ނާސްތާއެއްގެ ފިކުރުގައި އާމިނަގެދަރިޔާ ބަނދަރުމައްޗަށް ޖެހިލި ވަގުތެއްގައި ބަޔަކު މީހުން ހިސާބުޖަހަޖަހައިފައި ފައިސާ ފައިސާއޭ ކިޔަނިކޮށް އަޑު އިވިއްޖެއެވެ. މީނާ ކުޑައިކޮށް ވިސްނައިލިއިރު މިކިޔާ އެއްޗަކީ ހާކިމާ މިވެނި ދުވަހެއްގައި އެބަވަޑައިގަންނަވަޔޭ އެވެނި މީހަކު އަންގައިގެން އެވެނި މިވެނި ކަމެއް ކޮށްފީމޭއެވެ. ފިހާރަޔަކުން ފޮތިރޯލަކާއި އެވެނިގެޔަކުން ކަންވާރާއި ދަވާދު ހޯދައިފީމޭއެވެ. މިތަކެތީގެ އަގު މިވެނިވަރެކޯލައެވެ. ކޮންމެ މީހަކުވެސް އެމީހަކު ކުރި މަސައްކަތެއްގެ އަގު ހިސާބުކޮށް ބަލައިފައި ލިބެންޖެހޭ ކަމަށް ބުނާ އަދަދު އުޅެނީ ހާހުން މަތީގައެވެ.
މިވެރިން ދައްކާ ވާހަކަ އަޑުއަހާން އިރުކޮޅަކު ހުރެފައި ދަރިޔާ ބުންޏެވެ. ކަލޭމެން ހޮވާން ތިޔައުޅޭ ހާކިމާ މިފަހަރު ހޮވޭނެ ބާވައެވެ. މިވެރިން ބުންޏެވެ. ބެއްޔާ ހީކުރާގޮތްދޮތައެވެ. ހާކިމާއަކީ ތަރައްގީގެ އައްޕައެވެ. ރައްޔިތުން ހާކިމާ ދެކެ މިވަނީ އަމަށަކު ލޯތްބެއް ނޫނެވެ. އެހެންވީމާ ވެރިކަން ހާކިމާއަށެވެ. ވޯޓުވެސް ހާކިމާއަށެވެ. ހުރިހާ އެއްޗެއް ހާކިމާއަށެވެ. މިއީ މިފަހަރު މިކަން އޮތްގޮތެވެ.
މިވެރިންގެ ޖަވާބު އަޑުއަހައިފައި ދަރިޔާ ބުންޏެވެ. ނާ ހަމަތެދެއް ހެއްޔެވެ. އެކަމަކު އަހަރެންނަށް ފެންނަނީ އަދި ތިޔަހެނަކުން ނޫނެވެ. ތިޔަ ބުނާ ލޯތްބެއް އަހަރެންނަކަށް ނުފެނެއެވެ. އަހަރެންނަށް ފެންނަނީ ސިޓީއުރައިގެ ލޯތްބެވެ. ފައިސާގެ ލޯތްބެވެ. އެތިކޮޅެއް ލިބިގަތުމުގެ އެދުމެވެ. މިހާރުވެސް ތިޔަތިބީ ހާކިމާދެކެވާ ލޯތްބަކުން އޭނާއަށް ކަމެއް ކޮށްދޭ ވާހަކަ ދައްކާކަށެއް ނޫނެވެ. ތިޔަތިބީ ހިސާބުޖަހަޖަހައިގެން ތިމާމެން ނުވެސްކުރާ މަސައްކަތެއްގެ އަގު ލިބިގަތުމާއި ހާލަތުގެ ފައިދާ ނަގާނެ ގޮތުގެ ވާހަކަ ދެއްކުމުގައެވެ. އެހެންވީމާ ތިޔަކަމަށް ހާކިމާ ދެކެ ލޯބިވުމޭ ވޯޓު ލިބުމޭ ކިޔޭނެ ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ.
މިވެރިން ބުންޏެވެ. ވެހޭއިރު ފެންނެގުމަކީ ކަންކުރާން އޮންނަ އުސޫލެވެ. އެކަން ނުކުރާބަޔަކު ނޫޅޭނެއެވެ. އަމްދުން މިރަށަކީ ދުވަހަކުވެސް އުޖޫރަޔަކާނުލައި ހާކިމާއަށް ތާއީދުކުރުމާއި ލޯބިދިނުން އޮންނަ ރަށެއް ނޫނެވެ. ބެއްޔާއަށްވެސް މިކަން އެނގޭނެއެވެ. އެހެންވީމާ ޒާތްޒާތުގެ ފަލްސަފާވެރިކަން ކުރިޔަށް ނުނެރެ ހަގީގަތާ ކުރިމަތިލާށެވެ. ދިރިއުޅުމާއި ތަރައްގީގެ ހަގީގަތަކީ ފައިސާއެވެ. އެޔާނުލައި އުޅެވޭނެ އެއްގޮތެއްވެސް ނުއޮންނާނެއެވެ. ފައިސާގެ މަސްލަހަތުނެތް އިޚުލާސްތެރި ސިޔާސީ ލޯތްބެއްގެ މިސާލު އަޅެ އަހަރެމެންނަށް މިރަށުން ދައްކައިދީބަލާށެވެ.
