ޒަމާނުއްސުރެ ރާއްޖެއިން ހައްޖަށް ދާ މީހުން ފުރުވުމަށް ބާއްވާ ރަސްމިއްޔާތުތައް އިންތިޒާމް ކުރަނީ ސަރުކާރުގެ ފަރާތުންނެވެ. 2008 ވަނަ އަހަރުން ފެށިގެން އެ މަސްޢޫލިއްޔަތު އަދާކުރަމުން ގެންދަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުންނެވެ.
ދިވެހި ހައްޖާޖީން ފުރުވުމުގެ ރަސްމިއްޔާތުގެ ކަންތައް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވިލަރެސް ކުރަމުން ގެންދާއިރު، އެކަމުގައި ބައިވެރިވުމަށް އެކި ފަރާތްތަކަށް ދައުވަތު ދެނީ ވެސް އެ މިނިސްޓްރީންނެވެ.
އެހެން ނަމަވެސް މިފަހަރު ދިވެހި ހައްޖާޖީން ފުރުވުމަށް ބޭއްވި ރަސްމިއްޔާތަށް އިސްލާމިކް މިނިސްޓްރީއަށް ވުރެ ކުރީ ސަފަށް ނިކުތީ ސައުދީ އެއާލައިނުގެ ފަރާތުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދިއްޔާ އެއާލައިނުގެ ފަރާތުން ވަނީ ސީދާ އެ ރަސްމިއްޔާތުގެ ބައެއް ކަންކަމަށް ޚަރަދުކޮށްފައެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫަލައިވް' އާއި ވާހަކަ ދެއްކި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މީގެ ކުރިން ދިވެހި ހައްޖުވެރިން ފުރުވުމުގައި ރަސްމިއްޔާތުގެ ކަންކަމަކީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން އިސްނަގައިގެން ކުރާ ކަމެއް ކަމަށެވެ.
އޭނާ ބުނި ގޮތުގައި ނަމަވެސް މިފަހަރު ހައްޖާޖީން ފުރުވުމުގެ ރަސްމިއްޔާތަށް ސައުދީ އެއާލައިނުން ޚަރަދު ކުރި ކަމަށެވެ.
އެހެން ނަމަވެސް މިކަމާއި ބެހޭގޮތުން ސައުދީ އެއާލައިން އަދި އެ ގައުމުގެ އެމްބަސީގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.
ސައުދީ ޤައުމީ އެއާލައިނުން ރާއްޖޭގެ ހައްޖާޖީން ފުރުވުމުގެ ކަންކަމަށް މީގެ ކުރިން ޚަރަދުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ބޯމަތިވެފައި ވަނިކޮށް ހައްޖާޖީންގެ ކަންތަކަށް ޚަރަދުކުރީ ކީޢްވެގެން ހެއްޔެވެ؟
ސައުދީ ނުފޫޒު ރާއްޖޭގައި ގަދަވެފައިވާ ކަމުގެ ވާހަކަ ވަރަށް ބާރަށް ދެކެވުމުންދާާ ދަނޑވަޅެއްގައި ފެނިގެން މިދިޔައީ، ސައުދީން ރާއްޖެއަށް ނުފޫޒު ފޯރުވާ ކަމުގެ ހެއްކެއް ހެއްޔެވެ؟ ނުަވަތަ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯޜުވަން އެ ގައުމު ބޭނުންކުރާ އާ އުކުޅެއް ހެއްޔެވެ؟
ރާއްޖޭގެ ހައްޖާޖީން ފުރުވުމަށް ބާއްވާ ރަސްމިއްޔާތުގެ ހުރިހާ ޚަރަދެއް ސައުދީ އެއާލައިނުން ކުރަން ނިންމިއިރު މިކަން އިސްލާމިކް މިނިސްޓްރީން "ދިފާޢު" ކުރާނެ ގޮތެއް ނޭނގެއެވެ.