ނުފުއްދޭނެ އަދި ހިޔާލީ ވައުދުތައް ރައްޔިތުންނަށް ނުވާނެކަމަށް އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ކ. ގުޅީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވަމުން އިބޫ ވިދާޅުވީ އެމަނިކުފާން ވައުދުވެވަޑައިގަންނަވަނީ ފުއްދޭނެ ކަންކަމަށް ކަމަށާއި އެކަންކަން ފުއްދަވާނެ ގޮތް މެނިފެސްޓޯގައި ހިމަނުއްވާނެކަމަށެވެ.
އިބޫގެ ގިނަ ވައުދުތަކަށް ސަރުކާރު ހިންގާ ޕީޕީއެމްއިން ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން އިބޫ ވެވަޑައިގަންނަވާ ވައުދުތަކަކީ ފުއްދެވޭނެ ވައުދުތަކެއް ނޫންކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.
ގުޅީ ނަރުދަމާގެ މަޝްރޫއު އިންތިހާބު ބޯމަތިވެފައިވަނިކޮށް ރައީސް ޔާމީންގެ ސަރުކާރުން އިއްލާން ކުރެއްވުމާއި ގުޅިގެން އިބޫ ވިދާޅުވީ ރައީސް ޔާމީނަށް ވައުދުތައް ފުއްދައި ނުދެވޭކަމަށެވެ.
އަދި ރައްޔިތުންގެ ޓެކްސް ނިޒާމު ގަނޑުބަޑުކޮށްފައިވާކަން އިބޫ ފާހަގަކުރެއްވިއެވެ. އެގޮތުން މިސަރުކާރުގައި ނަގަން ފެށި ގްރީން ޓެކްސްގެ ފައިސާ ހަރަދުކުރަމުންދާ ގޮތަށް ވެސް އިބޫ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އިބޫ ވިދާޅުވީ ގްރީން ޓެކްސް ނަގަން މަޖްލިސްއިން ނިންމި މަގްސަދާއި ހިލާފަށް ބޭނުން ކުރަމުންދާ ކަމަށެވެ.
އިބޫ ވަނީ ގުޅީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް އިއްތިހާދެއްގެ ސަރުކާރެއްގައި ހައްލު ހޯދަވާ ދެއްވާނެކަމަށް ވިދާޅުވެފައެވެ.