ސްޕެއިނުގެ ރެއާލް މެޑްރިޑުން އިޓާލިއަން ސެރިއޭގެ ރެކޯޑް ފީ އަކަށް ޔުވެންޓަސް އަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުވެންޓަސް އުނދަގޫ މޮޅެއް ހޯދައިފިއެވެ. ކިއޭވޯ ވެރޯނާ އާއި ދެކޮޅަށް ކުޅުނު މެޗުން ޔުވެންޓަސް މޮޅުވީ 3-2 އިންނެވެ.
ކިއޭވޯގެ ދަނޑުގައި ކުޅުނު މިމެޗުގައި ކުރީން ލީޑް ނެގީ ޔުވެންޓަސް އިންނެވެ. މެޗު ފެށިގެން ތިންވަނަ މިނެޓުގައި މިލަނޑު އެޓީމަށް ޖަހައިދިނީ ޖަރުމަނުގެ މިޑްފީލްޑަރު ސާމީ ކެދީރާ އެވެ. މިއީ އެޓީމުގެ މިރަލެމް ޕިޔަނިޗް ފޮނުވާލީ ހިލޭޖެހުމަކުން ޕެނަލްޓީއޭރިޔާތެރެއަށް ހުރަސްވީ ބޯޅަ ޖިއޯޖިއޯ ކިއެލީނީ އަށް ލިބުމުން އޭނާ ދިން ޕާހަކުން ކެދީރާ ކާމިޔާބުކުރި ގޯލެކެވެ.
ކިއޭވޯ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި މާރިއަސް ސްޓެޕިންސްކީ އެވެ. މިއީ އެޓީމުގެ އެމަނުއެލް ގިއެކެރީނީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ހުހަށްހުރި ސްޓެޕިންސްކީ ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
ކީއޭވޯ އިން މިލަނޑު ޖެހުމުގެ ކުރީން ޔުވެންޓަސްގެ ރޮނާލްޑޯ އާއި ހާއޯ ކަންސޭލޯ އަށް ވަނީ ލަނޑުޖަހާނެ ފުރުޞަތުތަކެއް ލިބި ބޭނުންހިފޭގޮތްނުވެފައެވެ. މީގެތެރެއިން އެންމެ ހުސް ފުރުޞަތު ޕޯޗުގަލްގެ ފުލްބެކް ކަންސޭލޯ އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ. މިބޯޅަ ކަންސޭލޯ ފޮނުވާލަން އުޅުމުގެ ތެރޭގައި ކިއޭވޯގެ ކުޅުންތެރިއެއް އޭނާ އަށް ފައުލްކުރިކަމަށް ޔުވެންޓަސް އިން އެޕީލްކުރިނަމަވެސް ރެފްރީ ވަނީ ޕެނަލްޓީ ދޭން އިންކާރުކޮށްފައެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމު 1-1 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި ކިއޭވޯ އަށް މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ކުރީން ޔުވެންޓަސް އަށް ކުޅުނު ވިންގާ ގިއެކެރީނީ އެވެ. މިއީ ޔުވެންޓަސްގެ ކަންސޭލޯ އޭނާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ކީއޭވޯ އަށް ލީޑްނަގައިދިނުމަށްފަހު އޭނާ އުފާ ފާޅުކޮށްފައެއްނުވެއެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ރޮނާލްޑޯ އަށް ވަނީ ޔުވެންޓަސް އަށް އެއްވަރުކޮށްދިނުމަށް ރަނގަޅު ފުރުޞަތެއްލިބިފައެވެ. އެހެންނަމަވެސް، ރޮނާލްޑޯ ފޮނުވާލި ބޯޅަ ކިއޭވޯގެ ގޯލްކީޕަރު ސްޓެފާނޯ ސޮރެންޓީނޯ ވަނީ ދިފާއުކޮށްފައެވެ.
އޭގެ 9 މިނެޓުފަހުން، ޔުވެންޓަސް އަށް ނަތީޖާ 2-2 އަށް ބަދަލުކޮށްލައިދިނީ ކިއޭވޯގެ މަޓިއާ ބާނީ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މިއީ ޔުވެންޓަސްގެ ފެޑަރީކޯ ބާނަޑެސްކީ ނަގައިދިން ކޯނަރަކުން އައި ބޯޅައެއް ލިއޮނާޑޯ ބޮނޫޗީއަށް ލިބުމުގެކުރީން ބާނީ ބޮލުން ފޮނުވާލައިގެން ބައިކޮޅަށް ވައްދާލި ލަނޑެކެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައިވަނިކޮށް ޔުވެންޓަސްގެ މާރިއޯ މަންޒުކިޗް ގޯލެއް ކާމިޔާބުކުރިނަމަވެސް ރެފްރީ ވަނީ ވީއޭއާރު (ވީޑިއޯ އެސިސްޓެންޓް ރެފްރީ) ގެ އެހީ ހޯދުމަށްފަހު ގޯލެއް ނޫންކަމަށް ނިންމާފައެވެ. އެއީ މަންޒުކިޗަށް އެބޯޅަ ލިބުމުގެކުރީން ކިއޭވޯގެ ކީޕަރު ސޮރެންޓީނޯ އަށް ރޮނާލްޑޯ ފައުލްކުރި މަންޒަރު ރިވިއު ބެލުމުން ފެނުނީމައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ކިއޭވޯގެ ކީޕަރު ސޮރެންޓީނޯ ވަނީ ލިބުނު އަނިޔާއަށްފަހު އިތުރަށް ކުޅުމާއިގެން ކުރިއަށްދެވޭގޮތްނުވުމުން ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި ކުޅެން ނިކުތީ އަންދްރެއާ ސެކުލިން އެވެ.
ނަމަވެސް، މެޗުގެ އިތުރު ވަގުތުގައި އިޓަލީގެ މިޑްފީލްޑަރު ބާނަޑެސްކީ ވަނީ ޔުވެންޓަސް އަށް އަލުން ލީޑް ނަގައިދީ މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މިއީ އެޓީމުގެ ފުލްބެކް އަލެކްސް ސަންޑްރޯ ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. ޔުވެންޓަސް އިން މިލަނޑު ވައްދާލިއިރު ކިއޭވޯގެ ބަދަލު ކީޕަރު ސެކުލިން އަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.
އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު އަނެއްމެޗުގައި ރަށުން ބޭރުގައި ލާޒިއޯ އަތުން ނަޕޯލީ 2-1 އިން މޮޅުވިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ އާކަޑިއުޝް މިލިކް އާއި ލޮރެންޒޯ އިންސީނޭ އެވެ. މިމެޗުގައި ލާޒިއޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑުޖަހައިދިނީ އިޓަލީގެ ފޯވާޑް ޗީރޯ އިމޯބިލޭ އެވެ.