އެމަނިކުފާނުގެ ސަރުކާރުގައި މުޅި ރާއްޖެއަށް ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތް ކުރާއިރު އައްޑޫގައި ވެސް ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ މާލޭގައި އައްޑޫގެ ރައްޔިތުނަށް ހާއްސަކޮށް ހަދާފައިވާ ޖަގަހަ ހުޅުވާދެއްވުމަށް ފަހު އިބޫ ވަނީ ހާޒިރުވެ ތިއްބެވި ފަރާތްތަކާ މުޚާތަބްކޮށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ދެއްކެވި ވާހަކަފުޅުގައި ފަސް ހާސް އެނދުގެ ރިސޯޓެއް އައްޑޫގައި ތަރައްގީ ކުރުމަކީ މި ސަރުކާރުން ވީ ވައުދެއް ކަމަށާއި މިއަދާ ހަމައަށް އައިރު ވެސް އެ ވައުދު ނުފުއްދުނު ކަމަށް އިބޫ ވިދާޅުވިއެވެ.
ރައްޔިތުންނަށް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ އެތެރޭގެ ދަތުރުފަތުރުގެ އަގުތަކަށް އިޝާރާތް ކުރައްވާ އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރު އަގު ހެޔޮކޮށް ދިވެހިންނާ އަދި ފަތުރުވެރިން ދަތުރުކުރުމަށް ލިބިދޭ ފުރުސަތުގައި އައްޑޫގައި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާވެގެން ދާނެ ކަމީ ހަމަ ޔަގީނުންވެސް ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އެއީ އެ މަނިކުފާނު ކޮށްދެއްވާނެ އެއް ކަންތައް ކަމަށް އިބޫ ވިދާޅުވިއެވެ.
މާލޭގެ އާބާދީގެ 8 ޕަސެންޓަކީ އައްޑޫ މީހުންކަން ފާހަގަ ކުރައްވައި މާލޭއަށް ގިނަ ރައްޔިތުންތަކެއް ބަދަލުވާން ޖެހުނީ އައްޑޫއާމެދު އަޅާ ނުލާ އޮތުމުގެ ސަބަބުން ކަމަށް އިބޫ ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުގައި އައްޑޫގެ ތަރައްގީއަށް މަސައްކަތްތަކެއް ފެށި ބައެއް މަސައްކަތްތައް ނިމުނުކަން ޗެސް އިބޫ ފާހަގަ ކުރެއްވި އެވެ.
އައްޑޫ އަކީ ލާމަރުކަޒީ އުސޫލުން ހިންގަން އެންމެ ބޮޑަށް "ފައްކާވެފައިވާ" އެއް ސިޓީކަމަށާއި އެހެން ކަމުން އެމަނިކުފާނުގެ ވެރިކަމުގައި އަނެއްކާ ވެސް އެންމެ އިސްކަމެއް ދީގެން ލާމަރުކަޒީ އުސޫލުން ތަރައްގީކުރާނެ އެއް ސިޓީއަކީ އައްޑޫ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން މަސައްކަތްކުރާއިރު ސިޓީ ކައުންސިލްތަކަށް ދޭނެ ޖެހޭ ބާރުވެރިކަން ލިބިދީ، މާލީ ގޮތުން ތަނަވަސްކޮށް މުނިސިޕަލް ހުރިހާ ހިދުމަތްތަކެއް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލު ވެގެންދާނެ ކަމަށެވެ. އަދި ސިޓީން ލިބޭ އާމްދަނީން ވަކި ޕަސެންޓެއް ސިޓީ ކައުންސިލާ ހަވާލުކުރެވި ތަރައްގީގެ މަޝްރޫއުތައް އެބޭފުޅުން ހިންގާނީ ރައްޔިތުންގެ މަޝްވަރާއާ އެއްކޮށް ކަމަށް އިބޫ ވިދާޅުވި އެވެ.
އެމްޑީޕީގެ ސަރުކާރުގައި އައްޑޫގައި ހޮސްޕިޓަލެއް އެޅުމަށް ނިންމައި އެކަމަށް ބޭނުންވާ ފައިސާ ވެސް ހަމަ ޖެހިފައިވަނިކޮށް ސަރުކާރު ބަދަލުވުމަށްފަހު މިހާރުގެ ސަރުކާރުން އެ ފައިސާއަށް ހެދީ ކިހިނެތް ކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށް އިބޫ ވިދާޅުވި އެވެ. އިބޫ މިހެން ވިދާޅުވެފައިވާ އިރު އައްޑޫގައި ހޮސްޕިޓަލް އެޅުމަށް ކަމަށް ވިދާޅުވެ ކަނޑާފައިވާ ބިން އެގޮތަށް ބޭއްވުމަށްފަހު ރައީސް ޔާމީނުގެ ސަރުކާރުން ވަނީ އައްޑޫގައި ބިނާ ކުރެވުނު ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލް އިމާރާތަކަށް ބަދަލު ކުރައްވާފައެވެ. ރީތި ހިތްގައިމު އެ ބިނާގެ ވުޖޫދު ގެއްލުވާލާފައެވެ.
އައްޑޫ އަށް ކޮށްދޭނެ ބައިވަރު ކަންތައް ލިސްޓްކުރެވިފައި އެބަހުރި ކަމަށާއި އެކަންކަން އައްޑޫގައި ބާއްވާ ކެމްޕެއިން ބޮޑު ޖަލްސާގައި ހާމަ ކުރައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.