ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކޯޗު ޒައިނުއްދީން ޒިދާން ނެތި ރެއާލް މެޑްރިޑުން ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ރޭ ގެޓަފޭ އަތުން 2-0 އިން މޮޅުވެއްޖެ އެވެ.
އާ ކޯޗު ހުލެން ލޮޕެޓީގުގެ އިރުޝާދުގެ ދަށުން އެޓީމު ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑުތައް ޖަހައިދިނީ ސްޕެއިނުގެ ފުލްބެކް ޑެނީ ކަރްވަހާލް އާއި ވޭލްސްގެ ފޯވާޑް ގަރެތު ބޭލް އެވެ.
ރެއާލުން ރޭގެ މެޗަށް ނިކުތްއިރު އާއްމުކޮށް އެޓީމުގެ ފުރަތަމަ އެގާރައިގައި ކުޅޭ ކުޅުންތެރީން ކަމަށްވާ ލޫކާ މޮޑްރިޗާއި ކަސެމީރޯ އަދި ރަފައެލް ވަރާންގެ ބަދަލުގައި ޑެނީ ސެބަލޯސް އާއި އިސްކޯގެ އިތުރުން ނާޗޯ ފެނާންޑޭޒް އަށް ފުރަތަމަ އެގާރައިން ޖާގަ ދީފައިވެއެވެ. މީގެއިތުރުން، ޗެލްސީއިން އެޓީމަށް ބަދަލުވި ބެލްޖިއަމްގެ ގޯލްކީޕަރު ތިބައުޓް ކޯޓުއާގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމަނާފައިވަނީ ކޮސްޓާރިކާގެ ކީޕަރު ކޭލޯ ނަވާސް އެވެ.
ރެއާލްގެ ސަންޓިއާގޯ ބާނެބެއުގައި ކުޅުނު މިމެޗުގެ 16 ވަނަ މިނެޓުގައި ބޭލް އަށް ވަނީ ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުޞަތެއްލިބިފައެވެ. ބްރެޒިލްގެ ފުލްބެކް މާސެލޯ ތަނަވަސްކޮށްދިން ފުރުޞަތަކުން ބޭލް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑީގައިޖެހިފައެވެ.
އޭގެ ހަތަރު މިނެޓުފަހުން، ރެއާލަށް ލީޑް ނަގައިދިނީ ކަރްވަހާލް އެވެ. މިއީ އެޓީމުގެ ބޭލް ނެގި ހުރަހެއް ގެޓަފޭގެ ގޯލްކީޕަރު ޑޭވިޑް ސޮރިއާ ޕަންޗުކޮށް ފޮނުވާލުމުން ޕެނަލްޓީއޭރިޔާތެރޭގައި ހުރި ކަރްވަހާލް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.
މިމެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ރެއާލް ކުރީގައޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ރެއާލްގެ ދެވަނަ ލަނޑުޖަހައިދިނީ މާކޯ އަސެންސިއޯ ތަނަވަސްކުރި ފުރުޞަތަކުން ބޭލް އެވެ.
އޭގެފަހުން، މެޗުގެ 54 ވަނަ މިނެޓުގައި ރެއާލްގެ އަސެންސިއޯ އަށް ވަނީ އެޓީމުގެ ލީޑް ފުޅާ ކުރުމަށް ރަނގަޅު ފުރުޞަތެއްލިބިފައެވެ. ޕެނަލްޓީއޭރިޔާ ބޭރުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދަނޑީގައިޖެހިފައެވެ.
ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އަލަށް ޕްރޮމޯޓުވީ ކްލަބު ހުއެސްކާ އަތުން 2-1 އިން އެއިބާ ބަލިވިއިރު ސެވިއްޔާ ވަނީ 4-1 އިން ރަޔޯ ވަޔެކާނޯ އަތުން މޮޅުވެފައެވެ. މިމެޗުގައި ސެވިއްޔާގެ ޕޯޗުގަލްގެ ފޯވާޑް އަންދްރޭ ސިލްވާ ހެޓްރިކް ހަދާފައިވެއެވެ.
ލަލީގާގައި މިރޭ ކުޅޭ މެޗުތަކަށް ބަލާއިރު، ރަށުން ބޭރުގައި އެތުލެޓިކޯ މެޑްރިޑުން ވެލެންސިއާ އާ ދެކޮޅަށް ނިކުންނައިރު އެތުލެޓިކް ބިލްބާއޯ ނިކުންނާނީ ލެގާނެސް އާ ދެކޮޅަށެވެ.