Last Updated: November 27, 11:56
Wednesday, November 27, 2024
ކުޅިވަރު

ޔޫއެފާ އިން ޕީއެސްޖީ އަށް އަދަބުދީފިނަމަ ނޭމާ ނޫނީ އެމްބާޕޭ ދޫކޮށްލަން ޖެހިދާނެ!

ޔޫއެފާގެ ފައިނޭންޝިއަލް ފެއާޕްލޭގެ ގަވާއިދާއި ހިލާފުވިކަމަށް ޕީއެސްޖީގެ މައްޗަށް ސާބިތުވެއްޖެނަމަ އެޓީމުގެ އެންމެ އަގުބޮޑު ކުޅުންތެރިންކަމަށްވާ ނޭމާ ނޫނީ ކިލިއަން އެމްބާޕޭ ދޫކޮށްލަން ޖެހިދާނެކަމަށް އެންމެ ފަހުގެ ރިޕޯޓްތަކުގައިވެއެވެ.

ބެލެވޭގޮތުގައި، ސްޕެއިނުގެ ރެއާލް މެޑްރިޑުން މިހާތަނަށް އައިއިރު އެޓޭކިން ކުޅުންތެރިޔަކު ގެނައުމާ މެދު ގޮތެއް ގޮތެއް ނުނިންމާ ހުރީ، ފްރާންސްގެ ޕީއެސްޖީގެ އަށް ޔުއެފާ ކްލަބު ފައިނޭންޝިއަލް ކޮންޓްރޯލް ބޮޑީގެ ފަރާތުން ލިބޭނެ އަދަބަކަށް ބަލަމުން އަންނާތީ ކަމަށްވެސް ބައެއް މީޑިއާ ރިޕޯޓްތަކުގައިވެއެވެ.

ޕީއެސްޖީގެ މައްޗަށް ގަވާއިދާ ހިލާފަށް ހަރަދުކޮށްފައިވާކަން ސާބިތުވެއްޖެ ނަމަ ކުޅުންތެރިންތަކެއް ވިއްކާލަން މަޖުބޫރުވާނެ އެވެ. އެހެންވެއްޖެ ނަމަ ރެއާލް މެޑްރިޑަށް ޕީއެސްޖީގެ ނޭމާ ނޫނީ އެމްބާޕޭ ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެކުރީންވެސް، ރެއާލުން ނޭމާ ގެނައުމަށް މަސައްކަތްކޮށްފައިވާ ކަމަށް މީޑިއާގައި އަޑުފެތުރިފައިވެއެވެ.

ޕީއެސްޖީ އަށް ލިބިދާނެ އަނެއް އަދަބަކީ ވަކި މުއްދަތަކަށް ކުޅުންތެރިން ނުގެނެވޭ ގޮތް ވުމެވެ. އެހެންވެއްޖެ ނަމަ ލޯން އުސޫލުން މޮނާކޯ އިން ގެނެސްފައި ހުރި އެމްބާޕޭގެ ކޮންޓްރެކްޓް ދާއިމީ ނުކުރެވި އޭނާ އަނބުރާ ފޮނުވާލަން ޖެހޭނެ އެވެ. އެހެންވެއްޖެ ނަމަ އެމްބާޕޭ ގެނައުމުގެ ފުރުސަތު ވެސް ރެއާލަށް ލިބޭނެ އެވެ. މީގެއިތުރުން، ޔޫއެފާއިން ބޮޑު އަދަދަކުން ޕީއެސްޖީ ޖޫރިމަނާކުރުމަކީވެސް އެކްލަބަށް ލިބިދާނެ އަދަބެކެވެ.

މިފަހަރުގެ ޓްރާންސްފާ ބާޒާރުގައި، ރެއާލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވެފައިވާއިރު، އޭނާގެ ބަދަލުގައި އެޓީމުން މިހާތަނަށް އައިއިރު މޮޅު ކުޅުންތެރިޔަކު އަދި ގެނެސްފައެއްނުވެއެވެ. ރެއާލުން، އެޑެން ހަޒާޑް ގަންނަން ހުށަހެޅިނަމަވެސް ޗެލްސީ އިން ވަނީ އޭނާ ނުވިއްކާނެކަމަށް ބުނެފައެވެ.

ސްޕެއިނުގެ ޓްރާންސްފާ ބާޒާރު ބަންދުވާން އަދި އެއްހަފްތާ އޮތް ނަމަވެސް އިނގިރޭސިވިލާތުގެ ޓްރާންސްފާ ބާޒާރު ބަންދުވެފައިވުމުން ރެއާލަށް ދެން ހަޒާޑު ގެނައުމުގެ އެއްވެސް ފުރުޞަތެއް ނެތެވެ. އެހެންނަމަވެސް، ފްރާންސް އަދި ޖަރުމަނުގެ ޓްރާންސްފާ ބާޒާރު އަދި ހުޅުވިފައި އޮތުމުން ރެއާލަށް އެދެލީގުން ކުޅުންތެރިން ގަތުމުގެ ފުރުޞަތު އެބައޮތެވެ. ޕީއެސްޖީއާ މެދު ޔުއެފާ އިން މިއަދު ވެސް ގޮތެއް ނިންމަފާނެ ކަމަށް ބެލެވެ އެވެ.