(މެއި 8، 2013 ވަނަ ދުވަހުގެ ބަޔާ ގުޅޭ)
ކާ ގެއާ ދިމާއަށް އެންމެން ވެސް ދިޔައީ ވަރަށް ހަމަހިމޭން ކޮށެވެ.
ވިއާމާ ސާރާ އިށީންނަން ގޮނޑި ދައްކާލި އެވެ.
ސާރާވެ ސް އިސްޖަހާލުމާ އެކު މަޑު ހިނގުމެއްގައި ގޮސް ސާހިލް އާ ޖެހިގެން އިށީނެވެ. ސާރާ އިށީނުމާ އެކު ސާހިލް އަށް ސާރާ ޖަހާފައިވާ ސެންޓުން އޭނާ ކައިރީ އިށީނީ ސާރާކަން ދެނެ ގަންނާކަށް މާ އުދަގުލެއް ނުވި އެވެ. ސާހިލް ހިނިތުންވެލި އެވެ. ތިއީ އަހަރެން އެންމެ އެދޭ ގޮތޭ ބުނާ އުސޫލުންނެވެ.
ވަރަށް މަޖަލުގައި ސައި ގަޑި ނިމިގެން ދިޔަ އެވެ. އަދި ސައިގެ ފަހުން އެންމެން ޖޯލިފަތީގައި އަނގަތަޅަން އިށީނެވެ. އެ ވަގުތު ވިއާމާގެ އެކުވެރި އަންހެން ކުއްޖެއް ކަމަށްވާ މަދީހާ ހަވާދު ފުނޑަން ދާން ވިއާމާ ބަލައި އަ އެވެ. އާންމު ގޮތެއްގައި ވިއާމާ ރަށުގައި އުޅެންޏާ ރައްޓިހި ކުދިންނާ އެކު އެ ކުދިން ބުނާ ކަންތަށް ކޮށްލަ ދޭން އޭނާ ދާނެ އެވެ.
"މަލް…އަހަރެން މި ދަނީ ތުއްތަ ގޯތީ ހަވާދު ކޮޅު ފުނޑާލަދޭން މަދީހާ އެކު. ތީނަ ސާހިލް އާ އެކު ހުރޭ އިނގޭ. ގައިމު ވެސް އޭނާ މަލް ފޫހި ނުކުރުވާނެ." މައުނަވީ ގޮތަކަށް ސާހިލް އާ ދިމާއަށް ބަލާލަމުން ވިއާމާ ބުނެލި އެެވެ. "ފުނޑަން ގޮސް އަހަރެމެން މުޅިހެން ދައްކާނީ މި ފަރާތު ފިރިހެން ކުދިންގެ ވާހަކަ. މިއީ ތީނަ ގަބޫލު ވާހަކައަކަށް ނުވާނެ. ވީމާ ސާހިލް އަކީ މަލް ފޫހި ނުކުރުވާ ވާހަކަ ދައްކައި ދޭނެ މީހެެއް."
"އައްދޭ ހާދަ އިތުބާރެއް ދޯ މަށަށް ތި ކުރަނީ؟ އެންމެ ރަނގަޅު. ދެން މަވެސް ތި އިތުބާރު ދެމެހެއްޓޭތޯ މަސައްކަތް ކުރާނަން."
ސާހިލް ވެސް ހިނިތުންވުމަކާ އެކު ބުނެލި އެވެ.
ވިއާމާ ދިޔުމަށް ފަހު ސާހިލް އާއި ސާރާ ބަގީޗާ އަށް ދިޔަ އެވެ. އެތަނުގައި ވާ ހިލަ ގޮނޑީގައި ދެމީހުން އިށީނދެލި އެވެ. އަދި އެ ވަގުތު އެ ދެ މީހުންގެ ދެމެދަށް ވެސް ފުން ހިމޭންކަމެއް ވެރިވި އެވެ.
އަދި ކައިރީގައި ހުރި ގެއަކުން އަލީ ރަމީޒް އާ ފަޒީލާ ކިޔާފައިވާ "ހުވަފެން ދެކޭނީ ހިއްސާ ކުރާނީ" މި ލަވަ އަންނަން ފެށި އެވެ.
ސާހިލްމެން މި ލަވަ ނިމެންދެން އަހަން ތިއްބެވެ. ހިމޭން ކަމާއެކުގަ އެވެ. އެ ދެ މީހުންނަށް ހީވީ އެ ލަވަ ކިޔަމުން ދަނީ އެ ދެމީހުން ކަމުގަ އެވެ.
"ވަރަށް ރީތި ލަވައެއް." ސާރާ ބުނެލި އެވެ.
"އާނ…ވަރަށް ރީތި…ވަރަށް މާނަ ފުން ލަވައެއް." ސާހިލް ވެސް އެއްބަސްވެލި އެވެ.
