އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅެވުނު މެޗުގައި މެންޗެސްޓަރ ޔުނައިޓެޑްގެ މައްޗަށް 3-2 އިން ކުރިހޯދައި ބްރައިޓަން އެންޑް ހޯވް އަލްބިއޮން އިން ޔުނައިޓެޑް ސިއްސުވާލައިފި އެވެ.
ޔުނައިޓެޑުން މިމެޗަށް ނިކުތީ އަނިޔާގެ ސަބަބުން އަލެކްސިސް ސަންޗޭޒްގެ ބަދަލުގައި އެޓީމުގެ ފުރަތަމަ އެގާރައިގައި އެންތަނީ މާޝިއަލް ހިމަނައިގެންނެވެ.
އިނގިރޭސިވިލާތުގެ ކުޑަ ވިލެޖެއްކަމުގައިވާ ފަލްމާގެ އެމެކްސް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ 25 ވަނަ މިނެޓުގައި ބްރައިޓަން އަށް ލީޑް ނަގައިދިނީ ސޮލީ މާޗް ތަނަވަސްކޮށްދިން ފުރުޞަތަކުން އިނގިރޭސި ފޯވާޑް ގްލެން މަރޭ އެވެ.
އޭގެ ދެ މިނެޓުފަހުން، ބްރައިޓަން އަށް ލީޑް ފުޅާކޮށްދިނީ އެންތަނީ ނޮކްހާޓް ނަގައިދިން ކޯނަރަކުން އަޔަލެންޑްގެ ޑިފެންޑަރު ޝޭން ޑަފީ އެވެ.
ޔުނައިޓެޑަށް ސުން ކަނޑުވާލައިދިނީ 34 ވަނަ މިނެޓުގައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެވެ.
ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށްވެފައިވަނިކޮށް ބްރައިޓަން އަށް އަލުން ދެލަނޑުގެ ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓީއަކުން ޕަސްކަލް ގްރޮސް އެވެ. މިއީ ގްރޮސް އަށް ޔުނައިޓެޑްގެ ޑިފެންޑަރު އެރިކް ބައިލީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 3-1 އިން ބްރައިޓަން ކުރީގައޮވެގެންނެވެ.
ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ދެވަނަ ހާފަށް އެޓީމު ނިކުތްއިރު އަންދްރެއަސް ޕެރެއިރާ އާއި ހުއާން މަޓާގެ ބަދަލުގައި ޖެސޭ ލިންގާޑާއި މާކަސް ރަޝްފޯޑު ކުޅެން ނެރެފައެވެ.
މިހާފުގައި ޔުނައިޓެޑުން ގިނަ ހަމަލާތަކެއް ބްރައިޓަންގެ ގޯލަށް އަމާޒުކޮށް ފޮނުވާލައިފައިވާއިރު އެންމެ ރަނގަޅު ފުރުޞަތެއް ލިބުނީ ކެޕްޓަން ޕައުލް ޕޮގްބާ އަށެވެ. މެޗުގެ 52 ވަނަ މިނެޓުގައި ޕޮގްބާ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
އޭގެފަހުން، މެޗުގެ 75 ވަނަ މިނެޓުގައި ބްރައިޓަންގެ ޕެނަލްޓީއޭރިޔާބޭރުން ޕޮގްބާ ފޮނުވާލި ބާރު ހަމަލާ ބްރައިޓަންގެ ގޯލްކީޕަރު މެޓް ރަޔާން ވަނީ މަތަކޮށްފައެވެ.
މިމެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ދެވަނަ ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ޕޮގްބާ އެވެ. މިއީ ޔުނައިޓެޑްގެ މަރުއާން ފެލައިނީ އަށް ބްރައިޓަންގެ ޑިފެންޑަރު ޑަފީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޕްރިމިއާ ލީގުގައި މިހަފްތާގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ލިވަޕޫލާއި ކްރިސްޓަލް ޕެލަސް އެވެ. މިމެޗު ކުޅެވޭނީ ހޯމަ ދުވަހުގެރޭ 12 ޖަހާއިރުއެވެ.