ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރަމުން ގެންދާ ޤާނޫނު އަސާސީގެ ދަށުން މިހާތަނަށް ވަނީ ދެ ރިޔާސީ އިންތިޚާބެއް ބާއްވާފައެވެ. ކުރިއަށް ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބާއްވާ އިންތިޚާބަކީ، ފެހި ގާނޫނު އަސާސީގެ ދަށުން ބާއްވާ ތިން ވަނަ ރިޔާސީ އިންތިޚާބެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުލުން ރަސްމީކޮށް ބާއްވާފައި ވާއިރު މީގެ ކުރީގެ ރިޔާސީ އިންތިޚާބު ތަކުގެ ނަތީޖާ ތަކާއި ކެންޑިޑޭޓް ނަންބަރުތަކާއި ހުރި ގުޅުމުގެ ވާހަކަ ވެސް އެއީ ޝައުޤުވެރި ވާހަކައެކެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަށް ނާކާމިޔާބީ އާއި ކުރިމަތިވެ ވަޑައިގެންނެވި އިރު އެމަނިކުފާނުގެ ކެންޑިޑޭޓް ނަންބަރަކީ 1 އެވެ. އިންތިޚާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑޭޓް ނަންބަރަކީ 2 އެވެ.
2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބުވެ ވަޑައިގެންނެވި އިރު އެމަނިކުފާނުގެ ކެންޑިޑޭޓް ނަންބަރަކީ ވެސް 1 އެވެ. އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑޭޓް ނަންބަރަކީ 2 އެވެ.
އެހެންވެ ފާއިތުވި ތަނުގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުތަކަށް ބަލާއިރު 2 ނަންބަރު ކެންޑިޑޭޓް އަބަދުވެސް ކާމިޔާބު އެބަ ހޯދައެވެ. އަދި 1 ނަންބަރު ކެންޑިޑޭޓަަށް އަބަދުވެސް ކުރިމަތި މިވަނީ ނާކާމިޔާބީއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރައީސް ޔާމީނަށް ކެންޑިޑޭޓް ނަންބަރު 1 ލިބިވަޑައިގެންނެވި އިރު އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓްގެ ނަންބަރަކީ 2 އެވެ.
ރިޔާސީ އިންތިޚާބަށް ފޯރީގައި ކެމްޕެއިން ކުރަމުން އަންނައިރު، މިފަހަރުގެ ނަތީޖާ ފަހަރެއްގައި ކެންޑިޑޭޓް ނަންބަރަށް ބަލައިގެން ވަޒަން ނުކުރެވި ހިނގައިދާނެއެވެ.
ރައީސް ޔާމީން އާއި އިބޫގެ ސަޕޯޓަރުން ވެސް ތިބީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމުގައެވެ. ބައެއް ބޭފުޅުންނަށް ކާމިޔާބީގެ ރަހަ ވެސް ލާން ފަށައިފިއެވެ. އެހެންވެ އޮތީ ކެންޑިޑޭޓް ނަންބަރުގެ ނަސީބަށް ވާނެ ގޮތެއް ބަލަން ތިބުމެވެ.