Last Updated: November 27, 11:56
Wednesday, November 27, 2024
ކުޅިވަރު

އިންޓަ ބަލިވިއިރު ރޯމާ ފަހުވަގުތުގައި މޮޅުވެއްޖެ

އިންޓަ ކޮޅަށް ލަނޑުޖެހުމަށްފަހު ސަސުއޮލޯގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

އިޓާލިއަން ސެރިއޭގައި އިންޓަ މިލާނުން ކުޅުނު ފުރަތަމަ މެޗުގައި ސަސުއޮލޯ އަތުން 1-0 އިން ބަލިވިއިރު އެންމެފަހު ވަގުތު ކާމިޔާބުކުރި ލަނޑުން އޭއެސް ރޯމާ ވަނީ 1-0 އިން ޓޮރީނޯ ބަލިކޮށްފައެވެ.

އަހަރުތަކަށް ފަހު ޗެމްޕިއަންސް ލީގުން ވެސް ޖާގަ ހޯދާފައިވާ އިންޓަ އިން އަލަށް ގެނައި ކުޅުންތެރިންގެ ތެރެއިން ހޮލެންޑްގެ ޑިފެންޑަރު ސްޓެފަން ޑި ވްރައި އާއި ވަޑްވޯ އަސަމޮއާ އާއި މަޓެއޯ ޕޮލިޓާނޯ އަދި ޒުވާން ފޯވާޑް ލޮޓާރޯ މާޓިނޭޒް ފުރަތަމަ އެގާރައިގައި ކުޅުނެވެ. ކެއިޓާ ބާލްޑޭ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިރު އަނިޔާގެ ސަބަބުން ބެލްޖިއަމްގެ މިޑްފީލްޑަރު ރަޖާ ނައިންގޮލާން ނުކުޅެއެވެ.

ސަސުއޮލޯގެ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޑޮމެނިކޯ ބެރާޑީ އެވެ. މިއީ ސަސުއޮލޯގެ ފެޑަރީކޯ ޑި ފްރާންޗެސްކޯ އަށް އިންޓަގެ ޔޮއާ މާރިއޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ސަސުއޮލޯގެ ލީޑް ފުޅާ ކުރުމަށް ގާނާގެ ކެވިން ޕްރިންސް ބޯޓެން އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައިވެއެވެ.

އޭގެފަހުން، މެޗުގެ ފަހުވަގުތުގައި އިންޓަގެ ޑި ވްރައި އަށް ނަތީޖާ ހަމަހަމަކުރުމަށް ލިބުނު ފުރުޞަތުގައި އޭނާ ބޮލުން ފޮނުވާލި ބޯޅަ ސަސުއޮލޯގެ ގޯލްކީޕަރު އަންދްރެއާ ކޮންސީލީ ވަނީ މަތަކޮށްފައެވެ.

އިޓާލިއަން ލީގުގައި ރޭ ރޯމާ ކުޅުނު މެޗުގައި، އެންމެފަހު ވަގުތު ބޮސްނިއާގެ ފޯވާޑް އެޑިން ޖެކޯ ކާމިޔާބުކުރި ލަނޑުން ޓޮރީނޯގެ މައްޗަށް 1-0 އިން އެޓީމު ކުރިހޯދިއިރު މިލަނޑު ޖެހުމަށް އެހީތެރިވީ ހޮލެންޑްގެ ޒުވާން ކުޅުންތެރިޔާ ޖަސްޓިން ކްލައިވެޓް އެވެ.

އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ބޮލޯނާ އަތުން 1-0 އިން ސްޕަލް މޮޅުވިއިރު ޕާމާ އާއި އުދިނޭޒީ ބައްދަލުކުރިމެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މީގެއިތުރުން، ކަލިއާރީ އަތުން އެމްޕޯލީ 2-0 އިން މޮޅުވެފައިވެއެވެ.

ރޭ ކުޅެން އޮތް އޭސީ މިލާނާއި ޖެނޯއާގެ މެޗާއި ސަމްޕްޑޯރިއާ އާއި ފިއޮރެންޓީނާ ބައްދަލުކުރުމަށް ހަމަޖެހިފައިއޮތްމެޗު ވަނީ ފަސްކޮށްފަ އެވެ. އެއީ ޖެނޯއާ އާއި ސަމްޕްޑޯރިއާ ނިސްބަތްވާ ސިޓީގައި ބްރިޖެއް ވެއްޓި ހިނގި ހާދިސާއެއްގައި އެތައް ބަޔަކު މަރުވެފައިވާތީ އެކަމުގެ ހިތާމައިގައެވެ.

އިޓާލިއަން ސެރިއޭގައި މިލާނު ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހޮނިހިރު ދުވަހުގެރޭ ރަށުން ބޭރުގައި ނަޕޯލީއާ ދެކޮޅަށް ނިކުންނައިރު އެދުވަހުގެ ފުރަތަމަ މެޗުގައި ޔުވެންޓަސް އާއި ލާޒިއޯ ބައްދަލުކުރާނެއެވެ.