ޖަރުމަނުގެ ޑިފެންޑަރު ޖެރޯމް ބޯޓެން، ބަޔާން މިއުނިކް ދޫކޮށްލުމުގެ އޮތީ ވަރަށް ހަމަހަމަ ފުރުޞަތެއް ކަމަށާއި އޭނާ ބަދަލުވުން އެންމެ ގާތީ ފްރާންސްގެ ޕީއެސްޖީއަށް ކަމަށް ބަޔާންގެ ރައީސް އުލީ ހޮއެނެސް ބުނެފިއެވެ.
އުމުރުން 29 އަހަރުގެ ބޯޓެން ގެންދިއުމަށް އިނގިރޭސި ކްލަބު މެންޗެސްޓަރ ޔުނައިޓެޑުން މަސައްކަތްކުރިކަމަށް މީޑިއާގައި ވާހަކަ ދެކެވުނު ނަމަވެސް އެޤައުމުގެ ޓްރާންސްފާ ބާޒާރު މިހާރު ބަންދުވެފައިވާތީވެ ދެން އެކްލަބަށް އޭނާ ބަދަލުވުމުގެ ފުރުޞަތެއް ނެތެވެ.
ފްރާންސް، ސްޕެއިނު އަދި ޖަރުމަނުގެ ޓްރާންސްފާ ބާޒާރު ބަންދުވާނީ މިމަހުގެ 31 ވަނަ ދުވަހުއެވެ.
"ޖެރޯމް ބަދަލުވާން ބޭނުންވާކަމަށް ރުމެނިގޭ (ޗެއާމަން) ގާތުގައި ބުނެފައިވަނީ." ސްކައިނިއުސް އަށް ދިން އިންޓަވިއުގައި އުލީ ހޮއެނެސް ބުންޏެވެ.
"އޭނާ ދިއުމުގެ އޮތީ 50-50 އިންސައްތައިގެ ފުރުޞަތެއް. އޭނާ މަޑުކޮށްފިނަމަ އެއީ އަހަރެމެންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް. އޭނާ އަކީ މޮޅު ކުޅުންތެރިއެއް. މިކްލަބު ދޫކޮށް އޭނާ ދާނީ ޕީއެސްޖީއަށް ކަމަށް ޤަބޫލުކުރެވޭ." ހޮއެނެސް ބުންޏެވެ.
"ކުޅުންތެރިއަކު ކްލަބު ދޫކޮށްލަން ބޭނުންވެއްޖެ ހިނދެއްގައި، އޭނާގެ ބަދަލުގައި އެހެން ކުޅުންތެރިއެއް ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. ކުރިއަށް އޮތް ހަފްތާގައި އެކަމަށް ގޮތެއް ނިންމާނަން." ހޮއެނެސް އިތުރަށް ބުނެފައިވެއެވެ.
ކުރީން އިނގިރޭސި ކްލަބު މެންޗެސްޓަރ ސިޓީ އަށް ކުޅުނު ބޯޓެން، 40 މިލިއަން ޕައުންޑަށް ޔުނައިޓެޑަށް ވިއްކާލަން ބަޔާން އިން ހުށަހެޅި ނަމަވެސް ފާއިތުވެދިޔަ ދެސީޒަނުގައި ޖުމްލަ 33 މެޗު ކުޅެފައިވުމުން ޔުނައިޓެޑުން އޭނާ ގެންދިއުމަށް ބޭނުންވީ ލޯނު އުސޫލުން ކަމަށްވުމުން ދެކްލަބުން އެއްބަސްވުމަކަށް އާދެވޭގޮތްނުވީކަމަށް ބީބީސީގެ ރިޕޯޓްތަކުގައިވެއެވެ.
ބޯޓެން ވަނީ ބަޔާންގައި ހޭދަކުރީ ހަތް ސީޒަނުގައި ބުންޑަސްލީގާ ތަށި 6 ފަހަރު ހޯދައި 2013 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، އޭނާ ވަނީ މިހާތަނަށް ޖަރުމަނުގެ ޤައުމީޓީމަށް 73 މެޗު ހަމަކޮށް، 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގައިވެސް ހިމެނިފައެވެ.