ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީ އިން ޝާލްކޭއަށް ކުޅެމުންދިޔަ ޖަރުމަނުގެ އުމުރުން 21 އަހަރުގެ ޑިފެންޑަރު ތީލޯ ކެރާ ގެނެސްފިއެވެ.
ޖަރުމަނުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ކުޅުންތެރިޔާ ޕީއެސްޖީ އާ ގުޅުނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 33 މިލިއަން ޕައުންޑް (37 މިލިއަން ޔޫރޯ) ގެ ފީއަކަށް ކަމަށް މީޑިއާ ރިޕޯޓްތަކުގައިވެއެވެ.
"ޔޫރަޕްގެ އެންމެންނަށް ވެސް އެނގޭނެ ޕީއެސްޖީ އަކީ ކިހާ ވަރުގަދަ އަދި ރީތި ފުޓްބޯޅަ ކުޅޭ ކުލަބެއްކަން." ޝާލްކޭ އަށް މިހާތަނަށް ކުޅުނު 59 މެޗުގައި 4 ގޯލް ކާމިޔާބުކޮށްފައިވާ ކެރާ ބުންޏެވެ.
"އަހަރެންގެ ފުޓްބޯޅަ ކެރިއަރުގައި އިތުރަށް ކުރިއަށްދިއުމަށް މިއަށްވުރެ ރަނގަޅު ކުލަބެއް އަހަރެންނަށް ނުފެނުނު" ޕީއެސްޖީ އަށް ބަދަލުވުމަށްފަހު ކެރާ ބުންޏެވެ.
ޖަރުމަނުގެ 21 އަހަރުން ދަށުގެ ޤައުމީ ޓީމާއެކު 2017 ވަނަ އަހަރުގެ ޔޫއެފާ 21 އަހަރުން ދަށުގެ މުބާރާތް ކާމިޔާބުކޮށްފައިވާ ކެރާ، ބުންޑަސްލީގާގައި ޝާލްކޭގެ ޖާޒީގައި އެންމެ ފުރަތަމަ މެޗެއް ކުޅެފައިވަނީ 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުގައެވެ.
ޝާލްކޭގެ ސްޕޯޓިން ޑައިރެކްޓަރު ކްރިސްޓިއަން ހެއިޑެލް ބުނީ ޕީއެސްޖީގެ ހުށަހެޅުމާއި މެދު ހިތްހަމަޖެހި ކުޅުންތެރިޔާވެސް އެކްލަބަށް ބަދަލުވާން ބޭނުންވުމުން ޓްރާންސްފާގެ ހުރިހާ ކަމެއް ނިންމާލީކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ ޕީއެސްޖީއާއެކު ޗެމްޕިއަންސް ލީގުން ކެރާ ފެންނާނެ ކަމަށް އުއްމީދުކުރާކަމަށެވެ.
"އެމީހުން ހުށަހެޅި އަގާއި މެދު އަހަރެމެން ހިތްހަމަޖެހޭ. އަނެއްކޮޅުން ތީލޯ ވެސް ބޭނުންވީ ޕީއެސްޖީގެ ހުށަހެޅުން ޤަބޫލުކޮށް އެކްލަބަށް ބަދަލުވާން." ޝާލްކޭގެ ސްޕޯޓިން ޑައިރެކްޓަރު ކްރިސްޓިއަން ހެއިޑެލް ބުންޏެވެ.
"އަހަރެމެން އުއްމީދުކުރަން ޗެމްޕިއަންސް ލީގުގައި އޭނާގެ ކުޅުން ފެނިގެންދާނެ ކަމަށް." ހެއިޑެލް ބުންޏެވެ.
ތީލޯ ކެރާގެ އިތުރުން ޝާލްކޭގެ ޔޫތު ސިސްޓަމްގެ ދަށުން އުފެދިގެން އައި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މެސުތު އޮޒިލް، މެނުއެލް ނޯޔާ، ލެރޯއީ ސާނޭ އާއި އިލްކާއި ގުންޑޮގަން އަދި ޖޫލިއަން ޑްރެކްސްލާ ހިމެނެއެވެ.
ކެރާ އަކީ މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީއަށް ގެނައި ދެވަނަ ކުޅުންތެރިޔާއެވެ. މީގެކުރީން، އިޓަލީގެ ތަޖުރިބާކާރު ގޯލްކީޕަރު ޖިއާން ލުއިޖީ ބުފޮން ވަނީ ޔުވެންޓަސް އިން ހިލޭ ޓްރާންސްފާގައި އެކްލަބަށް ބަދަލުވެފައެވެ.