Last Updated: November 27, 11:56
Wednesday, November 27, 2024
ކުޅިވަރު

ލަލީގާ: ވެލެންސިއާ އާއި އެތުލެޓިކޯ ވީ އެއްވަރު

އެތުލެޓިކޯގެ ކުޅުންތެރިން ވެލެންސިއާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ލަލީގާ

ސްޕެނިޝް ލީގުގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުގައި އެތުލެޓިކޯ މެޑްރިޑާއި ވެލެންސިއާގެ ކުރިމަތިލުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ވެލެންސިއާގެ ދަނޑުގައި ކުޅުނު މިމެޗުގެ ކުރީކޮޅު މޮޅު ކުޅުމެއް ދައްކައި ލީޑް ނެގީ އެތުލެޓިކޯއިންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި ފްރާންސްގެ އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުޞަތަކުން މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް އެންހެލް ކޮރިއާ އެވެ. ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-1 އިން އެތުލެޓިކޯ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 11 ވަނަ މިނެޓުގައި އެތުލެޓިކޯގެ އިތުބާރު ޑިފެންޑަރު ޑިއޭގޯ ގޮޑިން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ވެލެންސިއާގެ ފޯވާޑް ރޮޑްރީގޯ ވަނީ ޕެނަލްޓީއޭރިޔާތެރެއިން ކާމިޔާބުކުރި ރީތި ގޯލަކުން އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ވެލެންސިއާގެ ލަނޑަށްފަހު އެޓީމުން ގޯލްޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން، އެޓީމުގެ ޑެނިއެލް ޕަރޭހޯ ތަނަވަސްކުރި ފުރުޞަތަކުން ބްރެޒިލްގެ ޑިފެންޑަރު ގެބްރިއެލް ޕައުލިސްޓާ ބޮލުން ފޮނުވާލި ބޯޅަ އަރިމަތީދަނޑިއަށް އަމާޒުވިއިރު މިޗީ ބަޓުޝުއާޔީ އާއި ޑެނިއަލް ވާސް އަދި ކެވިން ގަމެއިރޯ ފޮނުވާލި ހަމަލާތައް އެތުލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަކް ވަނީ ހުށިޔާރުކަމާއިއެކު ދިފާއުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗު މާސެލީނޯ ބުނީ މުޅި މެޗުގެ ބޮޑުބައި ވެލެންސިއާ އިން ޑޮމިނޭޓު ކުރިކަމަށާއި ނިމިދިޔަ ސީޒަނުގައި އެތުލެޓިކޯ އާ ދެކޮޅަށް ކުޅުނު ދެމެޗުގައި ވެލެންސިއާ އިން ތަނަވަސްކުރި ފުރުޞަތުތަކަށް ވުރެ މިމެޗުގައި އެޓީމުން ލަނޑުޖެހުމަށް މާގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައިވާކަމަށެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ވެލެންސިއާ އަތުން ޕޮއިންޓެއް ހޯދުމަކީ ފަސޭހަކަމެއް ނޫންކަމަށާއި މިދިޔައަހަރު އޭނާ ބުނިގޮތަށް ވެލެންސިއާ އިތުރަށް ވަރުގަދަކޮށް ކުރިއެރުންތައް ހޯދާފައިވާ ކަމަށާއި އަދިވެސް މިއަށްވުރެ އެޓީމު ރަނގަޅު ވާނެ ކަމަށެވެ.

ލަލީގާގައި ރޭ ކުޅުނު އަނެއް މެޗުގައި، ލެގާނެސް އަތުން 2-1 އިން އެތުލެޓިކް ބިލްބާއޯ މޮޅުވިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ ސްޕެއިނުގެ ޒުވާން ކުޅުންތެރިޔާ ޕެރޫ ނޮލަސްކޮއައިން އާއި އިކާ މުނިއައިން އެވެ. ލެގާނެސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޖޮނަތަން ސިލްވާ އެވެ.