އުނާއި އެމެރީގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު ދެވަނަ މެޗުން ވެސް އެޓީމު ބަލިވެއްޖެއެވެ. ޗެލްސީ އާއި ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވީ 3-2 އިންނެވެ.
ޗެލްސީގެ ސްޓެމްފަޑް ބްރިޖުގައި ކުޅުނު މިމެޗު ފަށައިގެން ނުވަ ވަނަ މިނިޓްގައި މާކޮސް އަލޮންސޯ ހުސްކޮށްލާފައި ދިން ބޯޅައަކުން ޗެލްސީ އަށް ލީޑުނަގައިދިނީ ބާސެލޯނާގެ ކުރީގެ ވިންގާ ޕެޑްރޯ ރޮޑްރިގޭޒެވެ.
މެޗުގެ 19 ވަނަ މިނެޓުގައި އާސެނަލަށް ނަތީޖާ ހަމަހަމަ ކޮށްދޭން އެޓީމުގެ ސްޕެއިނުގެ ފުލްބެކް ހެކްޓަ ބެލަރީން ތަނަވަސްކޮށްދިން ފުރުޞަތަކުން ގެބޯންގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަަޔަން އަށް މުޅިން ހުސްކޮށް ލިބުނު ބޯޅަ އޭރިއާ ތެރޭގައި ހުރެފައި އޭނާ ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އާސެނަލަށް ލިބުނު ފުރުޞަތުގެ ބޭނުންނުހިފުމުގެ ނަތީޖާ އަކަށްވީ، އޭގެ މިނެޓެއްފަހުން ޗެލްސީއިން އުފެއްދި އަވަސް އެޓޭކެއްގައި އެޓީމުގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ދިން ބޯޅައަކުން ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ ޗެލްސީ އަށް ލީޑުފުޅާކޮށްދިނުމެވެ. މިއީ ލަނޑެއްނުޖެހި ގިނަ ދުވަސްވުމުގެ ސަބަބުން ފާޑުކިޔުން އަމާޒުވެފައިވާ މޮރާޓާ އެންމެފަހުން ކުޅުނު 16 މެޗުގައި އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
އޭގެފަހުން، މެޗުގެ 32 ވަނަ މިނެޓުގައި އާސެނަލްގެ ހެންރިކް މިކިތާރްޔަން އަށް އެޓީމަށް ލަނޑެއް ޖަހައިދިނުމަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. ޕެނަލްޓީއޭރިޔާތެރޭގައި ހުހަށް ހުރެ ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔަ ނަމަވެސް އޭގެ ފަސް މިނެޓުފަހުން ލިބުނު ފުރުސަތުގެ ބޭނުން ހިފައި މިކިތާރްޔަން ލަނޑު ޖެހި އެވެ. މި ބޯޅަ ގޯލަށް ވަނަނުދިނުމުގައި ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި ޗެލްސީ އަށް ބަދަލުވި ކެޕާ އަރިޒަބަލާގަ އަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ. މިކިތާރްޔަން ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކެޕާގެ އަތުގައި ޖެހިފައެވެ.
ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށްވެފައިވަނިކޮށް އާސެނަލަށް އެއްވަރުކޮށްދިނީ މިކިތާރްޔަން ނަގައިދިން ހުރަހަކުން ލިބުނު ބޯޅަ ޗެލްސީގެ ކީޕަރު ކެޕާގެ އަތުގައި ޖައްސާފައި ގޯލްގެ ތެރެއަށް އަމާޒުކޮށްލައިގެން އަލެކްސް އިވޯބީއެވެ.
މިހާފު ނިމުމުގެ ކުރީން، އާސެނަލްގެ އޮބަމަޔަން އާއި އިވޯބީ އަށް ވަނީ އެޓީމަށް ލީޑްނަގައިދިނުމަށް ލިބުނު ދެ ފުރުޞަތުގެ ބޭނުންހިފޭގޮތްނުވެފައެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފު ނިމުނީ ލަންޑަނުގެ ވަރުގަދަ ދެޓީމުގެ ކުރިމަތިލުން 2-2 އިން އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގައި ޗެލްސީ އިން އާސެނަލްގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައިވާއިރު ޗެލްސީއިން ލަނޑުޖެހުމަށް ކުރި މަސައްކަތްތައް ކާމިޔާބުވީ މެޗުގެ 81 ވަނަ މިނެޓުގައެވެ. މިހާފުގައި ކުޅެން ނިކުތް ޗެލްސީގެ އެޑެން ހަޒާޑް ދިން ބޯޅައަކުން ލިބުނު ބޯޅަ އެޓީމުގެ އަލޮންސޯ ހުސްކޮށްހުރެ ހަމަޖެހިލައިގެން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ޗެލްސީ އަށް މިލަނޑު ކާމިޔާބުކޮށްދީ އާސެނަލަށް އިތުރު ހާސްކަން ކުރިމަތިކުރުވިއެވެ.
ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފުލަމް އަތުން 3-1 އިން ޓޮޓެންހަމް ހޮޓްސްޕާ މޮޅުވިއިރު ސައުތުހެމްޕްޓަން އަތުން އެވަޓަން 2-1 އިން މޮޅުވެފައިވެއެވެ. ވެސްޓްހޭމް ޔުނައިޓެޑް އަތުން ބޯންމައުތު މޮޅުވީވެސް 2-1 އިންނެވެ. ލެސްޓަރ ސިޓީ އަތުން ވޮލްވަހެމްޕްޓަން ވޮންޑަރާސް 2-0 އިން ބަލިވިއިރު ކާޑިފް ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.