Last Updated: November 27, 13:36
Wednesday, November 27, 2024
ކުޅިވަރު

އެމްބާޕޭގެ ދެލަނޑުން ޕީއެސްޖީ އަށް މޮޅެއް

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ގުއިންގެމްޕް ކޮޅަށް ލަނޑުޖެހުމަށްފަހު ޕީއެސްޖީގެ ކިލިއަން އެމްބާޕޭ އުފާ ފާޅުކުރަނީ.

ފްރާންސްގެ އެންމެފަހުގެ ޗެމްޕިއަން ޕީއެސްޖީ ލީގުގައި ކުޅުނު ދެވަނަ މެޗުގައި ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ދެލަނޑުން ފަހަތުން އަރައި ގުއިންގެމްޕް އަތުން 3-1 އިން އެޓީމު މޮޅެއް ހޯދައިފިއެވެ.

ޕީއެސްޖީއިން މިމެޗަށް ނެރުނު ފުރަތަމަ އެގާރައިގައި އެޓީމުގެ މުހިއްމު ކުޅުންތެރިން ކަމަށްވާ މާކޯ ވެރާޓީ އާއި ކިލިއަން އެމްބާޕޭގެ އިތުރުން ޖޫލިއަން ޑްރެކްސްލާ ހިމަނާފައިނުވާއިރު އަނިޔާގެ ސަބަބުން ބްރެޒިލްގެ ޑެނިއަލް އަލްވޭސް އާއި އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ ނުކުޅެއެވެ. އެމްބާޕޭ އާއި ލަސާނާ ޑިއާރާ ބެންޗުގައި ތިބިއިރު ވެރާޓީ އާއި ޑްރެކްސްލާ މިމެޗަށް ނެގި ސްކޮޑުގައި ނުހިމެނެއެވެ.

ރަށުން ބޭރުގައި ގުއިންގެމްޕް އާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މިމެޗުގައި ހީކުރިގޮތާއި ހިލާފަށް ކުރީން ލީޑްނެގީ ގުއިންގެމްޕް އިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 20 ވަނަ މިނެޓުގައި ނޮލާން ރޫޒް އެވެ. މިއީ ޕީއެސްޖީގެ ކަނާތު ބެކް ކޮލިން ޑަގްބާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ގުއިންގެމްޕްގެ މާކަސް ކޮކޯ ދިން ބޯޅައަކުން ރޫޒް ކާމިޔާބުކުރި ގޯލެކެވެ.

މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ގުއިންގެމްޕް ކުރީގައޮވެގެންނެވެ.

ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ދެވަނަ ހާފު ފެށިއިރު އެޓީމުގެ އެމެރިކާގެ ފޯވާޑް ޓިމޮތީ ވެއާގެ ބަދަލުގައި ފްރާންސްގެ ކިލިއަން އެމްބާޕޭ ކުޅެން ނެރެފައެވެ.

ދެވަނަ ހާފު ފެށިގެން 8 ވަނަ މިނެޓުގައި ޕީއެސްޖީއަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ބްރެޒިލްގެ ފޯވާޑް ނޭމާ އެވެ. މިއީ ގުއިންގެމްޕްގެ ކުޅުންތެރިއެއް ނޭމާ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ ލީގުގައި ނޭމާ ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

މިމެޗުގައި ޕީއެސްޖީއަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީ 82 ވަނަ މިނެޓުގައި އެންހެލް ޑި މާރިއާ ދިން ޕާހަކުން މިހާފުގައި ކުޅެން ނިކުތް އެމްބާޕޭ އެވެ.

އޭގެ 8 މިނެޓުފަހުން، އެމްބާޕޭ ވަނީ މިމެޗުގައި އޭނާ ކާމިޔާބުކުރި ދެވަނަ ލަނޑު ވައްދާލައި ޕީއެސްޖީއަށް މިމެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. މިއީ ނޭމާ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ވަރަށް ރީތި ގޯލެކެވެ.

މި ނަތީޖާއާއެކު ފްރެންޗް ލީގު ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ ކުޅުނު ދެމެޗުން ހަ ޕޮއިންޓް ހޯދައިގެން ފައިދާ ފަސް ގޯލްގެ ތަފާތުންނެވެ. ލީގުގައި މާސޭ ކުޅޭ މެޗުން އެޓީމު ދެލަނޑުގެ ފަރަގަކުން މޮޅުވެއްޖެނަމަ މާސޭ އަށް އަލުން އެއްވަނަ ލިބޭނެއެވެ.

ފްރެންޗް ލީގުގައި ޕީއެސްޖީ ދެން ކުޅޭ މެޗުގައި އަމިއްލަ ދަނޑުގައި ނިކުންނާނީ އޭންޖާސް އާ ދެކޮޅަށެވެ. މިމެޗު ކުޅެވޭނީ އަންނަ ހޮނިހިރު ދުވަހުގެރޭ މާލޭ ގަޑިން 8 ޖަހާއިރުއެވެ.