"ވިއާމާ…މިހާރަކަށް އައިސް ތި ހުންނަނީ ހާދަ މޯޅިވެފަ. ވެގެން ތިއުޅެނީ ކީއް؟" މަދީހާ ވިއާމާ ފުނޑަން އިން އިރު ވެސް ވަރަށް ހިމޭނުން އިންނާތީ އަހާލި އެވެ.
"މަދީ…އެއްވެސް ކަމެއް ނުވޭ. މީހަކު ހިމޭނުން އިނީއްޔާ އޭގެ މާނައަކީ ކޮންމެވެސް ކަމެއް އުޅެނީޔޭތަ؟" ވިއާމާ ނުރުހުންވާ ގޮތް ދައްކާލަމުން ބުނެލި އެވެ.
"މީހެއް ނޫނޭ…ތީނަ ހިމޭނުން އިނީއްޔާ އެއީ ނުރައްކާތެރިކަމުގެ ރަނގަބީލެއް. އޭގެ މާނައަކީ ކޮންމެވެސް ތާކު ކޮންމެވެސް ނުރައްކަލެއް އުޅެނީއޭ. ބުނެބަލަ. މިއީ ދޮގެއްތަ؟" މަދީހާ އަނެއްކާވެސް ވިއާމާ އާ ދިމާކޮށްލި އެވެ.
"ހޫނ..މީނަ ބޭނުމީ އަހަރެން މީތި ފުނޑަން އިންނަންތަ ނޫނީ މިތަނުން ދާންތަ؟" ވިއާމާ ތަންކޮޅެއް ހަރުކަށި އަޑަކުން ބުނެލި އެވެ.
"ތައުބާ…ތައުބާ..އަހަރެން ބޭނުމީ ކަމަނާ ފުނޑައި ދޭން." ވަގުތުން މަދީހާ އަމާން ދިނެވެ. އޭނާގެ ހަތިޔާރު ބެހެއްޓި އެވެ.
"ހޫނ…އެހެންވިއްޔާ ހިމޭނުން އިނދޭ." މަދިހާ ހިމޭން ކުރުވުމަށް ފަހު އަނެއްކާވެސް ވިއާމާ އޭނާގެ ޙިޔާލުތަކުގެ ފުން ކަނޑަށް ޢަރަގު ވި އެވެ.
ވިއާމާ އަށް ސާރާ އާއި ސާހިލް ވާހަކަ ދައްކަން ތިބޭ ތަން ފެނިފައި އޭނާގެ ހިތުގައި ރިހުމެއް އުފެދެން ވީ ސަބަބެއް ނޭގުނެވެ. އެކަމަކު އެހެން ވެގެން ނުވާނެ އެވެ. ސާހިލް ދުވަހަކު ވެސް އޭނާ އާ އެކު އެފަދަ ގުޅުމެއް ބޭއްވީކީ ނޫނެވެ. އެފަދަ ވާހަކައެއް ދެއްކީކީ ނޫނެވެ. ވީ އިރު މިފަދަ ގޮތަކަށް އޭނާގެ ހިތްދަތިވާކަށް ނުޖެހެ އެވެ. އެކަމަަކު މަލްހާ އާއި ސާހިލް އެއީ ހަމަ ރަހްމަތްތެރިކަން ކަމަށް ވެސް ވެދާނެ އެވެ. ހުރިހާ ވެސް ގޯހަކީ މަގޭ ހިތެވެ. ވިއާމާ ހިނިތުންވެލި އެވެ.
ވިއާމާގެ މޫނަށް އަރާ ފައިބާ ހުރިހާ ކުލަވަރެއް މަދީހާ ދާދި ގާތުން ބަލަމުން ދިޔަ އެވެ. އަދި ހިނިތުންވެލި އެވެ.
ވިއާމާ ވެސް މަދީހާގެ މޫނަށް ބަލާލާފައި ހީލި އެވެ. އަދި އޭނާގެ މަސައްކަތަށް އެނބުރިލި އެވެ.
ވިއާމާ ގެއަށް ވަން އިރު ސާރާ ފެންނަން ނެތުމުން ހާސްވި އެވެ.
"އަނެއްކާ ކޮންތާކަށްބާ އެ ދިޔައީ؟" ވިއާމާ ހިތާ ހިތާ ކިޔާލި އެވެ. އަދި އެ ވަގުތު ވަރަށް ބާރަށް ގޭތެރެ އަށް ވަދެގެން ދިޔަ އެވެ. އެ ދިޔަ މަގުމަތީ ސާހިލްގެ ކޮޓަރި ކައިރި އަށް ވިއާމާ މަޑުކޮށްލި އެވެ.
(ނުނިމޭ)