އިރުކޮޅެއްވާންދެން ވިސްނާންހުރުމަށްފަހު ދަރިޔާ ބުންޏެވެ. ކާމިނީ ސީދީގެ ބޮޑު މަނިކުފާނު ވެރިކަމަށް ވަޑައިގެންފައި މާގިނަ ދުވަސްތަކެއް ނުކުރައްވައި މިރަށަށް ވަޑައިގަތެވެ. މެންދުރުގެ ފަރީއްކޮޅު އޮތީ އަވަށު އޮފީސް މިހާރު އެހެރަ އިމާރާތުގައެވެ. ކޮންމެ ގެޔަކުންވެސް ކޮންމެވެސް އެއްޗެއް ތައްޔާރުކުރިއެވެ. ކުކުޅުރިހަޔާއި ބަތާއި ސަޓަންޏާއި ކަސްޓަޑާއި ފިހުނު މަހާއި މިހެންގޮސް ބައިވަރު ތަކެތި ސުފުރާމަތީގައި ހުއްޓެވެ. މުޅިންވެސް ހިލޭސާބަހަށް ތައްޔާރުކުރި ތަކެއްޗެވެ.
ކާމިނީ ބޮޑު މަނިކުފާނާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ބަނޑުބޮޑުވާންދެން ފަރީއްކުޅުއްވައި ނިމުނުއިރުވެސް ސުފުރާމަތި ހުރީ ފުރިބާރުވެފައެވެ. މިތަކެތީގެ މީރުކަމުން ވަފުދުގެ ބޭފުޅުން އާސޯޚުވެ ހަމައެކަތިކޮޅުވެސް ދޫކޮށްލާފައި ފުރުމުގެ ވިސްނުމެއް ނެތިގެން އެންމެފަހުން ކާމިނީ ބޮޑު މަނިކުފާނު ވިދާޅުވިއެވެ. ހާދަހާވާ މީރެވެ. ބާކީ މިހިރަ އެތިކޮޅު އަހަރެމެންގެ ލޯންޗަށް ގެންދިއުމާމެދު ކަތީބާއި ރައްޔިތުންގެ ޚިޔާލަކީ ކޮބައިބާވައެވެ. އަހަރެމެން އަގު އަދާކުރާނޫއެވެ. މިހެން ވިދާޅުވެފައި އަގުގެ ކަންތައް ހަމަޖެއްސެވުމަށް އަތޮޅުވެރިޔާއަށް އިޝާރާތް ކުރައްވައިފިއެވެ.
އެވަގުތު ރައްޔިތުންގެ ތެރެއިން މިއަޑުއަހާން ތިބި މީހުން ކަތީބަށްވުރެ ކުރިން ދެންނެވިއެވެ. ސާހިބާއެވެ. ތިޔައީ މިރަށުގެ ރައްޔިތުން ސާހިބާއަށް ކުޅަ ހަދިޔާއެކެވެ. އަގު ބޭނުމެއް ނެތެވެ. ބޭނުމީ ސާހިބާގެ ރުއްސެވުމެވެ. އެ ރުއްސެވުން ލިބިއްޖެއެވެ. އެހެންވީމާ އަޅުގަޑުމެން ރައްޔިތުން މިތިބީ ނުހަނު އުފަލުންނެވެ. މިހެން ދަންނަވާފައި މަލާފަތްމަލާފަތަށް ތަކެތި އަޅައިގެންގޮސް ލޯންޗަށް އަރުވައި ނިންމައިފިއެވެ.
މިހިސާބަށް ވާހަކަ ގެންގޮސްފައި ދަރިޔާ ބުންޏެވެ. މިކިޔައިދިނީ އަހަރެންގެ މިހިރަ ދެލޮލުން ދުށް މަންޒަރެއްގެ ވާހަކައެވެ. ހަމަ މިރަށު ރައްޔިތުންގެ ވާހަކައެވެ. އެކަމަކު މިހާރުނަމަ މިކަން ހިނގާނީ ކޮންގޮތަކަށް ބާވައެވެ. ޔަގީނެވެ. ހާކިމާ އަގުގެ ވާހަކަ ވިދާޅުވާތަނުން މީސްތަކުން އަވަސްވެގަންނާނީ އެމީހަކު ތައްޔާރުކުރި އެއްޗެއްގެ އަގު ބުނެ މަށަށް މިވަރު މަށަށް މިވަރު ކިޔުމަށެވެ. ޖާފަތުގެ އަގުކޮށްނިމޭއިރު މިލިޔަނަކަށްވުރެ ތިރިއެއް ނުވާނެއެވެ.
ތިމާމެންގެ އަމިއްލަ ދަހިވެތިކަމުގެ ދުރުމިން ބެލީމާ ވާނެގޮތް ތިޔަތިބީ ވެފައެވެ. އެހެން މީހުންގެ އިޚުލާސްތެރިކަމާއި ކުލުނާމެދު ވާހަކަ ދައްކަން ކަލޭމެން ލަދުގަންނަން ޖެހޭނެއެވެ. މިހެން ބުނެފައި ބާރަކަށް ނިކުމެގެން ހިގާއްޖެއެވެ. މިތާގައި ތިބި އަސުރުމާ ކުދިން ހައިރާންވެފައި ތިބެއްޖެއެވެ.