Last Updated: November 27, 13:36
Wednesday, November 27, 2024
ކުޅިވަރު

"ބެލެންޑޯ ހޯދަން ނޭމާއާ އެމްބާޕޭ ޕީއެސްޖީގައި ކާމިޔާބު ހޯދަން ޖެހޭ"

ބެލެންޑޯ ހޯދުމަށްޓަކައި ޕީއެސްޖީގެ ނޭމާ އާއި ކިލިއަން އެމްބާޕޭ އަށް އެކްލަބާއިއެކު ކާމިޔާބީތައް ހޯދަންޖެހޭކަމަށް އެޓީމުގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.

ޓުޗެލް ބުނެފައިވަނީ ޓީމުގެ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ވަކިވަކި ކުޅުންތެރިންނަށްދޭ އެވޯޑްތައް ހޯދުމަށް އެދެކުޅުންތެރިންނަށް އެހީތެރިވެވޭނެ ކަމަށެވެ.

"އެ ހުރިހާ ކަމެއް ބިނާވެގެންވަނީ ހުރިހާ ކުޅުންތެރިން ޓީމެއްގެ ގޮތުގައި ދައްކުވައިދޭ ކުޅުމުގެ މައްޗަށް." ނޫސްވެރިންގެ ބައްދަލުވުމުގައި ޓުޗެލް ބުންޏެވެ.

"ހަމަ ގައިމުވެސް ޔަޤީން އެއްކަމަކީ ޓީމާއިއެކު ކާމިޔާބީތައް ނުހޯދޭނަމަ ބެލެންޑޯ ނުލިބޭނެކަން." ޓުޗެލް ބުންޏެވެ.

"ކުޅުންތެރިންނާއި ހުރިހާ ސްޓާފުންގެ މަސައްކަތުން ޓީމަށް ކާމިޔާބީތައް ލިބޭނީ. އެމީހުންނަށް (ނޭމާ އާއި އެމްބާޕޭ) އެނގޭނެ ރަނގަޅު ޓީމެއް އެކަމަށް ބޭނުންވާކަން. ޓީމުގެ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ކޮންމެ ކަމެއްވެސް ހާސިލްކުރެވޭނެ." ޓުޗެލް އިތުރަށް ބުނެފައިވެއެވެ.

ލީގުގައި ކުޅޭ މެޗަށް ޕީއެސްޖީން ވަމުންދާ ތައްޔާރީތަކާއި ބެހޭގޮތުން ނޫސްވެރިން ކުުރި ސުވާލުތަކަށް ޖަވާބުދެމުން ޓުޗެލް ބުނީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ކޭން އާއި ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ ފެނިގެންނުދިޔަނަމަވެސް މިހަފްތާގެ މެޗުގައި އޭނާ ކުޅޭނެ ކަމަށާއި އެމްބާޕޭގެ ފަރާތުން ވަކި އަދަދެއްގެ ގޯލްތަކެއް ފެންނާނެކަމަށް އޭނާ ޓާގެޓްތަކެއް ކަނޑަނާޅާނެކަމަށެވެ.

"އެމްބާޕޭ އަކީ ވަރަށް ރަނގަޅަށް މަސައްކަތްކުރާ ކުޅުންތެރިއެއް. ފްރާންސާއިއެކު ވޯލްޑްކަޕް ކާމިޔާބުކުރުމަށްފަހު ޗުއްޓީ ނިންމާލުމަށްފަހު އެނބުރިއައިސް އޭނާ ބޭނުންވި މިދިޔަ ހަފްތާގައި ލީގުގެ ފުރަތަމަ މެޗުގައި ވެސް ކުޅެން. އަހަރެންނަށް ވިސްނުނީ އެމެޗަށް އޭނާ ފިޓެއް ނޫން ކަމަށް. އެހެނަސް މިހަފްތާގެ މެޗުގައި އޭނާ ފެނިގެންދާނެ. އަދި އޭނާގެ ފަރާތުން ވަކި އަދަދަކަށް ގޯލްތަކެއް ފެންނާނެ ކަމަށް އަހަރެން ޓާގެޓްތަކެއް ކަނޑަނާޅާނަން. އެހުރިހާ ކަމެއް ދޫކޮށްލާނީ އެމްބާޕޭ އަށް." ޓުޗެލް ބުންޏެވެ.

ނޭމާ އާއި އެޑިންސަން ކަވާނީ އާއި ދެމެދު ނިމިދިޔަ ސީޒަނުގެ ބައެއް މެޗުތަކުގައި ސެޓްޕީސްތަކާއި ގުޅިގެން މައްސަލަތައް ޖެހިފައިވާކަމަށް ނޫސްވެރިން ފާހަގަކުރުމުން ޓުޗެލް ބުނީ އޭނާގެ ކޯޗިން ކެރިއަރުގައި އެފަދަ ކަމަކާއި ކުރިމަތިލާންޖެހިފައިނުވީނަމަވެސް ޕީއެސްޖީގައި އޭގެ އެމައްސަލަތަކެއް ދިމާވެފައިވާކަން އެނގޭ ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯދާނެކަމަށެވެ.