭގޮތުގައި އިތުރު ޓެސްޓުތައް ހެދުމަށް ސްޕެއިނުގެ ބާސެލޯނާގެ ސްޕެޝަލިސްޓެއްކަމަށްވާ ޑރ. ރާމޮން ކުގަޓް ގާތަށް ޑި ބްރައިނާ ދިއުމަށް ހަމަޖެހިފައިވާއިރު މީގެކުރިން، 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އޭނާ ވަނީ ކަކުލު ހުޅަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދާފައެވެ.

ކުގަޓް ވަނީ މީގެކުރީން ސިޓީ އަށް ކުޅޭ އިލްކާއި ގުންޑޮގަން އާއި ބެންޖަމިން މެންޑީގެ ލިގަމެންޓަށް ލިބުނު އަނިޔާއިން އެނބުރި އައުމަށް އެހީތެރިވެދީފައެވެ.

ނިމިދިޔަ ވޯލްޑްކަޕްގައި ބެލްޖިއަމަށް ތިންވަނަ މަޤާމް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޑި ބްރައިނާ، ސިޓީގެ ތަމްރީނުތަކުގައި ބައިވެރިވެފައިވަނީ މިދިޔަ ހަފްތާގައެވެ.

އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ޑި ބްރައިނާ ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެނަމަ އެކަންވާނީ ސިޓީ އަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށެވެ.

ސިޓީން މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގާއި ލީގު ކަޕް ކާމިޔާބުކުރިއިރު އޭނާ ވަނީ 12 ގޯލް ޖަހައި އިތުރު 21 ލަނޑު ޖަހަން މަގުފަހިކޮށްދީފަ އެވެ. އަދި އޭނާ ވަނީ މިދިޔަ ސީޒަނުގައި ސިޓީން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.

ސިޓީ އެންމެފަހުން ޕްރިމިއާ ލީގުގައި އާސެނަލް އަތުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ޑި ބްރައިނާ ހިމެނިފައިނުވީނަމަވެސް ދެވަނަ ހާފުގެ ވަކި ހިސާބަކުން ވަނީ ކުޅެން ނިކުމެފައެވެ.