Last Updated: November 27, 12:52
Wednesday, November 27, 2024
ކުޅިވަރު

ޕެލަސް ބަލިކޮށް ލިވަޕޫލުން ދެވަނަ މޮޅު ހޯދައިފި

ކްރިސްޓަލް ޕެލަސް ކޮޅަށް ލިވަޕޫލްގެ ދެވަނަ ލަނޑުޖެހުމަށްފަހު ސަޑިއޯ މާނޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލުން ދެވަނަ މޮޅު ހޯދައިފިއެވެ.

ކްރިސްޓަލް ޕެލަސްގެ ދަނޑުގައި ކުޅުނު މިމެޗުން ލިވަޕޫލް 2-0 އިން މޮޅުވިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ ކެޕްޓަން ޖޭމްސް މިލްނާ އާއި ސަޑިއޯ މާނޭ އެވެ.

ޕެލަސް ކޮޅަށް ވައްދާލި ލަނޑާއިއެކު މިލްނާ އަކީ މިހާތަނަށް ޕްރިމިއާ ލީގުގައި ވިދިވިދިގެން 8 ގޯލް، ޕެނަލްޓީ މެދުވެރިކޮށް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް ޕްރިމިއާ ލީގުގައި ޖެހި 15 ޕެނަލްޓީގެތެރެއިން 13 ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އެގޮތުން، އޭނާ ވަނީ ލިވަޕޫލަށް 10 ޕެނަލްޓީގެތެރެއިން 9 ޕެނަލްޓީ ކާމިޔާބުކޮށްދީފައެވެ.

މިމެޗު ފެށިގެން ލިވަޕޫލުން ގިނަ ވަގުތު ބޯޅަ ގެންގުޅުނު ނަމަވެސް ގޯލަށް އަމާޒުކޮށް އެންމެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޕެލަސްއިންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި އެޓީމުގެ އެންޑްރޮސް ޓައުންސެންޑް ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑީގައި ޖެހިފައެވެ.

އޭގެ ދެމިނެޓުފަހުން، ލިވަޕޫލްގެ ނަބީ ކެއިޓާ އަށް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ޕެލަސްގެ ގޯލްކީޕަރު ވޭން ހެނެސީ ވަނީ ކޯނަރަކަށް ބޭރު ކޮށްލާފައެވެ.

ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ލިވަޕޫލަށް ލީޑް ނަގައިދިނީ ލިބުނު ޕެނަލްޓިއަކުން މިލްނާ އެވެ. މިއީ އެޓީމުގެ މުހައްމަދު ސަލާހު އަށް ޕެލަސްގެ ޑިފެންޑަރު މަމަދޫ ސާކޯ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ލިވަޕޫލް ކުރީގައޮވެގެންނެވެ.

ކްރިސްޓަލް ޕެލަސްގެ ވިލްފްރައިޑް ޒާހާ (މ) އަތުން ބޯޅަ ހޯދުމަށް ލިވަޕޫލްގެ ކުޅުންތެރިން މަސައްކަތްކުރަނީ. –ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

ދެވަނަ ހާފުގެ ކުރީކޮޅު، ޕެލަސް އިން މެޗުގެ ކޮންޓްރޯލް އަތުލިނަމަވެސް ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.

މެޗުގެ 60 ވަނަ މިނެޓުގައި ސަލާހު ވަނީ ލިވަޕޫލްގެ ލީޑް ފުޅާކޮށްދިނުމާއި ގާތަށް ޖެހިލާފައެވެ. ޕެލަސްގެ ޕެނަލްޓީއޭރިޔާބޭރުން އޭނާ ފޮނުވާލި ބޯޅަ ޕެލަސްގެ ކުޅުންތެރިއެއް ވަނީ ކޯނަރަކަށް ބޭރުކޮށްލާފައެވެ.

އޭގެފަހުން، 73 ވަނަ މިނެޓުގައި ޕެލަސްގެ ވިލްފްރައިޑް ޒާހާ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ މާ ރަނގަޅަށް ފޮނުވާލެވޭގޮތްނުވުމުން ލިވަޕޫލްގެ ގޯލްކީޕަރު އެލިސަން ބެކާ ވަނީ ވަރަށް ފަސޭހަކަމާއިއެކު މަތަކޮށްފައެވެ.

ޕެލަސް އަށް އިތުރު މައްސަލަތައް ކުރިމަތިވީ، މެޗުގެ 75 ވަނަ މިނެޓުގައި ލިވަޕޫލްގެ ސަލާހު އަށް ކުރި ފައުލަކަށް ޕެލަސްގެ ފުލްބެކް އާރޮން ވަން ބިސާކާ އަށް ރެފްރީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. ޕެލަސްގެ ވަން ބިސާކާ އަށް ރެފްރީ ރަތްކާޑު ދެއްކީ ޕެނަލްޓީއޭރިޔާގެ ބޭރުން ލިވަޕޫލްގެ ސަލާހު އަށް ގޯލު ޖެހުމަށް ލިބުނު ހުސް ފުރުޞަތަކަށް ހުރަސް އެޅުމުންނެވެ.

މެޗުގެ 84 ވަނަ މިނެޓުގައި ލިވަޕޫލްގެ މާނޭ ތަނަވަސްކުރި ފުރުޞަތަކުން ސަލާހު ބޮލުން ފޮނުވާލި ބޯޅައެއް ޕެލަސްގެ ކީޕަރު ހެނެސީ ވަނީ ގޯލަށްވަނަނުދީ ސަލާމަތްކޮށްފައެވެ.

މިމެޗުގައި ލިވަޕޫލުން ޖެހި ދެވަނަ ލަނޑު އިތުރުވަގުތުގައި ކާމިޔާބުކޮށްދިނީ ސަލާހު ތަނަވަސްކުރި ފުރުޞަތަކުން މާނޭ އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ތިންވަނަ ގޯލެވެ.

މިމެޗުން ހޯދީ މޮޅާއިއެކު ލިވަޕޫލުން ވަނީ ކުޅުނު ދެމެޗުން މޮޅުވެ ހަ ޕޮއިންޓާއިއެކު ޕްރިމިއާ ލީގުގެ ތާވަލްގެ ދެވަނައަށް ޖެހިލާފައެވެ. މެންޗެސްޓަރ ސިޓީއަށް އެއްވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. މިމެޗުން ބަލިވެ ޕެލަސް ވަނީ ތާވަލްގެ 10 ވަނައަށް ވެއްޓިފައެވެ.