ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ޑިޕޯޓިވޯ އަލަވެސް އަތުން 3-0 އިން މޮޅުވެ އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާގެ ފެށުން ރަނގަޅުކޮށްފިއެވެ.
މިމެޗުގައި ބާސެލޯނާގެ ފަރާތުން ފެނުނު ތިންލަނޑުގެތެރެއިން ދެލަނޑު ކާމިޔާބުކޮށްދިން ކެޕްޓަން ލިއޮނަލް މެސީ ވަނީ 21 ވަނަ ގަރުނުގައި ވިދިވިދިގެން 15 ސީޒަނުގައި ލީގުގައި އެޓީމަށް ލަނޑުޖަހައިދިން ހަމައެކަނި ކުޅުންތެރިޔާގެ މަޤާމް ހޯދައި ރެކޯޑް ހަދާފައެވެ. މީގެއިތުރުން، މިމެޗުގައި އޭނާ ބާސާއަށް ޖަހައިދިން ފުރަތަމަ ގޯލަކީ ލަލީގާގައި އެޓީމުން ކާމިޔާބުކުރި 6000 ވަނަ ގޯލެވެ. މީގެކުރީން، ލީގުގައި މިއަދަދަށް ގޯލް ޖަހާފައިވާ ހަމައެކަނި ކްލަބަކީ ވާދަވެރި ރެއާލް މެޑްރިޑެވެ.
ބާސެލޯނާގެ ނޯ ކޭމްޕްގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ޑިޕޯޓިވޯ އަލަވެސް ވަނީ ބާސާއިން ލަނޑެއްޖެހިޔަނުދީ ހިފަހައްޓާފައެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
ދެވަނަ ހާފު ފެށިގެން 19 ވަނަ މިނެޓުގައި ބާސާ އަށް ލީޑް ނަގައިދިނީ ލިބުނު ހިލޭޖެހުމަކުން މެސީ އެވެ. މިއީ އަލަވެސްގެ ޑިފެންސިވް ފާރުގެ ދަށުން ވަރަށް ރީއްޗަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މިމެޗުގައި ބާސެލޯނާ އިން ކާމިޔާބުކުރި ދެވަނަ ލަނޑު 83 ވަނަ މިނެޓުގައި ޖަހައިދިނީ ދެވަނަ ހާފުގައި ކުޅެން ނިކުތް ފިލިއްޕޭ ކުޓީނިއޯ އެވެ. މިއީ ބްރެޒިލްގެ އާތަރ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ބާސާގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މެސީ އެވެ. އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ދިން ބޯޅަ މެއިން ކޮންޓްރޯލްކޮށްލުމަށް ފަހު މެސީ ގޯލަށް ވައްދާލީ އަލަވެސްގެ ދެ ޑިފެންޑަރުން ކައިރިން ވަރަށް ފަސޭހައިން ދެމިގަތުމަށްފަހު އެވެ.
ސްޕެނިޝް ލީގުގައި އިއްޔެ އާއި އޭގެ ކުރީ ދުވަހު ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ހުކުރު ދުވަހުގެރޭ ކުޅުނު ލީގުގެ ފުރަތަމަ މެޗުގައި ޖިރޯނާ އާއި ރެއާލް ވަޔަޑޮލިޑް ބައްދަލުކުރި މެޗު ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވިއިރު ރަށުން ބޭރުގައި ލެވާންޓޭ ވަނީ ރެއާލް ބެޓިސް އަތުން 3-0 އިން މޮޅުވެފައެވެ. އަދި އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް އަތުން ވިޔަރެއާލް 2-1 އިން ބަލިވިއިރު ސެލްޓާ ވިގޯ އާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ލަލީގާގައި މިއަދާއި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، ގަދަފަދަ ރެއާލް މެޑްރިޑް މިރޭގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި ގެޓަފޭ އާ ދެކޮޅަށް ނިކުންނައިރު މިއަދުގެ ފުރަތަމަ މެޗުގައި އެއިބާ ނިކުންނާނީ ހުއެސްކާ އާ ދެކޮޅަށެވެ. މީގެއިތުރުން، ރަޔޯ ވަލެކާނޯ އާއި ސެވިއްޔާ ބައްދަލުކުރާ މެޗުވެސް މިރޭ ކުޅޭނެއެވެ.